Roadha Mihaaru
ރޮނާލްޑޯގެ ދެ ލަނޑުން މެޑްރިޑަށް ކާމިޔާބު ފެށުމެއް

ރޮނާލްޑޯގެ ދެ ލަނޑުން މެޑްރިޑަށް ކާމިޔާބު ފެށުމެއް

14 ސެޕްޓެމްބަރ 2017

މެޑްރިޑް (ސެޕްޓެމްބަރު 14) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު ސައިޕްރަސްގެ އަޕޮއެލް އަތުން 3-0 އިން މޮޅުވެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގައި ފެށުން ރަނގަޅުކުރިއިރު އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އިން ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ސެޕްޓެމްބަރު 14) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު ސައިޕްރަސްގެ އަޕޮއެލް އަތުން 3-0 އިން މޮޅުވެ ޗެމްޕިއަން ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގައި ފެށުން ރަނގަޅުކުރިއިރު އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އިން ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން މޮޅުވެއްޖެ އެވެ.

ސްޕެނިޝް ފެޑެރޭޝަނުގެ ސަސްޕެންޝަނެއްގައި ހުރި ރޮނާލްޑޯ ވަނީ އަމިއްލަ ދަނޑުގައި މެޑްރިޑް ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. އޭރިއާ ބޭރުން ގަރަތު ބޭލް ހުރަސްކުރި ބޯޅަ ރޮނާލްޑޯ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ވައްދާލައިފަ އެވެ. ދެ ވަނަ ލަނޑު އޭނާ 51 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ. މެޑްރިޑުގެ ތިން ވަނަ ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ޑޯޓްމަންޑް އަތުން 3-1 އިން ޓޮޓެންހަމް މޮޅުވިއިރު އިނގިރޭސި ފޯވާޑް ހެރީ ކޭން ވަނީ ދެ ގޯލް ޖަހައިފަ އެވެ. އެ ޓީމަށް މެޗުގެ ހަތަރު ވަނަ މިނެޓުގައި ކުރި ހޯދައިދިނީ ދެކުނު ކޮރެއާގެ ހެއުން-މިން ސޮން އެވެ. އެކަމަކު 11 ވަނަ މިނެޓުގައި އެންޑްރީ ޔާމަލަންކޯ ވަނީ ޑޯޓްމަންޑަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޓޮޓެންހަމް އަށް އަލުން ލީޑު ނަގައިދިނީ ކޭން އެވެ. އަދި އޭނާ ލީޑު ފުޅާކޮށްދިނީ 60 ވަނަ މިނެޓުގަ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޓޮޓެންހަމްގެ ވާޓޮންގެން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.

ގްރޫޕް ޖީ ގައި، މިދިޔަ ސީޒަނުގެ ސެމީ ފައިނަލުގައި ވާދަކުރި ފްރާންސުގެ މޮނާކޯ ވަނީ ޖަރުމަނުގެ އާރްބީ ލީޕްޒިގާ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުގެ 32 ވަނަ މިނެޓުގައި ލީޕްޒިގުގެ އެމިލް ފޮސްބާގް ވަނީ ލީޑު ނަގައިފަ އެވެ. މޮނާކޯ އަށް އެއްވަރުކޮށްދިނީ އޭގެ ދެ މިނެޓު ފަހުން ޔޮއެރީ ޓީލެމަންސެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން ތުރުކީގެ ބެސިކްޓަސް ވަނީ 3-1 އިން މޮޅުވެފަ އެވެ.