Roadha Mihaaru
ކޭން އަށް ޒިދާންގެ ތައުރީފް

ކޭން އަށް ޒިދާންގެ ތައުރީފް

17 އޮކްޓޯބަރ 2017

މެޑްރިޑް (އޮކްޓޯބަރު 17) – ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އަކީ ފުރިހަމަ ކުޅުންތެރިއެއް ކަމަށް އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި މިރޭ ނުކުންނަ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޮކްޓޯބަރު 17) – ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އަކީ ފުރިހަމަ ކުޅުންތެރިއެއް ކަމަށް އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި މިރޭ ނުކުންނަ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ކޭން ވަނީ މި އަހަރު މިހާތަނަށް ކްލަބާއި ގައުމީ ޓީމަށް 38 މެޗުން 43 ގޯލް ޖަހައިފަ އެވެ.

"އޭނާ ހުރިހާ ކަމަކަށް ވެސް ރަނގަޅު. އަދި އޭނާ ކުރާ ކޮންމެ ކަމެއްގައި ވެސް އަބަދުވެސް ވިސްނަނީ ގޯލާ މެދު،" ޒިދާން ބުންޏެވެ. "ކުރިމަގުގައި ވާނެ ގޮތެއް ބުނަން ނޭގެ. އެކަމަކު މިހާރު، އޭނާ ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން އޭނާ ވެއްޖެ ވަރަށް މުހިއްމު ކުޅުންތެރިއަކަށް."

ފުރަތަމަ މެޗުން ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން ޓޮޓެންހަމް މޮޅުވި މެޗުގައި ކޭން ދެ ލަނޑު ޖެހިއިރު އެޕޮއެލް އަތުން 3-0 އިން މޮޅުވި މެޗުގައި އޭނާ ހެޓްރިކެއް ހެދި އެވެ.

ދާދި ފަހުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޓޮޓެންހަމް ސިފަކުރީ "ހެރީ ކޭން ޓީމް" ގެ ގޮތުގަ އެވެ. ޒިދާން ބުނީ ކޭން އަކީ މޮޅު ކުޅުންތެރިއެއްކަން އެނގޭ ކަމަށާއި އޭނާ އަށް ކަންތައް ވަމުން އަންނަނީ ވެސް ރަނގަޅަށް ކަމަށެވެ. އެކަމަކު ޓޮޓެންހަމް އަކީ ހަމައެކަނި ކޭން ނޫން ކަމަށް ޒިދާން ބުންޏެވެ.

"އެއީ ވަރަށް މޮޅު ޓީމެއް. އަހަރެމެން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނަން،" ޒިދާން ބުންޏެވެ.

މެޑްރިޑާއި ޓޮޓެންހަމް ފުރަތަމަ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްފައިވާއިރު ޖެހި ލަނޑާއި ކޮޅަށް ވަން ގޯލުގެ އަދަދު ވެސް އެއްވަރެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި މި ދެ ޓީމު މިރޭ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.