Roadha Mihaaru

ރިޔާސީ ބަޔާނުން އެނގުނީ މަޝްރޫއުތައް ކުރިއަށް ގެންދަން ޕްލޭނެއް އޮތްކަން: މުއްތަލިބް

މިއަދުގެ ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް އޮތްކަން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ބަޔާނުން އެނގުނީ ރައީސްގެ ޕްލޭނެއް އޮތްކަން:މުއްތަލިބް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 ފެބުރުއަރީ 2025

މިއަދުގެ ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް އޮތްކަން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މަޖިލިސް ފެށުމުގެ ގޮތުން ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާން އިއްވާފައި ވަނީ މިއަދު އެވެ.

އެ ބަޔާނާ ގުޅޭގޮތުން "ޕީއެސްއެމް" އިން މިރޭ ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި އަލަށް ފަށަން ޖެހޭ މަޝްރޫއުތަކުގެ ތަފްސީލުތައް ވަރަށް ފުރިހަމައަށް ރައީސް ދެއްވި ކަމަށެވެ.

"އެމަނިކުފާނުގެ ޕްލޭނެއް އެބަ އޮތް، އެމަނިކުފާނު ކަނޑައަޅުއްވާފައި ހުރި އުސޫލުތަކެއް އެބަހުރި. އެ ކަންތައްތަކަށް ކެބިނެޓް މިނިސްޓަރުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން މިއަހަރު ވެގެންދާނީ މާލީ ދަތިކަމާ އެކު ވެސް ނަތީޖާ ނެރެދެވޭނެ އަހަރަކަށް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ކުރިއެރުވުމަށް ރައީސް ކުރައްވާ މަސައްކަތަކީ މީގެކުރިން އެއްވެސް ރައީސަކު ކުރައްވާފަައިވާ ކަންތައްތަކެއް ނޫން ކަމަށެވެ.

އެގޮތުން އައްޑޫ އާއި ހަނިމާދޫ ކައިރީ ޓޫރިޒަމް ތަރައްގީ ކުރުމަށް ރާވާފައިވާ ޕްލޭންތަކުގެ ސަބަބުން ރައްޔިތުންނާ ސީދާ ގުޅުންހުރި ވިޔަފާރިތަކަށް އެއިން ފައިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދެ ގަޑިއިރަށްވުރެ ދިގުކޮށް ކުރިއަށް ގެންދެވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހާއި އަންނަ މަހު އަލުން ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރަށްތަކުގައި ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ސްކޫލް އިންފްރާސްޓްރަކްޗާގެ މަޝްރޫއުތަކާއި ހެލްތު ސެންޓަރު އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި މަހާއި އަންނަ މަހުގެ ތެރޭގައި އަލުން ފަށާނެ އެވެ.