Roadha Mihaaru
ރެއާލް މާޔޫސެއް ނުވޭ: ޒިދާން

ރެއާލް މާޔޫސެއް ނުވޭ: ޒިދާން

01 ނޮވެމްބަރ 2017

ލަންޑަން (ނޮވެމްބަރު 1) - ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު އެ ޓީމު އޮތީ މާޔޫސްވެފައެއް ނޫން ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 1) - ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނައިރު އެ ޓީމު އޮތީ މާޔޫސްވެފައެއް ނޫން ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޓޮޓެންހަމާއި ދެ ވަނައިގައި އޮތް ރެއާލަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާއި އެންމެ ފުލުގައި އޮތް އަޕޮއެލް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ރެއާލް ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވިއިރު، ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ޖިރޯނާ އަަތުން ވަނީ ބަލިވެފަ އެވެ. ޒިދާން ބުނީ މިއީ ރެއާލަށް އެންމެ ރަނގަޅު ނޫން ވަގުތެއް ނަމަވެސް އެ ޓީމު އޮތީ މާޔޫސްވެފައި ނޫން ކަމަށެވެ.

"ވަރަށް ގިނަ މީހުންނަށް ހީވެދާނެ އެންމެ ފަހުން މެޗުގައި ނުކުތް ނަތީޖާގެ ސަބަބުން ރެއާލް އޮތީ ވަަރަށް ފޯމު ދަށްކޮށޭ. އެކަމަކު އެއީ ހަގީގަތެއް ނުވޭ. އަހަރެމެން މި ތިބީ މާޔޫސްވެފައެއް ނޫން. އަހަރެމެންނަށް އެނގޭ ފުޓްބޯޅައިގައި ކަންތަައްތައްވާ ގޮތް. މީގެ މުހިއްމު ކަމަކީ މި ކަންތައްތައް ރަނގަޅު ކުރުމަށް އަހަރެމެން ކުރާ ހިތްވަރު،" ޒިދާން ބުންޏެވެ.

އޭނާ ބުނީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެލުމަކީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއަކަށް ވެސް ލިބޭނެ ތަފާތު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ވެމްބްލީ ސްޓޭޑިއަމަކީ ފުޓްބޯޅައިގެ ވަރަށް ތާރީހީ ދަނޑެއް. އަހަރެން ކުރީގެ ވެމްބްލީގައި ކުޅުނިން. އެކަމަކު މަރާމާތަށް ފަހު އަލުން މި ހުޅުވި ވެމްބްލީގައި ކުޅުމުގެ ފުރުސަތެއް އަހަންނަށް ނެތް. އެކަމަކު މި މެޗުން ރެއާލް މޮޅުވެއްޖެނަމަ އަހަަންނަށް މޮޅެއް ލިބުނު ފަދަ އިހުސާސެއް ކުރެވޭނެ،" ޒިދާން ބުންޏެވެ.

އަނިޔާގެ ސަަބަބުން މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް ހެރީ ކޭން ނުކުޅެ އެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ކޭން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ރެއާލާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.