Roadha Mihaaru
އެމެރިކާއިން ރައްދު ދީފިނަމަ ނަތީޖާ މާހިތިވާނެ: އީރާން

އެމެރިކާއިން ރައްދު ހަމަލާދީފި ނަމަ އީރާނުން ދެން ދޭ ހަމަލާ މާ ނުރައްކާވާނެ

08 ޖެނުއަރީ 2020

ތެހެރާން (ޖެނުއަރީ 8) - އިރާގުގައި އެމެރިކާ ސިފައިން ތިބޭ ދެ މަރުކަޒަކަށް އީރާނުން ދިން މިސައިލް ހަމަލާ އަށް ރައްދު ދިނުމަށް އެމެރިކާ އިން ހަމަލާއެއް ދީފި ނަމަ އީރާނުން ދެން ދޭ ހަމަލާތަކުގެ ނުރައްކާ މާބޮޑުވާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުން އިންޒާރުދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖެނުއަރީ 8) - އިރާގުގައި އެމެރިކާ ސިފައިން ތިބޭ ދެ މަރުކަޒަކަށް އީރާނުން ދިން މިސައިލް ހަމަލާ އަށް ރައްދު ދިނުމަށް އެމެރިކާ އިން ހަމަލާއެއް ދީފި ނަމަ އީރާނުން ދެން ދޭ ހަމަލާތަކުގެ ނުރައްކާ މާބޮޑުވާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުން އިންޒާރުދީފި އެވެ.

ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އީރާނުން ދެން ދޭ ހަމަލާތައް އެމެރިކާގެ އިތުރުން އިޒްރޭލާއި އެމެރިކާ އަށް ވާގިވެރިވާ މެދުއިރުމަތީގެ ގައުމުތަކަށް ވެސް އަމާޒު ކުރާނެ ކަމަށެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް ދިނީ ރައްދު ހަމަލާގެ އެންމެ ކުޑަ މިންވަރު ކަމަށެވެ.

އިރާގުގެ އަންބާރު ޕްރޮވިންސްގެ އައިން އަލް އަސަދު އަދި އިރްބީލް ވައިގެ މަރުކަޒަށް 22 މިސައިލް ފޮނުވާލި ކަމަށާއި އޭގެ ތެރޭން އެއްވެސް މިސައިލެއް އެމެރިކާ އަށް ވައްޓާލެވިފައި ނުވާ ކަމަށް ވެސް އީރާނުގެ ރަސްމީ ޓީވީން ބުނެފައިވެ އެވެ. މިސައިލް ހަމަލާތަކުގައި އެއްވެސް މީހަކު މަރުނުވާ ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އީރާނުން ބުނެފައި ވަނީ 80 މީހުން މަރުވި ކަމަށެވެ.

އިރާގުގެ އަންބާރު ޕްރޮވިންސްގެ އަލް އަސަދު ވައިގެ މަރުކަޒުގައި އިރާގު ސިފައިންގެ ބަޔަކު ނޮވެމްބަރު 11، 2014 ގައި ހަރަކާތްތެރި ވަނީ. --އޭއެފްޕީ ފައިލް ފޮޓޯ

އިރާގުގެ އަންބާރު ޕްރޮވިންސްގެ އަލް އަސަދު ވައިގެ މަރުކަޒުގައި އިރާގު ސިފައިންގެ ބަޔަކު ނޮވެމްބަރު 11، 2014 ގައި ހަރަކާތްތެރި ވަނީ. --އޭއެފްޕީ ފައިލް ފޮޓޯ

އެމެރިކާ އިން ރައްދު ހަމަލާއެއްދީފި ނަމަ އީރާނުން ދޭ ހަމަލާތަކުގައި މެދުއިރުމަތީގެ ހަނގުރާމައެއް ފެށޭނެ ކަމުގެ އިންޒާރު ރައީސް ހަސަން ރޫހާނީގެ މުޝީރު ހިސާމުއްދީން އަޝީނާ ވަނީ ވިދާޅުވެފަ އެވެ.

އީރާނުގެ ރަސްމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރު ވިދާޅުވީ އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ދިން ހަމަލާ އަކީ އީރާނުން އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި އެ ހަމަލާތަކުގެ އަލީގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ޖެހޭނީ މެދުއިރުމަތިން އެމެރިކާ ސިފައިން ބާލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާދީފައި މި ވަނީ އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ މިދިޔަ ހުކުރު ދުވަހު އަވަހާރަކޮށްލާފައިވާތީ އެވެ.