Roadha Mihaaru
ޗެމްޕިއަން މެޑްރިޑް ބަލިކޮށް ޓޮޓެންހަމް ދެ ވަނަ ބުރަށް

ޗެމްޕިއަން މެޑްރިޑް ބަލިކޮށް ޓޮޓެންހަމް ދެ ވަނަ ބުރަށް

02 ނޮވެމްބަރ 2017

ލަންޑަން (ނޮވެމްބަރު 2) – އިނގިރޭސި ފުޓްބޯޅައިގެ ޝަރަފް ކަމަށްވާ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި، ދެ އަހަރުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑް 3-1 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ރޭ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ނޮވެމްބަރު 2) – އިނގިރޭސި ފުޓްބޯޅައިގެ ޝަރަފް ކަމަށްވާ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި، ދެ އަހަރުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑް 3-1 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ރޭ ޖާގަ ހޯދައިފި އެވެ.

މިދިޔަ ސީޒަނުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ޓޮޓެންހަމް ވަނީ، އަނިޔާ އަށް ފަހު އެނބުރި އައި ފޯވާޑް ހެރީ ކޭންއާ އެކު ވަރުގަދަ ކުޅުމެއް ރޭގެ މެޗުގައި ދައްކައިފަ އެވެ.

ރޭގެ ބައްޔަކީ، ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން 2-1 އިން މި ހަފުތާގައި ބަލިވި މެޑްރިޑުގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް އަށް ޕޮއިންޓުގެ ފަރަގު ނައްތާލުމަށް މަސައްކަތް ފެށުމަށް ހިތްވަރު ހޯދަން ރޭ ލިބުނު ފުރުސަތު ވެސް މެޑްރިޑުގެ އަތުން މިވަނީ ގެއްލިފަ އެވެ.

ދެ ވަނަ ބުރުން ޓޮޓެންހަމް ޖާގަ ކަށަވަރުކުރީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. މެޑްރިޑް ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު އެ ޓީމަށް ވެސް ދެ ވަނަ ފުރުސަތު އޮތީ ވަރަށް ބޮޑަށް ހުޅުވިފަ އެވެ. އެކަމަކު ދެ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑަށް ފުރުސަތު ހަންޏެވެ. އެ ޓީމު ވަނީ ރޭ އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އެޕޮއެލްއާ 1-1 އިން އެއްވަރުވެފަ އެވެ. ޑޯޓްމަންޑާއި އެޕޮއެލް އަށް ވެސް ދެ ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ތިން ވަނަ ލިބެނީ ޑޯޓްމަންޑަށެވެ.

ރޭގެ މެޗުގައި ޓޮޓެންހަމްގެ އުއްމީދީ ފޯވާޑް ޑެލޭ އާލީ ވަނީ ދެ ގޯލް ޖަހައިފަ އެވެ. ފުރަތަމަ ގޯލް އޭނާ 27 ވަނަ މިނެޓުގައި ޖެހީ އޭރިއާ ތެރެއިން ކިއެރަން ޓްރިޕިއާ ޖައްސާލި ބޯޅަ މެޑްރިޑުގެ ގޯލްކީޕަރު ކިކޯ ކަސިޔާ އާއި ނާޗޯ ކައިރިން އަރަ އެވެ.

ދެ ވަނަ ގޯލް އާލީ ޖެހީ 56 ވަނަ މިނެޓުގަ އެވެ. މެދުތެރެއިން އެރިކް ޑަޔާ ދިން ބޯޅަ އޭނާ ގޯލަށް ވައްދާލީ މެޑްރިޑުގެ ކަސެމިރޯ ކައިރިން ދެ ފަހަރު ނައްޓާލުމަށް ފަހު އެވެ. އެ ބޯޅަ ގޯލަށް ވަނީ މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ގައިގައި ވެސް ޖެހިފަ އެވެ. ތިން ވަނަ ލަނޑު 65 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ޖެހި އިރު މި ގޯލުގައި ވެސް އާލީގެ ދައުރު ބޮޑެވެ. އެގޮތުން އޭނާ މެދުތެރެއިން އުފެއްދި އެޓޭކެއްގައި ކޭން އަށް ދިން ބޯޅަ ކޭން ވަނީ ހުސްކޮށް އަރާ ހުރި އެރިކްސަން އަށް ޖައްސާލައިފަ އެވެ. ޑެންމާކް ކުޅުންތެރިއާ އެރިކްސަން ވަނީ ފަހަތުން ވިއްދާފައި ހުރި ލޫކާ މޮޑްރިޗަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.

މެޑްރިޑުގެ ހަމައެކަނި ގޯލް 80 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޓޮޓެންހަމް ކުޅުންތެރިންނަށް އޭރިއާ ތެރެއިން ބޯޅަ ސާފުކޮށްނުލެވި އުޅެނިކޮށް ބޯޔާ މަޔޮރަލް ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ރޮނާލްޑޯ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.