Roadha Mihaaru
އީރާނުން ހަމަލާ ދިނީ އެމެރިކާއަށް ގެއްލުން ކުޑަވާގޮތަށް

އީރާނުން ހަމަލާ ދިނީ އެމެރިކާ މީހުންނަށް ގެއްލުން ކުޑަވާ ގޮތަށް: ރިޕޯޓް

09 ޖެނުއަރީ 2020

ވޮޝިންޓަން (ޖެނުއަރީ 9) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އީރާނުން އިއްޔެ މިސައިލް ހަމަލާ ދިން އިރު އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެމެރިކާ ސިފައިންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަވާ ގޮތަށް ކަމަށް އިންޓަލިޖެންސް އެސެސްމަންޓްތަކާ ހަވާލާދީ އެމެރިކާ އާއި ޔޫރަޕުގެ ތަޖްރިބާކާރުން ބުނަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 9) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އީރާނުން އިއްޔެ މިސައިލް ހަމަލާ ދިން އިރު އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެމެރިކާ ސިފައިންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަވާ ގޮތަށް ކަމަށް އިންޓަލިޖެންސް އެސެސްމަންޓްތަކާ ހަވާލާދީ އެމެރިކާ އާއި ޔޫރަޕުގެ ތަޖްރިބާކާރުން ބުނަން ފަށައިފި އެވެ.

ނަން ހާމަކުރަން ނޭނދޭ ބައެއް ތަޖްރިބާކާރުން ބުނީ ގެއްލުން ކުޑަވާ ގޮތަށް ހަމަލާ ދިނީ އީރާނުން ގަސްދުގައި ކަމަށެވެ. އެމެރިކާ ސިފައިންނަށް އަމާޒު ނުވާ ގޮތަށް އީރާނުން ހަމަލާދިނީ އިތުރު ކުރިމަތިލުމަކަށް ދާން އީރާނުން ބޭނުން ނުވާތީ ކަމަށް ވެސް ތަޖްރިބާކާރުން ބުނެ އެވެ.

އިރާގުގެ އަންބާރު ޕްރޮވިންސްގެ އަލް އަސަދު އަދި އިރްބީލްގެ ވައިގެ މަރުކަޒަށް ދިން ހަމަލާގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ މިސައިލް ހަމަލާގެ ގެއްލުން ކުޑަވީ އެމެރިކާ ސިފައިން ދުރާލާ ތައްޔާރުވެފައި ތިބުމުން ކަމަށެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް 22 މިސައިލް ފޮނުވާލި ކަމަށެވެ.

ހަމަލާތަކުގެ އެސެސްމެންޓް ހެދި ތިން ފަރާތަކުން ބުނީ ހަމަލާތައް ދީފައި ހުރީ އެމެރިކާގެ މަރުކަޒުތަކުގެ ވަކި ތަންތަނަކަށް ކަމަށެވެ. ބޭނުމަކީ އެމެރިކާ ސިފައިންނަށް ލިބޭ ގެއްލުން ކުޑަ ކުރުމެވެ.

"އީރާނުން ބޭނުންވީ ރައްދުގައި ހަމަލާއެއް ދޭން. އެކަމަކު އެމެރިކާއާ އެކު ކުރިމަތިލުމަކަށް ދާން އީރާން ބޭނުމެއް ނުވޭ،" އެމެރިކާގެ ތަޖްރިބާކާރަކު ބުންޏެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ އީރާނުން ހަމަލާދިނީ އަމިއްލަ ދިފާއުގައި ކަމަށާއި އެމެރިކާއާ އެކު ހަނގުރާމައެއް ކުރަން ބޭނުންނުވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ދެއްވި ތަގްރީރުގައި ވަނީ އީރާނަށް ރައްދު ހަމަލާ ނުދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އަދި އީރާންއާ އެކު ސުލްހަ ގާއިމްކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.