Roadha Mihaaru
ހަމަލާ ދިން މީހާ އަކީ ހައްދުފަހަނަޅާފައިވާ މީހެއް ނޫން

ހަމަލާ ދިން މަތީން އަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހެއް ނޫން: ކުރީގެ އަނބިމީހާ

13 ޖޫން 2016

ފްލޮރިޑާ (ޖޫން 13) - ފްލޮރިޑާގެ އޯލެންޑޯ ނައިޓް ކްލަބެއްގައި ބަޑީގެ ހަމަލާ ދިން އުމަރު މަތީން އަކީ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ މީހެއް ނޫން ކަމަށާއި އެކަމަކު އޭނާ އަކީ އަނބިންނަށް އަނިޔާ ކުރާ މީހެއް ކަމަށް ކުރީގެ އަނބިމީހާ ސިތޫރާ ޔޫސުފީ ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްލޮރިޑާ (ޖޫން 13) - ފްލޮރިޑާގެ އޯލެންޑޯ ނައިޓް ކްލަބެއްގައި ބަޑީގެ ހަމަލާ ދިން އުމަރު މަތީން އަކީ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ މީހެއް ނޫން ކަމަށާއި އެކަމަކު އޭނާ އަކީ އަނބިންނަށް އަނިޔާ ކުރާ މީހެއް ކަމަށް ކުރީގެ އަނބިމީހާ ސިތޫރާ ޔޫސުފީ ބުނެފި އެވެ.

ކޮލަރާޑޯގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ސިތޫރާ ބުނީ އެ މީހުން ކައިވެނިކޮށްގެން ކުޑަ ދުވަސްކޮޅެއްވީ ފަހުން މަތީން އަށް ބަދަލުތަކެއް އައިކަން ފާހަގަ ކުރެވުނު ކަމަށެވެ.

ފްލޮރިޑާގެ އޯލެންޑޯގެ ނައިޓް ކްލަބުގައި ބަޑީގެ ހަމަލާ ދިން އުމަރު މަތީން. --ފޮޓޯ:އޭއެފްޕީ

ފްލޮރިޑާގެ އޯލެންޑޯގެ ނައިޓް ކްލަބުގައި ބަޑީގެ ހަމަލާ ދިން އުމަރު މަތީން. --ފޮޓޯ:އޭއެފްޕީ

"އޭނާ އަށް ސިކުނޑީގެ މައްސަލައެއް ދިމާވެފައިވާ ކަމަށް ލަފާ ކުރެވުނު. އޭނާ އަހަންނަށް އަނިޔާ ކުރަން ފެށި. އަދި އަހަރެންގެ އާއިލާ މީހުންނާ ވާހަކަ ދެއްކުން މަނާ ކުރި،" ޔޫސުފީ ބުންޏެވެ.

ޔޫސުފީ އާއި މަތީން ދިމާވީ އޮންލައިނުންނެވެ. އެ ދެ މީހުން ކައިވެނި ކުރީ 2009 ވަނަ އަހަރު އެވެ. އެ ދެމަފިރިން ވަރިވީ 2011 ވަނަ އަހަރު އެވެ. އެ ދެމަފިރިންނަށް ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. ޔޫސުފީ ބުނީ ކައިވެނި ރޫޅުނު ފަހުން އޭނާ ސަލާމަތް ކުރީ އޭނަގެ އާއިލާގެ މީހުން ކަމަށެވެ. އަދި އޭގެ ފަހުން މަތީންއާ ގުޅުމެއް ނުބާއްވާ ކަމަށް ބުންޏެވެ.

"މަތީން އަށް ސިކުނޑީގެ މައްސަލައެއް ދިމާވެފައިވާ ކަމަށް ލަފާ ކުރެވުނު. އޭނާ އަހަންނަށް އަނިޔާ ކުރަން ފެށި. އަދި އަހަރެންގެ އާއިލާ މީހުންނާ ވާހަކަ ދެއްކުން މަނާ ކުރި،" މަތީންގެ ކުރީގެ އަނބިމީހާ

އުމުރުން 29 އަހަރުގެ މަތީންގެ މައްސަލައެއް އެފްބީއައި އިން ވަނީ ދެ ފަހަރެއްގެ މަތިން ތަހުގީގުކޮށްފަ އެވެ. ނަމަވެސް އޭނާގެ މައްސަލައެއް އޮތް ކަމަށް ނިންމައިފައެއް ނުވެ އެވެ.

މަތީންގެ ގާތްތިމާގެ މީހުން ބުނީ ސިކިއުރިޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި މަތީން އަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހެއް ނޫން ކަމަށާއި އެކަމަކު އޭނާ އަކީ އެއްޖިއްސުން ގުޅުން ހިންގުމާ ވަރަށް ދެކޮޅު މީހެއް ކަމަށެވެ.

މަތީންގެ ބައްޕަ މީރު ސިއްދީގު ބުނީ މިއާމީގައި މަތީންގެ އަންހެނުންނާއި ކުޑަ ދަރިފުޅުގެ ކުރިމަތީގައި ދެފިރިހެނުން ކިސްކުރަން ތިބި މަންޒަރު ފެނިގެން މަތީން ވަރަށް ރުޅިގަދަވި ކަމަށެވެ.

ހަމަލާ ދިން މަތީން އާއްމުކޮށް ނަމާދަށް އަރާ މިސްކިތުގެ އިމާމް ސައިދު ޝަފީގު ރަހުމާން ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

ހަމަލާ ދިން މަތީން އާއްމުކޮށް ނަމާދަށް އަރާ މިސްކިތުގެ އިމާމް ސައިދު ޝަފީގު ރަހުމާން ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

މަތީން އާއްމުކޮށް ނަމާދަށް ގޮސް އުޅޭ މިސްކިތުގެ އިމާމު ސައިދު ޝަފީގު ރަހުމާން ބުނީ އޭނާގެ ހަތަރު ފަސް އަހަރަށް ދާ ކުޑަ ދަރިފުޅު ގޮވައިގެން މަތީން އެ މިސްކިތަށް ދާ ކަމަށެވެ. އަދި އޭނާ އަކީ އެހާ ސޯޝަލް މީހެއް ނޫން ކަމަށް ވެސް ރަހުމާން ބުންޏެވެ.

މަތީން އަކީ ބަޑި ގެންގުޅުމުގެ ލައިސަންސް އޮތް މީހެކެވެ. އޭނާގެ ލައިސަންސްގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ހަމަލާ ދިނުމުގެ ދެ ދުވަސް ކުރިން ވެސް އޭނާ ވަނީ ބަޑިއެއް ގަނެފަ އެވެ. --އޭއެފްޕީ