Roadha Mihaaru
އިންޓެލިޖެންސް ފެއިލްވި ސަބަބު ބަލަން އޮޑިޓެއް ހަދަނީ

އިންޓެލިޖެންސް ފެއިލްވި ސަބަބު ހޯދަން އޮޑިޓެއް ހަދަން ރައީސް އަންގަވައިފި

09 މެއި 2021

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖަންސަށް ނުލިބުނު ސަބަބު ހޯދަން އިންޓެލިޖަންސްގެ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖަންސަށް ނުލިބުނު ސަބަބު ހޯދަން އިންޓެލިޖަންސްގެ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.

ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ މުއައްސަސާ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ނަޝީދާ ބައްދަލު ކުރެއްވުމަށް ފަހު، ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިންޓެލިޖެންސް މިއަށް ވުރެ ވަރުގަދަ ވާން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް ރޭ ބޭއްވި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި އަންގާފައިވާނެ ކަމަށާއި އެވަރުގެ ބޮޑު ކަމެއް ހިންގި އިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންޓެލިޖެންސްގައި ހުރީ ކޮން ކަންތައްތަކެއްތޯ ރަނގަޅު ކުރަން ހުރީ ކޮން ކަމެއްތޯ އަދި މިވަރު ކަމެއް ވެގެން ދިޔަ އިރު އިންޓެލިޖެންސަށް ތިލަވެގެން ނައި ސަބަބާއި ނޭނގުނީ ކީއްވެގެންތޯ،" ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތުގެ ތަފްސީލް ދިރާސާއެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެ ދިރާސާތައް ނިންމަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިންޓެލިޖެންސް މިއަށް ވުރެ ވަރުގަދަ ކުރަން ޖެހޭ. ސެކިއުރިޓީ ވެސް މިއަށް ވުރެ ރަނގަޅަށް އޮންނަން ޖެހޭ. މި ދެ ރިޕޯޓުގެ އަލީގައި ވަރަށް ގިނަ ކަންކަން އަޅުގަނޑު ބަދަލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.