ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަވާ ބޭފުޅަކަށްވުން ގާނޫނީ ގޮތުން ލާޒިމް ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
04 ނޮވެމްބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަވާ ބޭފުޅަކަށްވުން ގާނޫނީ ގޮތުން ލާޒިމް ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
މަޖިލީހުން އެގޮތަށް ބުނީ މަޖިލީހުގެ ރައީސް ކަމަށް މިދިޔަ ހަފުތާގައި އިންތިޚާބުކުރި ގާސިމް އިބްރާހިމް އެ މަގާމަށް ޝަރުތު ހަމަވާ ކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވަނިކޮށެވެ. ގާސިމަށް އެ މަގާމުގައި ހުންނެވޭނެ ކަމާ މެދު ސުވާލު އުފެއްދީ ރައީސާއި ނައިބު ރައީސްގެ ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް އެއްފަހަރާ ހުސްވެއްޖެ ނަަމަ، ވަގުތީ ގޮތުން ވެރިކަމާ ހަވާލުވާނީ މަޖިލީހުގެ ރައީސް ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތުމުންނެވެ.
ގާނޫނުއަސާސީ މިހާރު އޮތްގޮތުން 65 އަހަރު ފުރިފައިވާ މީހުން ރައީސުލް ޖުމްހޫރިއްޔާ ކަމަށް ޝަރުތު ހަމައެއް ނުވާނެ އެވެ. އަދި ވަގުތީ ގޮތުން އެ މަގާމާ ހަވާލުވާ ބޭފުޅަކީ ވެސް ރައީސުލް ޖުމްހޫރިއްޔާގެ ކިބައިގައި ހުންނަން ގާނޫނުއަސާސީ ލާޒިމްކުރާ ޝަރުތު ފުރިހަމަ ވެފައިވާ ބޭފުޅަކަށް ވާންޖެހޭއިރު، ގާސިމަަށް 65 އަހަރު ފުރިފައިވާތީ ރައީސުލް ޖުމްހޫރިއްޔާ ކަން ކުރުމުގެ ޝަރުތު ގާސިމްގެ ފުރިހަމައެއް ނުވެ އެވެ.
އެކަމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނެއްގައިވަނީ ގާނޫނު އަސާސީ އޮތްގޮތުން މަޖިލީހުގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅެއްގެ ޝަރުތަކީ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ވެސް ހުންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް ކަމަށެވެ. އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެމްބަރު ކަން ކުރެވޭއިރު، މަޖިލީހުގެ ކޮންމެ މެމްބަރަކަށް ވެސް މަޖިލީހުގެ ރައީސް ކަން ނުވަތަ ނައިބު ރައީސް ކަން ކުރެވިދާނެ ކަމަށާއި އެ ދެ މަގާމަށް ވަކި ޚާއްސަ ޝަރުތުތަކެއް ފުރިހަމަ ވާން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ނެތް ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ މަގާމާއި ނައިބު ރައީސްގެ މަގާމު ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް ވެސް ހުސްވެއްޖެ ނަމަ، އެ މަގާމާ ވަގުތީ ގޮތުން ހަވާލުވާން ޖެހެނީ މަޖިލީހުގެ ރައީސް ކަމަށްވުން ކޮންމެހެން ލާޒިމެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ ހ. އަދި ށ. ގައި ވެސް، މަޖިލީހުގެ ރައީސަށް ވެރިކަމާ ވަގުތީ ގޮތުން ހަވާލުވެވެން ނެތް ނަމަ، އެކަމާ ހަވާލުވާނީ މަޖިލީހުގެ ނައިބު ރައީސް ނުވަތަ މަޖިލީހުން ކަނޑައަޅާ އެހެން މެމްބަރަކު ކަމަށް ބުނެފައި އޮތުމެވެ.
މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ޝަރުތު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި 35 އަހަރު ފުރިފައިވުން އޮތްއިރު، އެ އުމުރު ހަމަނުވާ މީހުންނަށް ވެސް މަޖިލީހުގެ މެމްބަރަކަށް ވެ، މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަން ކުރުމުގެ ފުރުސަތު އޮތްކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
"ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބު ކުރެވޭ މީހެއްގައި ހުންނަންޖެހޭ އުމުރުގެ ޝަރުތު ފުރިހަމަ ނުވާ މީހަކަށް ވެސް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެ، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް އިންތިޚާބުވުމަށް ގާނޫނު އަސާސީން ހުރަހެއް ނެތް ކަން ވަރަށް ސާފުކޮށް އެނގެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވާ ފަރާތެއްގެ އުމުރާއި ރައީސުލް ޖުމްހޫރިއްޔާގެ އުމުރުގެ ޝަރުތާ ގުޅޭ މައްސަލައަކީ ގާނޫނު އަސާސީ ދަންނަ އަދި އެކަމަށް ގާނޫނު އަސާސީން ފަރުވާ ދީފައި އޮތް ހާލަތެކެވެ.
މަޖިލީހުގެ ރައީސް ކަމަށް ގާސިމް ބޮޑު އަޣުލަބިއްޔަތުން ހޮވުނީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ މަސީހު މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅައި، އެޖެންޑާ ކޮށްފައި ވަނިކޮށެވެ.
"ގާނޫނުއަސާސީ ބަދަލު ކުރެވޭ ގޮތް ހަރުކަށި ކުރަންޖެހޭ"
ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވުން ރަނގަޅު؟
މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމުގެ އިސްލާހެއް
65 އަހަރުގެ އިސްލާހު އުވާލުމުގެ ބިލް ތަސްދީގުކޮށްފި
ގާނޫނުއަސާސީގައި ހިމެނި 65 އަހަރުގެ ޝަރުތު ބާތިލް
65 އަހަރުގެ އިސްލާހު އުވާލުމުގެ ބިލް މާދަމާ
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ވަގުތީއަމުރާ މެދު ގޮތް ނިންމާ އަޑުއެހުން ކެންސަލްކޮށްފި
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ކާޑެއްދޫ އެއާޕޯޓު ހަވާލުކުރަން ދެކޮޅުނުހަދާނަން: ގާސިމް