Roadha Mihaaru

އެއްބަސްވި ގޮތަށް އިޒްރޭލުގެ ތިން ރަހީނުން މާދަމާ މިނިވަންކުރާނެ

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލަންވީ އެއްބަސްވުމާ އެއްގޮތަށް ހަމާސް އިން މާދަމާ އިޒްރޭލުގެ ތިން ރަހީނުން މިނިވަންކުރާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އިޒްރޭލުގެ ތިން ރަހީނުން މާދަމާ މިނިވަންކުރާނެ

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލަންވީ އެއްބަސްވުމާ އެއްގޮތަށް ހަމާސް އިން މާދަމާ އިޒްރޭލުގެ ތިން ރަހީނުން މިނިވަންކުރާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ހަމާސް އިން މިހެން ބުނީ އިޒްރޭލުން އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ، ރަހީނުން މިނިވަންކުރުމުގެ ކަންކަން މެދުކަނޑާލާފައިވާ ކަމަށް ބުނުމަށް ފަހުގަ އެވެ. ރަހީނުން މިނިވަން ނުކުރާނެ ކަމަށް ހަމާސް އިން ބުނުމާ އެކު އިޒްރޭލުން ގެންދިޔައީ ކުރިއެކޭ އެއްގޮތަށް ޣައްޒާއަށް ހަމަލާތައް އަލުން ދޭން ފަށާނެ ކަމުގެ އިންޒާރު ވެސް ދެމުންނެވެ.

ހަމާސްގެ އޮފިޝަލުން ވިދާޅުވީ، ކުރިން ވެސް ރާވާފައި އޮތް ގޮތަށް، ދިރިތިބި ތިން ރަހީނަކު މާދަމާ މިނިވަންކުރަން ނިންމީ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކަށް އިޒްރޭލުން ދީފައި ވާތީ ކަމަށެވެ.

ޣައްޒާއަށް އިޒްރޭލުން ހަމަލާ ދިންތާ 15 މަސް ދުވަސް ފަހުން ހަމަލާތައް މެދުކަނޑާލައި، ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ ކުރިއަށް ގެންދާއިރު އެ މަރުހަލާގައި ކަނޑައަޅާފައިވާ ގޮތަށް އިޒްރޭލުގެ ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނެއް ވަނީ އިޒްރޭލުގެ ޖަލުތަކުން މިނިވަންކޮށްފަ އެވެ. މިފަހަރު މިނިވަންކުރާ ތިން މީހުންގެ ބަދަލުގައި އިޒްރޭލުން މިނިވަންކުރާނެ ފަލަސްތީނު މީހުންގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.

ހަމަލާތައް މެދުކަނޑާލަން މިދިޔަ މަހު 19 ގައި ވީ އެއްބަސްވުމުގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅި އިޒްރޭލުގެ 33 ރަހީނުންގެ ތެރެއިން މިހާތަނަށް، ދިރިހުރި، 16 މީހަކު ވަނީ މިނިވަންކޮށްފަ އެވެ. އަދި އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން އެތައް ސަތޭކަ ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ. އިޒްރޭލުން ވަނީ 33 ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ.

ހަމާސްއިން ވަނީ އެއްބަސްވުމުގެ ބޭރުން ވެސް، ތައިލެންޑުގެ ފަސް މީހަކު މިނިވަންކޮށްފަ އެވެ.

ފުރަތަމަ މަރުހަލާގައި ދޫކޮށްލަން ހަމަޖެހިފައިވާ އިޒްރޭލުގެ އިތުރު 17 މީހުންނަކީ ދެ ކުޑަކުދިންނާއި އަންހެނަކާއި 50 އަހަރުން މަތީގެ ފަސް ފިރިހެނުންނާއި 50 އަހަރުން ދަށުގެ ނުވަ ފިރިހެނުންނެވެ. ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އެ މީހުން ހަވާލު ކުރަން ޖެހެ އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވާ ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ.

ހަމަލާތައް ހުއްޓާލައިގެން ތިބުމުގެ އެއްބަސްވުމުގައި ކަނޑައެޅި ދެވަނަ މަރުހަލާގެ މަޝްވަރާތައް އަދި ނުފަށައެވެ. އެއީ ބާކީ ތިބި 43 މީހުން ދޫކޮށްލުމާއި، އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމާއި ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ ވާހަކަތަކެވެ.

ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާގައި 251 މީހަކު ރަހީނުކުރި އެވެ. އޭގެ ތެރެއިން 105 މީހަކު 2023 ވަނަ އަހަރު ދެ ފަރާތުން ގައިދީން ބަދަލުކުރުމަށް ވީ އެއްބަސްވުމެއްގެ ދަށުން ވަނީ މިނިވަންކޮށްފަ އެވެ.

ރަހީނުންގެ ތެރެއިން މަރުވި 39 މީހެއްގެ ހަށިގަނޑު ވެސް ވަނީ އިޒްރޭލާ ހަވާލުކޮށްފަ އެވެ. ބަންދުކޮށްފައި ތިބި ތަނުން ނުކުމެގެން ސަލާމަތްވާން އުޅެނިކޮށް އިޒްރޭލު ސިފައިންނަށް "އޮޅިގެން" ދެވުނު ކަމަށް ބުނާ ހަމަލާތަކުގައި ތިން ރަހީނަކު މަރުވެފައިވެ އެވެ.