Roadha Mihaaru
ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީއިން ބަލަނީ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީއިން ބަލަނީ

01 ސެޕްޓެމްބަރ 2024

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޒްނާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ.

ނަމަވެސް މިކަމާ ބެހޭގޮތުން ޖޭއެސްސީއިން މައުލޫމާތެއް ނުދެ އެވެ. އެ ކޮމިޝަނުން ބުނީ ބަލަމުންދާ މައްސަލަތަކުގައި ގޮތެއް ނިމުމުން ނޫނީ މީޑިއާއަށް މައުލޫމާތު ހާމަ ނުކުރާނެ ކަމަށެވެ.

ރިޒްނާގެ މައްސަލަ ބެލުމަށް ޖޭއެސްސީއިން މިހާރު ވަނީ ތަހުގީގު ކޮމިޓީ ވެސް އެކުލަވާލައިފަ އެވެ.

ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނެވި ރިޒްނާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މަދަނީ ކޯޓުގެ ރެޖިސްޓްރާ ކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާކުރެއްވި ރިޒްނާ، ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިއަކަށް ހަމަޖެއްސީ، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.

އެ އިސްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުވި އާ ޑިޕާޓްމަންޓެއް އުފައްދައި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހަމަަޖައްސަން ޖެހެ އެވެ.

ނޮވެމްބަރު، 2018 އިން ފެށިގެން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ނަޒީރެވެ. އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރުމާއެކު، އެ މަގާމުން ޑރ. ނަޒީރުގެ މަގާމު ގެއްލުނެވެ. ނަޒީރަކީ މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ފަސް އަހަރުގެ މުއްދަތަކަށް އައްޔަންކުރާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000 އަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ.