Roadha Mihaaru
މެޑްރިޑާއި ޓޮޓެންހަމް އެއްވަރު

މެޑްރިޑާއި ޓޮޓެންހަމް އެއްވަރު، ޑޯޓްމަންޑަށް މައްސަލަތަކެއް

18 އޮކްޓޯބަރ 2017

މެޑްރިޑް (އޮކްޓޯބަރު 18) – ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ ގްރޫޕް ކަމަށް ގިނަ ބަޔަކު ދެކޭ ގްރޫޕް އެޗް ގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޓޮޓެންހަމް ހޮޓްސްޕާސް 1-1 އިން އެއްވަރުވިއިރު އެޕޮއެލްއާ 1-1 އިން އެއްވަރުވެ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޮކްޓޯބަރު 18) – ޗެމްޕިއަންސް ލީގުގެ އެންމެ ވަރުގަދަ ގްރޫޕް ކަމަށް ގިނަ ބަޔަކު ދެކޭ ގްރޫޕް އެޗް ގައި ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޓޮޓެންހަމް ހޮޓްސްޕާސް 1-1 އިން އެއްވަރުވިއިރު އެޕޮއެލްއާ 1-1 އިން އެއްވަރުވެ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޓޮޓެންހަމް އާއި މެޑްރިޑުން ހަތް ޕޮއިންޓް ހަމަކޮށްފައިވާއިރު ޖެހި ގޯލާއި ވަން ގޯލު ވެސް އެއްވަރެވެ. ޑޯޓްމަންޑާއި އެޕޮއެލް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ގަދަ ދެ ޓީމުގެ ތެރެއަށް ވަނުމަށް ޑޯޓްމަންޑަށް އޮތީ އުނދަގޫ ހަނގުރާމައެކެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި މެޑްރިޑާއި ޓޮޓެންހަމް ރޭ ކުޅުނު މެޗުގައި ލީޑު ނެގީ ޓޮޓެންހަމުންނެވެ. އެ ޓީމަށް 28 ވަނަ މިނެޓުގައި ލީޑު ލިބުނީ މެޑްރިޑުގެ ޑިފެންޑަރު ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޑްރިޑް ސަލާމަތްވީ 43 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުންނެވެ.

ރޭގެ މެޗަށް ފަހު ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ބުނީ މެޗުން އެނގެނީ އެންމެ މަތީ ފެންވަރުގައި ވެސް އެ ޓީމަށް ވާދަކުރެވޭނެކަން ކަމަށެވެ.

"ރެއާލް މެޑްރިޑުގެ ސްޓޭޑިއަމުގައި ޕޮއިންޓެއް. ކޮންމެ ދުވަހަކު ވެސް އެ ނަތީޖާ އަހަރެމެން އުފަލާ އެކު ބަލައިގަންނާނަން. މި ނަތީޖާ އިން ދައްކައިދެނީ ޓީމެއްގެ ގޮތުގައި އަހަރެމެން ދަތުރުކޮށްފައިވާ ހިސާބު،" ކޭން ބުންޏެވެ. "އަހަރެމެން މިތިބީ އުފަލުން. އަހަރެމެން ރަނގަޅަށް ކުޅެ މެޑްރިޑަށް އުނދަގުލާ ކުރިމަތިކުރިން."

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އޭނާގެ ޓީމުން މެޑްރިޑަށް ރަނގަޅު ވާދައެއްކުރި ކަމަށާއި އެހެންވެ އުފާވެފައިވާ ކަމަށެވެ.

"އަހަރެމެން އަހަރެމެންގެ ނަފުސަށް މި ސާބިތުކޮށްދިނީ ރެއާލް މެޑްރިޑާ ވާދަކުރެވޭނެކަން. އެއީ ވަރަށް ރަނގަޅަށްވީ ކަމެއް. އަހަރެން ވަރަށް އުފަލުން މިހިރީ. އެއް ޕޮއިންޓާ މެދު ހިތްހަމަޖެހޭ. މި ޕޮއިންޓާ އެކު ގްރޫޕުގައި ރަނގަޅު ހިސާބަކަށް އަހަރެމެން އަރައިފި،" ޕޮޗެޓީނޯ ބުންޏެވެ.