Roadha Mihaaru
ފްލޮރިޑާއަށް ދިން ހަމަލާއާ ބޭރުގެ ބަޔަކާ ގުޅުމެއް ނެތް

ފްލޮރިޑާ އަށް ދިން ހަމަލާއާ ބޭރުގެ ބަޔަކާ ގުޅުމެއް ނެތް: އޮބާމާ

14 ޖޫން 2016

ވޮޝިންޓަން (ޖޫން 14) - ފްލޮރިޑާގެ ނައިޓް ކްލަބަކަށް ބަޑިން ދިން ހަމަލާއާ ބޭރުގެ ބަޔަކާ ގުޅުމެއްވާކަން އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 14) - ފްލޮރިޑާގެ ނައިޓް ކްލަބަކަށް ބަޑިން ދިން ހަމަލާއާ ބޭރުގެ ބަޔަކާ ގުޅުމެއްވާކަން އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހަމަލާއާ ބެހޭ ގޮތުން ސަލާމަތީ އޮފިޝަލުން ދެއްވި މައުލޫމާތަށް ފަހު ވައިޓްހައުސްގެ އޯވަލް އޮފީހުގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ 49 މީހުން މަރުވި ހަމަލާގައި ބަޑި ޖެހި މީހާގެ އަސްލު ބޭނުން ނޭނގޭ ކަމަށެވެ. އެކަމަކު ހަމަލާ ދިން 29 އަހަރުގެ އުމަރު މަތީން އަށް އިންޓަނެޓް މެދުވެރިކޮށް ލިބުނު ހަރުކަށި ވިސްނުމުގެ މައުލޫމާތުގެ ސަބަބުން އޭނާ އަށް ބަދަލު އައިސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ނަފުރަތާއި ރުޅިވެރިކަމުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

"ހަމަލާއާ ބޭރުގެ ބަޔަކާ ގުޅުމެއް އޮތްކަން އަދި މި ސްޓޭޖުގައި ފާހަގަ ކުރެވިފައެއް ނުވޭ،" އޮބާމާ ވިދާޅުވި އެވެ. "އެންމެ ފަހު ވަގުތު އޭނާ ވަނީ ބުނެފައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮތް ކަމަށް. އެކަމަކު އެއީ އައިއެސްއާ ގުޅުމެއް އޮތް ހަމަލާއެއްކަން ހާމަވާ އެއްވެސް ހެއްކެއް އަދި ނެތް."

އޯލެންޑޯގައި ބަޑިޖެހި ހާދިސާއާ ގުޅޭ ގޮތުން ރައީސް ބަރަކް އޮބާމާ ވައިޓްހައުސްގެ އޯވަލް އޮފީހުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އޯލެންޑޯގައި ބަޑިޖެހި ހާދިސާއާ ގުޅޭ ގޮތުން ރައީސް ބަރަކް އޮބާމާ ވައިޓްހައުސްގެ އޯވަލް އޮފީހުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ވައުޓްހައުސް އިން ބުނީ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކާ ބައްދަލު ކުރައްވާ ހަމްދަރުދީ ފާޅުކުރެއްވުމަށް އޮބާމާ ބުރާސްފަތި ދުވަހު އޯލެންޑޯ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

ހަމަލާ އަށް ފަހު އައިއެސް އިން ވަނީ އެ ހަމަލާ ދިނީ އެ ޖަމާއަތުގެ ހަނގުރާމަވެރިއެއް ކަމަށް ބުނެފަ އެވެ.

އޮބާމާ ވަނީ ހަމަލާ ދިން މީހާ އެކަން ކުރީ ކޮން މަގްސަދެއްގައިތޯ ބެލެވެން އޮތް ގޮތަކަށް ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ދަނޑިވަޅުގައި ނަސްލަކަށް ދީނަކަށް ބެލުމަށް ނެތި އެންމެން އެއްބައިވަންތަކަން މަތީ ތިބުމަށް ވަނީ އެދިވަޑައިގެންފަ އެވެ. --އޭއެފްޕީ