Roadha Mihaaru

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ނިޔާހަތު އެކަނި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލީ ނިހާޔަތު
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

12 މާޗް 2025

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަގާމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗުން އެއް ބޭފުޅަކު މަދުވީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މި މަހުގެ 4 ވަނަ ދުވަހު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް މިއަދުގެ ހެނދުނު 11:00 އާ ހަމައަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ނިހާޔަތު އެކަންޏެވެ.

ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޑެޕިއުޓީ ޕީޖީ ކަން ކުރައްވައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ނިހާޔަތު ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް އަކަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރު ތެރޭގަ އެވެ.

ނިހާޔަތު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕީޖީގެ މަގާމަށާއި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެ އެވެ. އޭގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.

ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެކަމާ ގުޅޭ އަމުރުތަކެއް ނެރުމަށް ވަގުތު ކުޑަތަންވެފައި އޮއްވައި ޖޭއެސްސީން ސަސްޕެންޑްކުރި ތިން ފަނޑިޔާރުންގެ ތެރޭގައި ސުއޫދު ހިމެނެ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައި ސުއޫދާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ މިހާރު ވަނީ ކޯޓުގައި މައްސަލަތައް ކުރިއަށް ގެންދަން ދަތިވެފަ އެވެ.