Roadha Mihaaru
ޖޭއެސްސީގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަނީ

ޖޭއެސްސީގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަނީ

11 ޖުލައި 2024

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ޖޭއެސްސީން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ރާއްޖޭގެ މިވަގުތުގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރަން ރައީސް އޮފީހުން އަންގާފައި ވާތީ އެކަން ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނި ގޮތުގައި، ކޮމިޝަންގެ ރިކަރަންޓް ހަރަދުތައް ކުޑަކޮށް ފިޔަވަޅުތަކެއް އަޅަން ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގަ އެވެ.

އެ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް އޮފީހުގެ ސިޓީގައި ބަޔާންކޮށްފައި ކަންތައްތަކަށާއި އެ ކޮމިޝަނުންނާއި ޑިޕާޓްމަޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން މި އަހަރު ކުރަން ރާވާފައިވާ ކަންތައްތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށް އެ ސިޓީގައި ބުންޏެވެ.

ކޮމިޝަނުން އަޅަން ނިންމި ފިޔަވަޅުތައް

• ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގާ ޓްރޭނިން ޕްރޮގްރާމްތައް ފިޔަވައި އެހެނިހެން ޕްރޮގްރާމްތައް ހިންގުން މަޑުޖައްސާލުން.

• އިތުރުގަޑީގައި ކޮންމެހެން ނުކުމެ ކުރަން ޖެހޭ މަސައްކަތްތައް، ސުޕަވައިޒަރުގެ ހާއްސަ ހުއްދާ އެކު ކުރުމާއި ސުޕަވައިޒަރުން އިތުރުގަޑި މޮނިޓާކުރުން.

• އާ މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުން.

• އާ ފަނޑިޔާރުން ނެގުމުގެ މަސައްކަތް މަޑުޖައްސާލުން.

• އާ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުތައް މިވަގުތަށް ނުބޭއްވުން.

• މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރުން ދިގު މުއްދަތުގެ ކޯސްތަކަށް ވީއްލުން މަޑުޖައްސާލުން.

ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ހުރި ގޮތުން، ސަރުކާރުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ. ބައެއް ކަންކަން މިހާރު ވަނީ ތަންފީޒުކުރަން ވެސް ފަށައިފަ އެވެ. އޭގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަށް ވެސް ހިމެނެ އެވެ.