Roadha Mihaaru
ކަންގަނާގެ ގެ ކައިރީގައި ފުލުހުން ފޯރިމަރަނީ

ކަންގަނާގެ ގެ ކައިރީގައި ފުލުހުން ފޯރިމަރަނީ

03 އޯގަސްޓް 2020

ހިމާޗަލް ޕްރަދޭޝްގެ މަނާލީގައި ހުންނަ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ ކައިރިން ބަޑިޖަހާ އަޑު އިވިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން ފޯރިމަރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިމާޗަލް ޕްރަދޭޝްގެ މަނާލީގައި ހުންނަ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ ކައިރިން ބަޑިޖަހާ އަޑު އިވިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން ފޯރިމަރަން ފަށައިފި އެވެ.

މަނާލީގެ ފެހި ވާދީއެއްގެ ތެރޭގައި ހުންނަ ކަންގަނާގެ ތިން ބުރީގެ ގެއަކީ ވަރަށް ފަހުން އިމާރާތްކޮށްފައިވާ އަގު ބޮޑު އެންމެ މި ޒަމާނުގެ ގެއެކެވެ. ގެ ކައިރިން ބަޑީގެ އަޑު އިވިފައިވާ އިރު، ގޭގެ ފޯރިމަރަން ގާޑުން ވެސް ތިބެ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި، ޒުވާން ބަތަލާ ބުނީ އޭނާގެ ކޮޓަރިއާވީ ފަރާތުން ދެ ފަހަރެއްގެ މަތިން ބަޑީގެ ގަދަ އަޑުފައްގަނޑެއް މިދިޔަ ހަފުތާގައި އިވިފައިވާ ކަމަށެވެ. އަދި އަޑު އައިލެއް ބާރުކަމުން ލަފާކުރެވެނީ އުންޑަތަކެއް ފޮނުވައިލީ ގެއާ ވަރަށް ގާތުން ކަމަށް ބުންޏެވެ.

"މިކަން ހިނގުމާ އެކު ވާނީ ފުލުހުންނަށް ރިޕޯޓްކޮށްފައި. އަދި މައްސަލަ އަންނަނީ ތަހުގީގު ކުރަމުން،" ކަންގަނާ ބުންޏެވެ.

މި ހާދިސާއާ ބެހޭ ގޮތުން މަނާލީ ފުލުހުންގެ ސީނިއާ ހައުސް އޮފިސަރު ސަންދީޕް ޕަތާނިއާ މީޑިއާތަކަށް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކަންގަނާގެ ގެ ކައިރިން ބަޑީގެ އަޑު އިވުނުކަމުގެ ހެއްކެއް ނެތް ކަމަށެވެ. އެކަމަކު ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަންގަނާގެ ސެކިއުރިޓީގެ ކަންތައްތަކަށް އޭނާގެ ގާޑުންނާ ގުޅިގެން މަނާލީގައި ކުރިއަށް ގެންދާ ކަމަށެވެ.

ކަންގަނާ ބުނީ މިފަދަ ކަމަކާ ކުރިމަތިލާން ޖެހުނީ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތުގެ މަރާ ގުޅިގެން އޭނާ ފާޅުކުރާ ހިޔާލުތަކާ ގުޅިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ބޮލީވުޑްގެ ނުފޫޒު ގަދަ މީސްމީހުންނާ ބެހޭ ގޮތުން ފާޅު ނުކުމެ ވާހަކަ ދެއްކުމަކީ ކުރިން ވެސް މިފަދަ ބިރުވެރިކަމަކާ ކުރިމަރިލާން ޖެހިދާނެ ކަމެއްކަން ވިސްނައިގެން ހުރި ކަމަށެވެ.

"ގެ ކައިރިން އިވުނު ބަޑީގެ އަޑަކީ މިކަމަށް މިހާރު އިތުރަށް ސަމާލުވާން ޖެހޭކަން އަންގައިދިން ސިގްނަލެއް،" ކަންގަނާ ބުންޏެވެ.

އޭނާ ބުނީ ސުޝާންތުގެ މަރާ ބެހޭ ގޮތުން ވާހަކަ ދައްކާތީ އިންޑަސްޓްރީގެ ގިނަ ބައެއްގެ ނުރުހުމާއި ރުޅިވެރިކަން އޭނާ އަށް އަމާޒުވަމުންދާ ކަމަށެވެ. އެކަމަކު ހައްގު ބަސް ބުނުމުގައި އަބަދު ވެސް ސާބިތުގެ ހުންނާނެ ކަމަށާއި ބިރުން ނޫޅޭ ކަމަށް ބުންޏެވެ.

"އެކަމަކު އަހަންނާ ދޭތެރޭ މިހާރު އާއިލާ އާއި ގާތް މީހުން ވެސް ފިކުރުބޮޑުވާކަން. އެނގޭ އެ މީހުން ބުނަމުން ވެސް ދިޔަ މުމްބާގައި ވެސް އުޅެން އަހަންނަށް ދެން ފަސޭހައެއް ނުވާނޭ. ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތިލާން ޖެހިދާނެ. އެކަމަކު މުމްބާއީ އަށް ވުރެ ކުރިން މަނާލީން މި ވަނީ އަހަންނަށް އިންޒާރުގެ ސިގްނަލް ލިބެން ފަށާފައި." ކަންގަނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ފުރާނަ އަށް ނުރައްކާވުމުގެ ބިރާ މިހާރު ކުރިމަތިލާން ޖެހުނު އެއް ސަބަބަކަށް ދާދި ފަހުން އިންޑިއާގެ ނުފޫޒު ގަދަ ޗީފް މިނިސްޓަރެއްގެ ދަރިއަކަށް އިޝާރާތްކޮށް ފާޅުކުރި ހިޔާލު ވެސް ވެދާނެ އެވެ. އަދި ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންނާއި ސިޔާސީ މީހުންނާ އޮންނަ ގުޅުމަކީ ވެސް ވަންހަނާވެފައިވާ ކަމެއް ނޫން ކަމަށާއި އޭނާ ދެއްކި ސިޔާސީ ވާހަކައެއް ވެސް ނޫން ކަމަށް ކަންގަނާ ބުންޏެވެ.

ޖޫން މަހުގެ 14 ގައި ސުޝާންތު މަރުވުމާ އެކު، އެ މަރުގެ ޒިންމާ ބޮލީވުޑްގެ ނުފޫޒު ގަދަ މީހުން ނަގަން ޖެހޭނެ ކަމަށް ބުނެ އެންމެ ބާރަށް ފާޅުގައި ވާހަކަ ދައްކާ އެކަކީ ކަންގަނާ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އަމިއްލަ ފުރާނަ ދުއްވައިލުން ފަދަ ނިންމުމެއް ސުޝާންތު ކަހަލަ އެކްޓަރަކު ނަގާނީ ބޮލީވުޑްގައި ހުރި ނެޕޮޓީޒަމް ގަދަ ބޮޑެތި މައްސަލަތަކަށް ކެތްނުކުރެވިގެންނެވެ.