Roadha Mihaaru

މިިފްކޯގެ ސީއީއޯގެ އެޑްވައިޒަރަކަށް އާތިފް

މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އައްޔަނުކޮށްފި އެވެ.

މިިފްކޯގެ ސީއީއޯގެ އެޑްވައިޒަރަކަށް އާތިފް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 ޖޫން 2025

މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އައްޔަނުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އާތިފް ވިދާޅުވީ އެ މަގާމުގައި، ކުންފުންޏަށް ގެންނަ ސްޓްރެޓެޖިކް ބަދަލުތައް ގެނައުމުގައި އޭނާ ލަފާދެއްވާނެ ކަމަށެވެ.

އޭނާ ވަނީ 2004 އިން 2013 ވަނަ އަހަރަށް މިފްކޯގެ އެކި މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ސޭލްސް އެންޑް މާކެޓިން މެނޭޖަރުގެ މަގާމާއި ޑެޕިއުޓީ ސީއީއޯގެ މަގާމާއި ސީއީއޯގެ މަގާމު ވެސް ހިމެނެ އެވެ.

އާތިފަކީ ރާއްޖޭގެ އިގްތިސާދު ދިރާސާކޮށް، އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ލިޔުންތައް ވެސް ލިޔުއްވާ ބޭފުޅެކެވެ.

މިދިޔަ އަހަރު މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލުމުން އެ މަގާމަށް އޭނާ ކުރިމަތިލެއްވި އެވެ. އެހެން ނަމަވެސް، އެ ފަހަރު ޝަރުތު ހަމަވާ ބޭފުޅަކު ކުރިމަތިނުލައްވާ ކަމަށް ކަނޑައަޅައި ޕީސީބީ އިން އެ އިއުލާން ވަނީ ބާތިލްކޮށްފަ އެވެ.

މިވަގުތު މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވީ، ފަރުހަތު ޝަހީރެވެ. އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހެވެ. އެއީ އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެ ކުންފުނީގެ ހިންގުމާ ހަވާލުވި ތިން ވަނަ ބޭފުޅާ އެވެ.

އޭގެ ކުރިން ސްވިޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް ވެސް އެ މަގާމު އަދާކުރެއްވި އެވެ. އޭގެ ކުރިން އެ މަގާމް ފުރުއްވީ ސަމާހް ރަޝީދެވެ.