Roadha Mihaaru

ޓްރަމްޕުގެ ޣައްޒާ ޕްލޭން ކުރިއަށްދާ ކަމަށް އިޒްރޭލުގެ ވަޒީރަކު ބުނެފި

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާއިން މީހުން ހުސްކޮށް އެތަން ހިފުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ޕްލޭން ކުރިއަށްދާ ކަމަށް އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް އާދީއްތަ ދުވަހު ބުނެފި އެވެ.

ޓްރަމްޕުގެ ޣައްޒާ ޕްލޭން ކުރިއަށްދާ ކަމަށް ބުނެފި

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާއިން މީހުން ހުސްކޮށް އެތަން ހިފުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ޕްލޭން ކުރިއަށްދާ ކަމަށް އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް އާދީއްތަ ދުވަހު ބުނެފި އެވެ.

އިޒްރޭލުގެ ޕާލަމެންޓުގައި ބޭއްވި އިވެންޓެއްގައި ސްމޮޓްރިޗް ބުނީ މި ޕްލޭން ބައްޓަންވަމުން އަންނަ ކަމަށާއި، [އެމެރިކާގެ] ސަރުކާރާ ގުޅިގެން މިހާރު ވެސް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އޭނާ ބުނީ ޣައްޒާއިން ނެރޭ މީހުން ދާ ތަންތަން ބަލަހައްޓައި އެކަން މެނޭޖްކުރާނެ އިދާރާއެއް އުފެއްދުމުގެ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށެވެ.

"މިކަމުގެ ސަބަބުން މެދުއިރުމައްޗަށާއި އިޒްރޭލުގެ ދައުލަތަށް ތާރީހީ ބަދަލެއް ގެނައުމުގެ ފުރުސަތު އެބައޮތް،" ހަމާސްއާ ދެކޮޅަށް ހަނގުރާމަ އަލުން ފެށުމަށް ތަކުރާރުކޮށް ގޮވާލާ އަދި ޣައްޒާގައި ދާއިމީކޮށް ޔަހޫދީން ވަޒަންވެރިކުރަން ބާރުއަޅަމުން ގެންދާ ސްމޮޓްރިޗް ބުންޏެވެ.

ސްމޮޓްރިޗް ބުނީ ޓްރަމްޕްގެ ޕްލޭންގެ ދަށުން ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން ބައެއް މީހުން ނަމަވެސް ގެންދަން ބޭނުންވާ ގައުމުތައް ހޯދަން ޖެހޭނެ ކަމަށެވެ.

އިޒްރޭލުގެ ވެރިންގެ ތާއީދު އޮތް އެކަމަކު މުޅި ދުނިޔޭގެ ނުރުހުން އަމާޒުވެފައިވާ މި ޕްލޭނު ތަންފީޒުކުރުމަކީ ވަރަށް ބޮޑު ލޮޖިސްޓިކް އޮޕަރޭޝަނަކަށްވާނެކަން ފާހަގަކޮށް އޭނާ ބުނީ މިއީ "ހަފްތާގެ ހަތް ދުވަހު، ދުވާލަކު 10،000 މީހުން ބޭރުކޮށްގެންގެން ވެސް އެކަން ވާނީ ހަ މަސް ދުވަހުން" ކަމަށެވެ.

ޣައްޒާއިން މީހުން ބޭރުކުރަން އެމެރިކާ އާއި އިޒްރޭލުން ޕްލޭނުކޮށް ތައްޔާރުވަމުން ދާއިރު ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަނީ ބައެއްގެ ނުރުހުމުގައި އެ ބައެއްގެ ވަޒަނުން ނެރުމުގެ މި އަމަލު ބައިނަލްއަގުވާމީ ގާނޫނާ ހިލާފްވާނެ ކަމަށެވެ.

އަރަބި އަދި އިސްލާމީ ގައުމުތަކުން މިހާރު ވަނީ ޓްރަމްޕުގެ ޕްލޭނާ ދެކޮޅަށް އަމިއްލަ ޕްލޭނެއް ހަދައި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމަށް ބައިނަލްއަގުވާމީ ތާއީދު ހޯދަން މަސައްކަތް ފަށައިފަ އެވެ.