Roadha Mihaaru
އެފްޓީއޭއިން ފައިދާވާނެ، ދައްކަނީ ހުސް ވާހަކަ: ސައީދު

އެފްޓީއޭ އިން ރާއްޖެ ރީއެކްސްޕޯޓް ހަބަކަށް ހެދޭނެ، ދައްކަނީ އޮއްޓަރެއް ނެތް ވާހަކަ: ސައީދު

12 އޮކްޓޯބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ފައިދާ ހޯދެން އޮއްވައި، މި ސަރުކާރުން ދައްކަނީ އޮއްޓަރެއް ނެތް ވާހަކަ ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ފައިދާ ހޯދެން އޮއްވައި، މި ސަރުކާރުން ދައްކަނީ އޮއްޓަރެއް ނެތް ވާހަކަ ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ، މިހާރު އޮތް ގޮތަށް އެއްބަސްވުން ތަންފީޒުކޮށްފި ނަމަ އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެތީ އެފަދަ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވުމުންނެވެ. މި ސަރުކާރުގެ ވިސްނުމަކީ އެއްބަސްވުން ރިވިއުކުރުމެވެ.

ސައީދު ވިދާޅުވީ އެފްޓީއޭގެ ވާހަކަ ސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އެއީ ހުސް ވާހަކަ ގޮތުގައި ސިފަކުރައްވައި އޮއްޓަރު ހުރި އެންމެ މިސާލެއް ދެއްކެވުމަށް އެދިވަޑައިގަތެވެ.

އެ ހިތްވަރު ސަރުކާރުގައި ހުންނަންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެފްޓީއޭގެ ސަބަބުން ރާއްޖެ އަކީ ސީފުޑް އަދި އަގުބޮޑު މުދަލުގެ ރީއެކްސްޕޯޓް ހަބަކަށް ހެދޭނެ،" ސައީދު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، އެއްބަސްވުމުގައި ބައެއް ކަންކަން ރަނގަޅު ނަމަވެސް ޖުމުލަކޮށް ރާއްޖޭގެ އިގުތިސާދަށް މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ. ޗައިނާ އިން އަގުހެޔޮކޮށް މުދާ އެތެރެކުރެވުނަސް އެހެން ގައުމުތަކުގެ މުދަލުން ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމުން ވަރަށް ގިނަ ވިޔަފާރިތަކާ އެކު އޮތް ގުޅުން ހީނަރުވާނެ ކަމަށް ވިދާޅުވި އެވެ.

"ކުރިން ފަށާފައި ހުރި ވިޔަފާރިތައް އަލުން ފައްޓާނެ ޖާގައެއް އޭރަކުން ނޯންނާނެ. އެހެންވެ އޭގައި އޮތް ގޮތަށް މިހާރު ކުރިއަށް ގެންދިއުން އެއީ އަޅުގަނޑު އިގުތިސާދީ މިނިސްޓަރަކަށް ހުރެ ކުރިއަށް ގެންދާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދާދި ފަހުން ވިދާޅުވެފައި ވަނީ މި އެއްބަސްވުން ތަންފީޒު ނުވެގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށެވެ.

ސައީދުގެ މި ތުހުމަތު އައީ. އެފްޓީއޭ ތަންފީޒުކުރުމަށްޓަކައި މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައި އޮތުމުން، އެ އެއްބަސްވުން މިހާރު ނެތް ކަމަށް މަޖިލީހުގައި ނަޝީދު ވިދާޅުވުމުންނެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.