Roadha Mihaaru
ވައިޓްހައުސްގެ ސްޓާފުންނަށް ކުރިން ވެކްސިން ދޭން ދެކޮޅު

ވައިޓް ހައުސްގެ ސްޓާފުންނަށް ކުރިން ވެކްސިން ދޭން ޓްރަމްޕް ދެކޮޅު

14 ޑިސެމްބަރ 2020

ވޮޝިންޓަން (ޑިސެމްބަރު 14) - ވައިޓް ހައުސްގެ ސްޓާފުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ކުރިން ދިނުމަށް ރޭވި ޕްލޭން ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 14) - ވައިޓް ހައުސްގެ ސްޓާފުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ކުރިން ދިނުމަށް ރޭވި ޕްލޭން ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލުކޮށްފި އެވެ.

އޮފިޝަލުން ބުނެފައި ވަނީ ފައިޒާ އާއި ބަޔޯއެންޓެކް ގުޅިގެން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން އެންމެ ފުރަތަަމަ ދޭ މީހުންގެ ތެރޭގައި ވައިޓް ހައުސްގެ މުވައްޒަފުން ހިމެނޭ ކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އެކަން ބަދަލު ކުރުމަށް އަންގަވާފައިވާ ކަމަށެވެ.

ވައިޓް ހައުސްގެ ސްޓާފުން ކުރިން ވެކްސިނަށް ޖަހަން ނިންމީ ވެކްސިންއާ މެދު އާއްމު ރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށް ކަމަށްވެ އެވެ. ނަމަވެސް ޓްރަމްޕުގެ ނިންމެވުމާ އެކު ވެކްސިންއާ މެދު އާއްމުން ދެކޭނީ ކޮންތަކަށްކަން ނޭނގޭ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކޮވިޑް ޖެހިގެން ޓްރަމްޕަށް ވަނީ އޮކްޓޯބަރު މަހު ފަރުވާ ދީފަ އެވެ.

ފައިޒާގެ ވެކްސިން އުފައްދާ ޕްލާންޓުން ވެކްސިން ޝިޕްމެންޓެއް ގެންދިއުމަށް އިއްޔެ ތައްޔާރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ފައިޒާގެ ވެކްސިން އުފައްދާ ޕްލާންޓުން ވެކްސިން ޝިޕްމެންޓެއް ގެންދިއުމަށް އިއްޔެ ތައްޔާރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ފައިޒާގެ ވެކްސިނަށް އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފައި ވަނީ ހުކުރު ދުވަހު އެވެ. އަދި ހޯމަ ދުވަހުން ފެށިގެން ވެކްސިން ދޭން ފެށުމަށް ވަނީ ނިންމައިފަ އެވެ. ވެކްސިން ދިނުމަށްޓަކައި އެމެރިކާގެ އެކި ހިސާބުތަކަށް ވަނީ ތިން މިލިއަން ވެކްސިން ޑޯޒް ގެންގޮސްފަ އެވެ. ވެކްސިން ފުރަތަމަ ދޭނީ ސިއްހީ ދާއިރާގެ އޮފިޝަލުންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ. ފައިޒާގެ ވެކްސިން އިން 95 ޕަސެންޓް ރައްކާތެރިކަން ލިބެ އެވެ.

ނޮވެމްބަރު މަހުން ފެށިގެން އެމެރިކާގައި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހޮނިހިރު ދުވަހު އެކަނިވެސް އެމެރިކާ އިން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 3،309 މީހުން މަރުވެފަ އެވެ. އެމެރިކާ އިން މިހާތަނަށް ވަނީ 16.7 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ.

ފައިޒާގެ ވެކްސިން މިހާރު ވަނީ އިނގިރޭސި ވިލާތުގައި ވެސް ދޭން ފަށައިފަ އެވެ. އެ ވެކްސިނަށް ކެނެޑާ، ބަހުރޭން އަދި ސައުދީ އަރަބިއާ އިން ވަނީ ހުއްދަ ދީފަ އެވެ.

ފައިޒާ އިން ވަނީ އަންނަ މާޗު މަހުގެ ނިޔަލަށް އެމެރިކާ އަށް 100 މިލިއަން ޑޯޒުގެ ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެފަ އެވެ. މޮޑާނާ އިން އުފެއްދި ވެކްސިންގެ 200 މިލިއަން ޑޯޒް ޖޫން މަހުގެ ނިޔަލަށް ފޯރުކޮށްދޭނެ އެވެ.