Roadha Mihaaru
ސޮނީގެ "ދިލް ހީ ތޯ ހޭ" އަންނަ މަހު ހުއްޓައިލަނީ

ސޮނީގެ ސިލްސިލާ "ދިލް ހީ ތޯ ހޭ" އަންނަ މަހު ހުއްޓާލަނީ

03 އޮކްޓޯބަރ 2018

ދައްކަން ފެށުމުގެ ކުރިން ބެލުންތެރިން ވަރަށް ބޮޑު އިންތިޒާރެއް ކުރި ސޮނީ ޓީވީގެ ސިލްސިލާ "ދިލް ހީ ތޮ ހޭ" އަށް އުންމީދުކުރި ވަރުގެ ތަރުހީބެއް ނުލިބޭތީ ހުއްޓައިލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދައްކަން ފެށުމުގެ ކުރިން ބެލުންތެރިން ވަރަށް ބޮޑު އިންތިޒާރެއް ކުރި ސޮނީ ޓީވީގެ ސިލްސިލާ "ދިލް ހީ ތޮ ހޭ" އަށް އުންމީދުކުރި ވަރުގެ ތަރުހީބެއް ނުލިބޭތީ ހުއްޓައިލަން ނިންމައިފި އެވެ.

އެ ސިލްސިލާ ގެނެސްދޭ އެކްތާ ކަޕޫރްގެ ބަލާޖީ ޓެލެފިލްމްސްއާ ހަވާލާދީ ބޮލީވުޑް ލައިފުން ބުނީ ސިލްސިލާ ނިމުމަކަށް ގެންނާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.

މި ޑްރާމާ އަކީ މުއްސަނދި އާއިލާއެއްގެ ޒުވާން ފިރިހެނެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ ސިލްސިލާއެކެވެ. ލީޑް ރޯލް ކުޅެނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެންނަ އަދި އެމްޓީވީގެ "ލަވް ސްކޫލް" ގެ ހޯސްޓް ކަރަން ކުންދުރާ އާއި ޔޮގީތާ ބިހާނީ އެވެ.

މި ސީރީޒަށް އާންމުންގެ ފަރާތުން މިހާތަނަށް ލިބިފައި ވަނީ ވަރަށް ފިނި ތަރުހީބެކެވެ. އަނެއްކޮޅުން އިންޑިއާގެ ޗެނެލްތަކުގެ މެދުގައި ވާދަވެރިކަން ބޮޑު އިރު، މި ސިލްސިލާ އިން ސޮނީގެ ޓީއާރްޕީ އަށް ވެސް މާ ބޮޑު ކުރިއެރުމެއް އައިސްފައެއް ނެތެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ދައްކަން ފެށި "ދިލް ހީ ތޮ ހޭ" ހުއްޓައިލުމަށް ފަހު، އެ ސިލްސިލާ ފުރަމުން ދިޔަ ގަޑީގައި ދެން ގެނެސް ދޭނީ ސޮނީން 2009 ގައި ގެނެސް ދިން "ލޭޑީޒް ސްޕެޝަލް" ގެ ދެވަނަ ސީޒަން "ލޭޑީޒް ސްޕެޝަލް 2" އެވެ.

ސޮނީގެ ޓްވީޓެއް.

މި ސިލްސިލާގެ ޕްރޮމޯ ވެސް މިހާރު ޝޫޓްކޮށްފައިވާ އިރު، ވަރަށް އަވަހަށް ސޮނީން ގެނެސް ދޭން ފަށާނެ އެވެ.

ޖޫން 18 ގައި ދައްކަން ފެށި "ދިލް ހީ ތޯ ހޭ" ހުއްޓުމަކާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު، މި ސިލްސިލާގެ 70 އަށް ވުރެ ގިނަ އެޕިސޯޑް މިހާތަނަށް ވަނީ ދައްކައިފަ އެވެ.

ސޮނީން ދާދި ފަހުން ވަނީ އެ ޗެނެލްގެ މަގުބޫލު ކޮމެޑީ ޝޯ "ކޮމެޑީ ސާކަސް" ގެ އާ ސީޒަނެއް ވެސް ދައްކަން ފަށައިފަ އެވެ. އަދި އަމީތާބް ބައްޗަން ހޯސްޓްކޮށް ދޭ "ކޯން ބަނޭގާ ކްރޯޑްޕަތީ" އަކީ ވެސް ސޮނީގެ މަގުބޫލު ޝޯއެކެވެ.

އެ ޗެނެލުން އެންމެ ފަހުން ދައްކަން ފެށި އާ ސިލްސިލާއަކީ މިދިޔަ މަހުގެ 11 ގައި ދައްކަން ފެށި "މޭ މާއިކޭ ޗަލީ ޖާއޫނގީ" އެވެ.

އެކްތާ މިހާރު ގެނެސްދޭ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި ކަލާޒުން ދައްކާ "ނާގިން 3" އާއި ސްޓާ ޕްލަސް އިން ގެނެސްދޭ "ގަޔާމަތު ކީ ރާތު" އާއި "ކަސޯޓީ 2" އަދި "ޔޭ ހޭ މޮހައްބަތޭން" ފާހަގަކޮށްލެވެ އެވެ.