Roadha Mihaaru
ނޮވެލްޓީ ފޮތް މައުރަޒު ފަށައިފި

ނޮވެލްޓީ ފޮތް މައުރަޒު ފަށައިފި، 100،000 އަށް ވުރެ ގިނަ ފޮތް ހުންނާނެ!

30 ސެޕްޓެމްބަރ 2017

ނޮވެލްޓީ ބުކްޝޮޕްގެ ފޮތް މައުރަޒު، 100،000 އަށް ވުރެ ގިނަ ފޮތާއި އެކު ފެށިގެން ކުރިއަށް އެބަދެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ނޮވެލްޓީ ބުކްޝޮޕްގެ ފޮތް މައުރަޒު، 100،000 އަށް ވުރެ ގިނަ ފޮތާއި އެކު ފެށިގެން ކުރިއަށް އެބަދެ އެވެ.

ނޮވެލްޓީން ބުނީ ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބުކް ފެއާގެ މި އަހަރުގެ ފެއާ ކުރިއަށް ދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އާޓް ގެލަރީގައި ކަމަށެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފޮތް މައުރަޒުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ނޮވެލްޓީ ބުކްޝޮޕްގެ މާކެޓިން މެނޭޖަރު އިރުފާން އިސްމާއިލް ވިދާޅުވީ، މި އަހަރުގެ މައުރަޒުގައި ތަފާތު ވައްތަރުތަކުގެ 12،000 ފޮތް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އާ ފޮތްތައް ވިއްކާނެ ކަމަށެވެ.

"ތަފާތު [ކެޓަގަރީތަކުގެ] 12،000 ފޮތާއި އެކު ޖުމްލަ ފޮތުގެ އަދަތު 100،000 އަށް ވުރެ އިތުރުވާނެ. އަދި ކޮންމެ ދުވަހަކު އާ ފޮތްތައް އަޅުގަނޑުމެން އެބަ ވިއްކަން،" އިރުފާން ވިދާޅުވި އެވެ.

އިރުފާން ވިދާޅުވީ މައުރަޒު ފެށިގެން ކުރި އަށް ދާއިރު، ގިނަ އަދަދެއްގެ ބަޔަކު ފެއާ އަށް ޒިޔާރަތް ކުރަމުން އަންނަ ކަމަށެވެ.

މައުރަޒުގެ ނަސީބުވެރިއަކަށް ގުރުއަތުން ހޮވޭ މީހަކަށް 11،111.11 ޑޮލަރު ގެ އިނާމެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އިރުފާން ވިދާޅުވީ، ގުރުއަތުގައި ބައިވެރިވުމަށް ކޫޕަން ދޫކުރާނީ ފެއާގައި ކުރާ ކޮންމެ 100ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއްގެ މަގުން ކަމަށެވެ.

މައުރަޒުގެ ތެރެއިން 10 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އިރުފާން ވިދާޅުވި އެވެ.

ފުޅާ ދާއިރާއެއްގައި ފޮތާއި ސްކޫލް ސާމާނުގެ ވިއްކުމުގެ އިތުރުން ޕްރިންޓް ހިދުމަތް ދެމުން އަންނަ ނޮވެލްޓީން ބުނީ މައުރަޒުގައި ކުޑަކުދިން ކުލަ ޖައްސާ ފޮތުން ފެށިގެން ވާހަކަ ފޮތާއި މައުލޫމާތު ފޮތްތަކުގެ އިތުރުން މެނޭޖްމަންޓް ފޮތްތައް ވެސް ލިބެން ހުންނާނެ ކަމަށެވެ.