Roadha Mihaaru
ވަކި ފުލުހުންނާ ހެދި މުއައްސަސާ ބަދުނާމު ވެގެން ނުވާނެ

ވަކިވަކި ފުލުހުން ކުރާ ކަމަކުން މުއައްސަސާ ބަދުނާމު ކޮށްގެން ނުވާނެ: އަޒްލީން

27 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ގޯސް ކަންކަމާ ހެދި މުޅި ފުލުހުންގެ މުއައްސަސާ އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަކިވަކި ފުލުހުން ކުރާ ގޯސް ކަންކަމާ ހެދި މުޅި ފުލުހުންގެ މުއައްސަސާ އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ، ފުލުހުންނަކީ ޕްރޮފެޝަނަލްކަމާ އެކު މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެކަމަކު އެއީ ވެސް އިންސާނުންނަށް ވާތީ، ފުލުހުންނަށް ވެސް ގޯސްތަކެއް ހެދިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ވަކިވަކި ފުލުހުން ކުރާ އެފަދަ ގޯސް ކަންކަމުގެ ސަބަބުން އޭގެ ޒިންމާ މުޅި މުއައްސަސާ ނަގަން ނުޖެހޭނެ ކަމަށާއި އެކަމުގެ ބަދު ބަސްތައް ހުރިހާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާ އަށް ރައްދުކޮށްގެން ނުވާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"އާއިލާއެއްގެ އެންމެ ކުއްޖަކު ކުރާ ކަމަކާ ގުޅިގެން މުޅި އެ އާއިލާ ބަދުނާމު ކޮށްގެން ނުވާނެ. ވަކި ފުލުހަކު ކުރާ ކަމަކާ ގުޅިގެން މުޅި އެ މުއައްސަސާ އަށް ފާޑު ކިޔައި، ނުވަތަ ބަދު ބަސް ރައްދު ކޮށްގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ވަކިވަކި ފުލުހުން ކުރާ ގޯސް ކަންކަމުގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމު ކުރަން ބަޔަކު މަސައްކަތް ކުރެ އެވެ. އަދި އެކަމާ މެދު ރައްޔިތުން ހޭލުންތެރިވެ، އެއާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަޒްލީން ވިދާޅުވީ ފުލުހުންގެ ތެރޭގައި ކަންކަން ރޭވިފައި އޮންނަ ގޮތުގެ މައުލޫމާތު އެނގޭ މީހަކު ނަމަ އެފަދަ ވާހަކަތައް ގަބޫލު ނުކުރާނެ ކަމަށެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ފުލުހުންގެ ގާބިލްކަން އިތުރުކޮށް، ފުލުހުންގެ ވެލްފެއާ ކަންކަން ރަނގަޅު ކުރުމަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް އިސްކަމެއް ދެއްވާ ކަމެކެވެ. ވަގުތާއި ހާލަތަށް ބަލައި، އެކަން ކުރެވޭނެ އެންމެ ފުރިހަމަ ގޮތުގައި ސަރުކާރުން ފުލުހުންނަށް އެކަންކަން ފަހިކޮށް ދޭނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިލްސް އިން ތަމްރީނު ވެގެން ނިކުންނަ ހުރިހާ ދަރިވަރުން ވެސް ލިބުނު ތައުލީމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އަޒްލީން މިރޭ އިލްތިމާސް ކުރެއްވި އެވެ. ތައުލީމް ހާސިލް ކުރި ކަމަށް ވާނީ އޭގެ ބޭނުން ހިފައިގެން ކަމަށާއި މިރޭ ދަސްވެނިވި ދަރިވަރުންގެ ސަބަބުން ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވީ މި ޒަމާނުގައި ފުލުހުންގެ ދައުރަކީ ކުށެއް ކުރުމުން އެކަމަށް ފިޔަވަޅު އެޅުން އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ކުރިއަރާފައިވާ ގައުމުތަކުގައި ފުލުހުން އެންމެ ބޮޑު އިސްކަމެއް ދެނީ ކުށެއް އުފަންވުމުގެ ކުރިން އެ ކުށް ނައްތާލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެންމެ ފުރިހަމަ އަށް ހާސިލްވާނީ އިތުރު ތައުލީމާއި ތަޖްރިބާ ލިބިގެން ކަމަށާއި މިރޭ ދަސްވެނިވި ދަރިވަރުންގެ ސަބަބުން އެ މަގްސަދުތައް ހާސިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސީޕީ އަރީފް ވިދާޅުވި އެވެ.

"ކުރިއަރާފައިވާ ގައުމުތަކުގައި މިކަން އޮންނަ ގޮތަށް ބަލާއިރު، މިއީ ފުލުހުން މުއައްސަސާއިން އެކަނި ކުރާ ކަމެއްގެ ގޮތުގައި އޮތުމަށް ވުރެ އާންމު ރައްޔިތުންނާ ގުޅިގެން ފުލުހުން ބަލަހައްޓާ ކަމެއްގެ ގޮތުގައި. މިކަންކަން ކުރެވޭނީ ބޭނުންވާ އިލްމާއި ހުނަރު ދަސްކޮށް ދެވިގެން ޕްރޮޮފެޝަނަލް ކަމެއްގެ ގޮތުގައި،" އަރީފް ވިދާޅުވި އެވެ.

މިރޭ ވަނީ އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފަ އެވެ. އެއީ ބެޗެލާ އޮފް ސައިންސް އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އާއި އެސޯސިއޭޓް ޑިގްރީ އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އާއި ޑިޕްލޮމާ އިން ޕޮލިސިން އަދި ޑިމްޕޮލާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯސް ފުރިހަމަ ކުރި ދަރިވަރުންނެވެ.

ފުލުހުންގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެއާޕޯޓްސް ކޮމްޕެނީ އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން ވެސް ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ހިމެނެ އެވެ. މިވަގުތު އައިލްސް އިން ހިންގަނީ ޑިގްރީ ފެންވަރުގެ ކޯސްތައް ކަމަށް ވިޔަސް ވަރަށް އަވަހަށް މާސްޓާޒް ކޯސްތައް ފަށާނެ ކަން މިރޭ ވަނީ އިއުލާން ކޮށްފަ އެވެ.