ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖްގައި ބައިވެރިވާ މަސްވެރިން ތިބި ބައެއް ދޯނިފަހަރަށް ފުލުހުން އަރައި، ބައެއް ބިދޭސީން ހައްޔަރުކުރަން ފަށައިފި އެވެ.
11 ޑިސެމްބަރ 2025
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖްގައި ބައިވެރިވާ މަސްވެރިން ތިބި ބައެއް ދޯނިފަހަރަށް ފުލުހުން އަރައި، ބައެއް ބިދޭސީން ހައްޔަރުކުރަން ފަށައިފި އެވެ.
އިއްޔެއިން ފެށިގެން މާލޭގެ އުތުރު ފަރާތު ފަޅު ބޭރުގައި އަޅާފައިވާ ބައެއް މަސްދޯނިފަހަރަށް ފުލުހުން އަރައި މީހުން ހިފަހައްޓަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ބައެއް މީހުން ޕޯސްޓްކޮށްފައި ވިޔަސް، އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަަގަކުރެވިގެން އެކަން އެގޮތަށް ނުކުރަން ނަސޭހަތްތެރިވުމަށް ފަހު، އެ މީހުންނާ ބެހޭ މައުލޫމާތު ހޯދަން މަސަައްކަތްކުރަމުން އަންނަ ކަމަށެވެ.
"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުން. އެގޮތުން މިއަދު ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީކަން ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު "ރާއްޖެޓީވީ"އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދޯނިފަހަރުގައި ތިބި ބިދޭސީންނަކީ އެ ދޯނިފަހަރުގައި ދިރިއުޅޭ މީހުން ކަމަށެވެ.
"މި ދޯނިތަކުގައި އެބަ އުޅޭ ބިދޭސީން، އެއީ ދޮގެއް ނޫން، ކޯޓާގެ ދަށުގައި އުޅޭ ބިދޭސީން އެބަ އުޅޭ. ގިނަވާނީ ހަމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސައްހަ ކޯޓާގައި ތިބި ބިދޭސީން. އެ ބޭފުޅުން ދިރިއުޅެނީ މި އޮޑީގައި[ ދޯނިތަކުގައި]. ކެއުމާއި ނިދުމާއި ފާހާނާކުރުން ހަމަޖެހިފައި އެބޭފުޅުންގެ ގެދޮރު މިއީ. ގެދޮރު ދާތަނަކަށް އެ ބޭފުޅުން އަންނާނެ،" މައުރޫފް ވިދާޅުވި އެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި 49 ދޯންޏެއްގެ މަސްވެރިން އިހްތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެކި ޝިއާރުތައް ލިޔެފައިވާ ބެނާތައް ދަމާފައިވާ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި އެވެ. ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
އެހެންވެ މަސްވެރިން، ދޯނިތައް އެޅީ އުތުރު ބަނދަރަށް ވަންނަ ނެރުމައްޗަށްވާ ކަހަލަ ގޮތަކަށް ކަނޑުތޮށިން ބޭރުގަ އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، ސަރުކާރުން އަންނަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ އެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސްގެ ހާއްސަ އިރުޝާދުފުޅާ އެކު، މާލެ އޭރިއާ އިން ވަނީ ތެލަށް ބަދަލެއް ގެނެވި، ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، އޭގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީ ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްތިޖާޖުގައި އެހެން އުޅަނދުތަކަށް ހުރަސްއެޅި: ޕޮލިސް
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
ހައްޔަރުކުރި މަސްވެރިން ދޫކޮށްލަން ނަޝީދު ގޮވާލައްވައިފި
މެމްބަރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ބޮޑު ލުޔެއް
"މަސްވެރި ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ"
އިހުތިޖާޖުރޫޅާލައި މީހުން ހައްޔަރުކުރުމުން އައިއެލްއޯއަށް
ހައްލެއް ލިބެންދެން މަސްވެރިންގެ އިހުތިޖާޖު ކުރިއަށް
ކުދިމަސްކަމަށް ބަލާ މިންގަނޑު މަތިކުރުމުގެ ޝަކުވާ