Roadha Mihaaru
އީސަގެ ޝަރީއަތް ކެންސަލްކުރަން އަސްރާ އެދިއްޖެ

އީސަގެ ޝަރީއަތް ކުރިއަށް ނުގެންދަން އަސްރާ ޕީޖީގައި އެދިވަޑައިގެންފި

19 ޖޫން 2021

ކުރީގެ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވި މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދަން އަސްރާ ނަސީމް ޕީޖީ އޮފީހުގައި އެދިވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވި މައްސަލައިގެ ދައުވާ ކުރިއަށް ނުގެންދަން އަސްރާ ނަސީމް ޕީޖީ އޮފީހުގައި އެދިވަޑައިގެންފި އެވެ.

އަސްރާގެ ސިޓީއެއް މިއަދު ލިބިފައިވާ ކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް އެ ސިޓީއާ ގުޅޭ އިތުރު ތަފުސީލެއް މީޑިއާ އަށް ނުދެ އެވެ.

ޝަރީއަތް ކުރިއަށް ނުގެންދަން އަސްރާ އެދިވަޑައިގަތް ސަބަބެއް ސާފުވާ ގޮތެއް އަދި ނުވެ އެވެ.

އޭނާ އާއި ދަރިފުޅަށް، އީސަ ގެވެށި އަނިޔާކުރި ކަމަށް ވިދާޅުވެ ބަޔާން ދެއްވުމަށް ފަހު، އަސްރާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުހުންގެ ކިބައިން ވެސް ކުރިން އެދިފަ އެވެ. އޭނާ އެގޮތަށް އެދިވަޑައިގަތް ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ހުއްޓައެއްނުލަ އެވެ.

މި މައްސަލައިގެ ޝަރީއަތް އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ފަށަން އޮތީ ތާވަލުކޮށްފަ އެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ އާއި ދަރިފުޅަށް ވެސް އަނިޔާ ކުރަން އުޅުނު މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހު އެވެ. ފުލުހުން އެ މައްސަލަ ބަލައި ދައުވާ ކުރަން ފޮނުވުމުން އީސަގެ މައްޗަށް މި މަހުުގެ ތިން ވަނަ ދުވަހު ވަނީ އަނިޔާއެއް ދިނުމުގެ ދައުވާ ކޮށްފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގެވެށި އަނިޔާގެ ތުހުމަތުގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދުނެވެ. އެކަމަކު އެ ކޯޓުން ގާނޫނީ ސަބަބުތަކާ ހެދި އެފަދަ އަމުރެއް ނެރެނުދިނެވެ.

ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަގެ އިސްތިއުފާ އަށް ވެސް ގިނަ ބަޔަކު ގޮވާލި އެވެ. މައްސަލަ ފެންމަތިވުމާ އެކު އީސަ ވަނީ އޭނާ މުގަައްރިރުކަން ކުރެއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.