Roadha Mihaaru
ގުރުއާން ކްލާސްތައް ފެށުމާ މެދު ގޮތެއް ނުނިންމިފައި

ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް އަލުން ހުޅުވުމާ މެދު ގޮތެއް ނުނިންމިފައި

24 ޖެނުއަރީ 2021

ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހުގެ 10 ގައި ފެށުމާ އެކު، މާލޭގެ ބައެއް ގުރުއާން ކުލާސްތައް އަލުން ހުޅުވި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ އެންގުމާ ގުޅިގެން އެ ތަންތަން ބަންދުކުރަން ޖެހިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހުގެ 10 ގައި ފެށުމާ އެކު، މާލޭގެ ބައެއް ގުރުއާން ކުލާސްތައް އަލުން ހުޅުވި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ އެންގުމާ ގުޅިގެން އެ ތަންތަން ބަންދުކުރަން ޖެހިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު، ބައެއް ގުރުއާން ކުލާސްތަކުގެ ކިޔެވުން މިދިޔަ ހަފުތާގައި އަލުން ފެށި ނަމަވެސް އެޗުޕީއޭގެ އެދުމަށް އެ ތަންތަން މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެކަމަކު، އެ ތަންތަނުގައި އަލުން ކިޔަވަން ފެށީ ސްކޫލުތަކެކޭ އެއްގޮތަށް ކުލާސްތަކުގައި އެއްފަހަރާ ކުދިން ގެންގުޅޭ ވަރު މަދުކޮށް، ކުލާހުގައި ކުދިން ހޭދަވާ ވަގުތު ވެސް ދަށް ކޮށްގެންނެވެ. އެއާ އެކު، ސެނިޓައިޒް ކުރެވޭނެ ގޮތްތަކާއި އަތް ދޮވެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައި ހުއްޓެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު ހޭދައެއް ކޮށްގެން، ތަން މަރާމާތު ކޮށްގެން ގާތްގަނޑަކަށް ނުވަ މަސް ފަހުން ކިޔަވައިދޭން ފެށީމާ އެގޮތަށް އެންގީމާ ވަރަށް ދެރަ. ވަކި ގޮތަކަށް އަންގާފައި ނެތީމާ، ސްކޫލުތަކުގެ ކިޔެވުމާ އެކު އަޅުގަނޑުމެން ވެސް ގުރުއާން ކުލާސްތައް ފެށީ،" މާލޭގެ ގުރުއާން ކުލާހެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ގުރުއާން ކުލާސްތަކާއި ޓިއުޝަން ސެންޓަރުތަކުގައި ކިޔަވައި ދިނުން ފެށުމާ މެދު ސަރުކާރުގެ އިދާރާތަކަށް ގޮތެއް ނުނިންމި ލަސްވާއިރު، ސިނަމާތައް ހުޅުވަން މާދަމާ އިން ފެށިގެން ހުއްދަ ދޭން އެޗުޕީއޭ އިން މިއަދު ވަނީ ނިންމައިފަ އެވެ.

ކޮވިޑް ބަލިން ސަލާމަތްވުމަށް ސްކޫލުތައް ބަންދުކުރި ގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ގްރޭޑުތަކަށް ކިޔަވައިދީފައެއް ނުުވެ އެވެ. އެހެން ސަރަހައްދުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވައި ޑިސެމްބަރު 3 ގައި ފުރަތަމަ ޓާމަށް ބަންދުވުމާ ހަމައަށް ގްރޭޑު 1-12 ގެ ދަރިވަރުންނަށް ކިޔަވައިދީފައި ވެ އެވެ. އެހެންވެ، މި މަހުގެ 10 ވަނަ ދުވަހަކީ މާލެ ސަރަހައްދުގައި ދަށު ގްރޭޑުތަކުގެ ދަރިވަރުންނާ ގާތްގަނޑަކަށް އަހަރެއް ފަހުން ބައްދަލުވި ފުރަތަމަ ދުވަހެވެ.