Roadha Mihaaru
ވައިޓްހައުސްގެ ބޭރުގައި ބަޑިޖެހުމުން ޓްރަމްޕް ގެންގޮސްފި

ވައިޓް ހައުސްގެ ބޭރުގައި ބަޑިޖެހުމުން ބައްދަލުމުން ޓްރަމްޕް ގެންގޮސްފި

11 އޯގަސްޓް 2020

ވޮޝިންޓަން (އޮގަސްޓް 11) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ވައިޓް ހައުސްގެ ބޭރުގައި ބަޑިޖެހުމުން އެ ބައްދަލުވުމުން، ކުޑަ ވަގުތުކޮޅަކަށް ޓްރަމްޕް ގެންގޮސްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮގަސްޓް 11) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ވައިޓް ހައުސްގެ ބޭރުގައި ބަޑިޖެހުމުން އެ ބައްދަލުވުމުން، ކުޑަ ވަގުތުކޮޅަކަށް ޓްރަމްޕް ގެންގޮސްފި އެވެ.

ނޫސްވެރިންނާ ޓްރަމްޕް ވާހަކަ ދައްކަވަނިކޮށް ސީކްރެޓް ސާވިސްގެ ބޮޑީގާޑަކު ގޮސް ވަނީ ވަރަށް އިހުތިރާމާ އެކު، އެ ބައްދަލުވުމުން ޓްރަމްޕް ވަޑައިގަތުމަށް ދަންނަވައިފަ އެވެ. ޓްރަމްޕް ވެސް ވަނީ ސީކްރެޓް ސާވިސްގެ އޮފިސަރާ އެކު ވަޑައިގެންފަ އެވެ.

ޕްރެސް ރޫމުން ޓްރަމްޕް ވަޑައިގަތުމާ އެކު ވައިޓް ހައުސްގެ ބަގީޗާގައި ސީކްރެޓް ސާވިސްގެ އެޖެންޓުން އޮޓޮމެޓިކް ރައިފަލްއާ އެކު ހަރަކާތްތެރިވާން ފެށި އެވެ.

ވައިޓް ހައުސްގެ ބްރީފިން ރޫމްގެ ބޭރުގައި ސީކްރެޓް ސާވިސްގެ އެޖެންޓުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސްގެ ބްރީފިން ރޫމްގެ ބޭރުގައި ސީކްރެޓް ސާވިސްގެ އެޖެންޓުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ނަމަވެސް ނުވަ މިނިޓް ފަހުން ޓްރަމްޕް ވަނީ ނޫސްވެރިންގެ ބައްދަލުވުމަށް އެނބުރިވަޑައިގެންފަ އެވެ. ޓްރަމްޕް ވިދާޅުވީ ވައިޓް ހައުސްގެ ބޭރުގައި ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި މިހާރު އެ ހާލަތު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ހަތިޔާރު ހިފައިގެން އުޅުނު މީހާ ގަޔަށް ސީކްރެޓްސް ސާވިސް އިން ބަޑިޖެހި ކަމަށާއި މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި ޓްރަމްޕް ވަނީ ސީކްރެޓް ސާވިސްގެ ހުށިޔާރު ކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސީކްރެޓް ސާވިސް އިން ފަހުން ވަނީ އެ ހާދިސާ ހިނގި ގޮތް ސާފުކޮށްދީފަ އެވެ. ސީކްރެޓް ސާވިސްގެ ޔުނިފޯމް ޑިވިޝަންގެ ޗީފް ޓޮމް ސުލިވަން ވިދާޅުވީ ސެވަންޓީންތު ސްޓްރީޓާއި ޕެންސިލްވޭނިއާ އެވެނިއުގެ ކަންމަތީގައި ހުރި ސީކްރެޓް ސާވިސްގެ އޮފިސަރެއްގެ ކައިރިއަށް 51 އަހަރުގެ ފިރިހެނަކު ކައިރިވާން އުޅުނު ކަމަށެވެ. އެ މީހާ ވަނީ އަތުގައި ހަތިޔާރު ހުރި ކަމަށް ބުނެ ސީކްރެޓް ސާވިސްގެ އޮފިސަރާ ދިމާލަށް ދުއްވައިގެންފަ އެވެ.

ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުން ދޫކުރައްވާ ވަޑައިގަތުމަށް ސީކްރެޓް ސާވިސްގެ ބޮޑީގާޑަކު ޓްރަމްޕަށް ދަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުން ދޫކުރައްވާ ވަޑައިގަތުމަށް ސީކްރެޓް ސާވިސްގެ ބޮޑީގާޑަކު ޓްރަމްޕަށް ދަންނަވަނީ. --ފޮޓޯ:އޭއެފްޕީ

"ދެން އެ މީހާ ހަމަލާދީފާނެހެން ހީވުމުން ސީކްރެޓް ސާވިސްގެ އޮފިސަރު ވަނީ އެ މީހާ ގަޔަށް ބަޑިޖަހާފައި،" ސުލިވަން ވިދާޅުވި އެވެ.

އިމަޖެންސީ މެޑިކަލް ސާވިސް އިން ވަނީ ހަތިޔާރު ގެންގުޅުނު މީހާއި ސީކްރެޓް ސާވިސްގެ އޮފިސަރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ސުލިވާން ވިދާޅުވީ އެ ހާދިސާ ހިނގި ގޮތް ސީކްރެޓް ސާވިސް އޮފީސް އޮފް ޕްރޮފެޝަނަލް ރެސްޕޮންސިބިލިޓީން ބަލާނެ ކަމަށެވެ.