Roadha Mihaaru
ފްލައިން ސްކޫލު ހިންގަން އޭއޭއޭއަށް ދެން ޖާގައެއް ނެތް

އައްޑޫގައި ފްލައިން ސްކޫލު ހިންގަން އޭއޭއޭ އަށް ދެން ފުރުސަތެއް ނެތް

01 ޖޫން 2021

އައްޑޫގައި ފްލައިން ސްކޫލު ހިންގުމަށް އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބުނެފި އެވެ. އެގޮތަށް ނިންމައިފި ނަމަ، އަންނަ ޖުލައި މަހަށް ފަހު އައްޑޫގައި އޭއޭއޭގެ މަސައްކަތްތައް ހުއްޓޭނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ފްލައިން ސްކޫލު ހިންގުމަށް އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބުނެފި އެވެ. އެގޮތަށް ނިންމައިފި ނަމަ، އަންނަ ޖުލައި މަހަށް ފަހު އައްޑޫގައި އޭއޭއޭގެ މަސައްކަތްތައް ހުއްޓޭނެ އެވެ.

ރާއްޖޭގައި ޕައިލެޓުން ތަމްރީނުކުރަން 2009 ވަނަ އަހަރުން ފެށިގެން ގަން އެއާޕޯޓުގައި އަންނަނީ ފްލައިން ސްކޫލު ހިންގަމުންނެވެ. އެ ކުންފުންޏަށް ދިން މުއްދަތު މީގެ ކުރިން ހަމަވުމުން އެ އެއްބަސްވުން ވަނީ އިތުރުކޮށްފަ އެވެ. އެ މުއްދަތު އަންނަ މަހު ހަމަވާނެ އެވެ.

އެކަމާ ގުޅިގެން ގަން އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު "މިހާރު" އަށް ވިދާޅުވީ، އޭއޭއޭއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަނީ، މި ވަގުތު ފްލައިން ސްކޫލުގެ ކްލާސްރޫމާއި އެކޮމަޑޭޝަން ބްލޮކް ހިންގާ ތަން އެހެން ބޭނުމަކަށް ނަގާތީ ކަމަށެވެ.

"މިހާރު ފްލައިން ސްކޫލު ހިންގާ ތަނުގައި ހޮޓަލެއް ތަރައްގީ ކުރަން ހިމަނާފައި އޮންނާނެ ޑިވެލޮޕްމަންޓު ޕްލޭނުގައި. އޭއޭއޭ އިން ބޭނުމެއް ނުވޭ އެހެން ތަނަކަށް މޫވް ކުރާކަށް. އެ ކަހަލަ ކަންތައްތަކާ ހެދި ކޮންޓްރެކްޓް އިތުރުކުރުމުގެ ވިސްނުމެއް ނެތީ،" ގައިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކްލާސްރޫމާއި އެކޮމަޑޭޝަން ބްލޮކް ހުންނަ ތަން އޭއޭއޭ އިން ބޭނުންވަނީ ދިގު މުއްދަތަކަށެވެ. އެކަމަކު އެގޮތަށް ދޫކުރެވެން ނެތުމުން، ގަން އެއާޕޯޓުގެ އެހެން ތަނަކަށް ބަދަލުކުރަން އެދުނު ކަމަށް ވިދާޅުވި އެވެ.

"މިހާރު ދިމާވާ މައްސަލައަކީ، ކުރު މުއްދަތަކަށޭ އެތަން ކުއްޔަށް ދެނީ. މި ކަހަލަ ކަންތައްތައް. އެކަމަކު އަޅުގަނޑުމެން އެހެން ބޭނުމެއް އޮތީމަ ކޮންޓްރެކްޓް އާ ކުރެވެން ނެތީ،" ގައިސް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ގަން އެއާޕޯޓުގެ އެހެން ސަރަހައްދެއްގައި ފްލައިން ސްކޫލެއް ހިންގުމުގެ ޕްލޭނެއް އެބައޮތެވެ. ދަރިވަރުންނަށް ރަނގަޅު ގޮތްތައް ހެދުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަނާ ދެމެދު މަޝްވަރާ ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

އޭއޭއޭއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން ގަން އެއާޕޯޓުން ނިންމިއިރު، އެ ފްލައިން ސްކޫލުން އަންނަނީ ސްރީ ލަންކާގެ މެނޭޖްމަންޓުގެ ބަދަލުގައި ދިވެހި ކޮލެޖަކާ އެތަން ހަވާލުކުރުމުގެ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވާތީ، އެހެން ބަޔަކާ ހަވާލުކޮށްގެން ވިޔަސް އައްޑޫގައި ފްލައިން ސްކޫލު ހިންގުމުގެ ފުރުސަތެއް އޭއޭއޭއަކަށް ދެން ނޯންނާނެ އެވެ.

އެކަމަކު ރާއްޖޭގެ އެހެން އެއާޕޯޓެއްގައި ފްލައިން ސްކޫލެއް ހިންގަން ބޭނުންވާ ނަމަ އެ ކުންފުނިން އަލުން ޖެހޭނީ ހުއްދަތައް ނަގާށެވެ.

މައްސަލަ ބޮޑުވެފައިވާ އޭއޭއޭ އަށް ހައްލެއް ނުގެނެވުމުން އެ ސްކޫލުގައި ކިޔަވާ 175 ދަރިވަރުން ތިބީ ވަަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ޕްލޭނާ އެއްގޮތަށް ކުރިއަށް ދާ ނަމަ ގާތްގަނޑަކަށް ދޮޅު އަހަރުން ޕައިލެޓް ޓްރެއިނިން ނިމުނަސް ފަސް އަހަރުވި އިރު ވެސް އޭއޭއޭގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމައެއް ނުކުރެވުނެވެ.

އެހެންވެ، އެ ސްކޫލު ބޭރުކޮށް އެހެން ހައްލެއް ހޯދައިދިނުމަށް ދަރިވަރުން ވަނީ ސަރުކާރަށް ވެސް ގޮވާލައިފަ އެވެ. އެ މައްސަލައިގައި ފްލައިން ސްކޫލަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ޓްރާންސްޕޯޓު މިނިސްޓްރީއަށް ލަފާދީފައި ވެ އެވެ.

ފްލައިން ސްކޫލުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ގައުމީ އެއާލައިން ހިންގާ އައިލެންޑު އޭވިއޭޝަނުން ވެސް މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ. އެ ކުންފުނިން އިއްޔެ ކުރި އިއުލާނުގައި ވަނީ ފްލައިން ސްކޫލު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން މެއިލްކުރަން އަންގައިފަ އެވެ.