Roadha Mihaaru
އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ޕީޖީގައި އެދެފި

މެމްބަރު އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދައިދޭން ޕީޖީގައި އެދެފި

20 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެދިނުމަށް އެދުނީ ރޭގެ ވަގުތެއްގައި ކަމަށް ވަނީ އެނގިފަ އެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި މިކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ބުނީ އީސަގެ މައްސަލާގައި ޕީޖީގެ ލަފަޔަކަށް އެދި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް "މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި ފުލުހުން ވަނީ ހައްޔަރުކުރުމުގެ އަމުރެއް ހޯދައިދޭން އެދިފަ އެވެ.

ކުށެއް ކުރަމުންދަ ދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކަށެވެ.

ދެމަފިރިންގެ އަވަށްޓެރިއަކު ކިޔައިދިން ގޮތުގައި އެ ދެ ބޭފުޅުން ދިރިއުޅުއްވާ އެޕާޓްމަންޓް ތެރޭގައި އަނިޔާކުރާ އަޑު ވަނީ އިވިފަ އެވެ. އަދި އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރި ކަމަށާއި އަނބިކަނބަލުން ޑޮކްޓަރަށް ދައްކަން ވަޑައިގަތް ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އީސަ ވިދާޅުވީ އޭނާގެ އެފަދަ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންވެ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނެތުމުން ކޮމެންޓް ކުރައްވަން ބޭނުން ނުވާ ކަމަށް އީސަ ވިދާޅުވި އެވެ.

ގާނޫނުތައް ހަދައި ރައްޔިތުންނަށް ހައްގު ހޯދައިދޭންޖެހޭ ފަދަ މަގާމެއްގައި ހުންނެވި އީސައަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ވެސް ދަނީ ގޮވާލަމުންނެވެ.