Roadha Mihaaru

އައްޑޫ ޑްރަގު އޮޕަރޭޝަނުން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އައްޑޫ ޑްރަގް: ދެ މީހެއްގެ ބަންދު އިތުރުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 ޑިސެމްބަރ 2025

އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ؛

- ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް، 30

- ސ. ހިތަދޫ، ފަލާހު، ހާފިޒު ފައުޒީ، 31

- ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހިމް ސިރާޖު، 43

- ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން އަލްފާފް، 28

- ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު، 23

އައްޑޫގައި އެންމެ ހަރަކާތްތެރި "މައިލޯ" ގްރޫޕަށް ނިސްބަތްވާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖުގެ ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.

ފުލުހުން ބުނީ، ފަސް މީހުން ހިމެނޭ އެ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު މިދިޔަ މާޗު މަހު ފަށާފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ.