Roadha Mihaaru
ދުވަސްވުމުގެ ކުރިން އަނގައިގެ ސިއްހަތު ރަނގަޅުކުރޭ!

ދުވަސްވުމުގެ ކުރިން އަނގައިގެ ސިއްހަތު ރަނގަޅުކުރޭ!

02 ޖެނުއަރީ 2018

ކޮންމެ ދުވަހަކު އެއް ފަހަރު ނަމަވެސް ދަތް އުނގުޅަން ހެއްޔެވެ؟ ދުވާލަކު ދަތް އުނގުޅަނީ ކިތައް ފަހަރު ހެއްޔެވެ؟ ގަވާއިދުން ދޫ ވެސް އުނގުޅާ ސާފުކުރަން ހެއްޔެވެ؟ އަނގައިގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ ދަތުގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަން ހެއްޔެވެ؟

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކޮންމެ ދުވަހަކު އެއް ފަހަރު ނަމަވެސް ދަތް އުނގުޅަން ހެއްޔެވެ؟ ދުވާލަކު ދަތް އުނގުޅަނީ ކިތައް ފަހަރު ހެއްޔެވެ؟ ގަވާއިދުން ދޫ ވެސް އުނގުޅާ ސާފުކުރަން ހެއްޔެވެ؟ އަނގައިގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ ދަތުގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަން ހެއްޔެވެ؟

މި ހުރިހާ ސުވާލެއްގެ ޖަވާބަކީ އާނއެކޭ ނަމަ މުސްކުޅިވުމުން ދަތުގެ ބޮޑެތި މައްސަލަތައް ޖެހޭލެއް ދުރުވާނެ އެވެ. މިގޮތަށް ކަންތައް ނުކުރާ ނަމަ ޅަ އުމުރުން ފެށިގެން ދަތުގެ ސާފުތާހިރު ކަމަށާއި ސިއްހަތަށް ސަމާލުކަން ބަހައްޓަން ފަށާށެވެ. އެހެން ނޫން ނަމަ 60 ވަރަކަށް އަހަރު ވާއިރަށް ބޮޑެތި މައްސަލަތައް ދިމާވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް ނިދުމުގެ ކުރިން ދަތް އުނގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ފަހުގެ ހޯދުމަކުން ހާމަވެފައިވާ ގޮތުގައި އަނގަޔާއި ދަތްތައް އަދި ހިރުގަނޑު ސާފުތާހިރުކޮށް އަދި ސިއްހަތު ރަނގަޅަށް ބެހެއްޓުމަކީ މުސްކުޅި އުމުރަށް އެޅުމުން އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. ސަބަބަކީ އަނގައިގެ ސިއްހަތަށް ދިމާވާ މައްސަލަތަކާއި ދުވަސްވީ މީހުންގެ ހަށިގަނޑު ބަލިކަށިވުމާ ވަރަށް ބޮޑަށް ގުޅިފައިވާތީ އެވެ.

މިފަހަރުގެ ހޯދުމަށް ސައިންސްވެރިން ބެލީ ދަތްތައް ފައިބައިގެން، އަނގަ ހިކޭ މައްސަލަ ހުންނަ އަދި މިނޫން ވެސް އަނގައިގެ ސިއްހަތުގެ މައްސަލަތައް ހުރި 1،622 ފިރިހެނުންނެވެ. މި ހޯދުމުގެ ނަތީޖާ އިން ދެއްކި ގޮތުގައި އަނގައިގެ ސިއްހަތު ގޯސްވުމަކީ އުމުރުން ދުވަސްވާ ވަރަކަށް މީހާ ބަލިކަށިވެ އެހެން މީހުންގެ އެހީތެރިކަމާ ނުލާ ނޫޅެވޭން މެދުވެރިވާ ކަމެކެވެ.

ދުވަސްވެ ބަލިކަށިވުމުން ފަސޭހައިން ތަންތަނަށް ވެއްޓުމާއި އެނޫން ވެސް ނުކުޅެދުންތެރިކަން ދިމާވެ އެހެން މީހެއްގެ އެހީތެރިކަމާ ލައިގެން ނޫނީ ނޫޅެވޭ ގޮތް ވެއެވެ. އަދި މިފަދަ ބައެއް މީހުން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހި ބައެއް ފަހަރަށް ފުރާނަ ވެސް ގެއްލެ އެވެ.

ޅައިރުއްސުރެ އަނގަ ސާފުކުރުމުގެ އާދަ އަށަގަންނުވައިގެން ވަރަށް ގިނަ މައްސަލަތައް ހައްލު ކުރެވިދާނެ ކަމަށް ސައިންސްވެރިން ވަނީ އިރުޝާދު ދީފަ އެވެ.