Roadha Mihaaru
އީސަގެ ދިފާއުގައި އޭނާގެ ދޮށީ ދަރިފުޅު ނުކުމެއްޖެ

ބައްޕަގެ ބޮލުގައި އެޅުވީ ހުތުރު އަދި ދޮގު ތުހުމަތުތަކެއް: އީސަގެ ދޮށީ ދަރިފުޅު

22 މެއި 2021

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ބޮލުގައި އަޅުވާފައި ވަނީ "ހުތުރު އަދި ދޮގު" ތުހުމަތުތަކެއް ކަމަށް އޭނާގެ ދޮށީ ފިރިހެން ދަރިފުޅު، މުހައްމަދު ޖިދާދު އަހުމަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ބޮލުގައި އަޅުވާފައި ވަނީ "ހުތުރު އަދި ދޮގު" ތުހުމަތުތަކެއް ކަމަށް އޭނާގެ ދޮށީ ފިރިހެން ދަރިފުޅު، މުހައްމަދު ޖިދާދު އަހުމަދު ބުނެފި އެވެ.

މީގެ ދެ ދުވަހެއް ކުރިން، އަނބިކަނބަލުން އަސްރާ ނަސީމަށް އީސަ، ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތިވެ، އޭނާ ހައްޔަރުކުރުމަށް އެތައް ބަޔަކު ގޮވާލަމުންދަނިކޮށް، އީސަގެ ދޮށީ ދަރިފުޅު ވަނީ ބައްޕަގެ ދިފާއުގައި ނިކުމެ، ވާހަކަ ދައްކައިފަ އެވެ.

ޖިދާދު، އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުމަށް ފަހު، ރާއްޖެ އައިސް އޭނާ ދިރިއުޅެމުން އަންނަނީ ބައްޕަ އާއި ކޮއްކޮ އަދި "އަސޫ ދައްތަ"އާ އެކު އެއް ގެއެއްގައި ކަމަށެވެ. އަދި ދުވަސްތަކެއް ކުރިން ބައްޕަ އާއި ދައްތަ [އަސޫ] ވަރިވެފައި ވާކަން ބައްޕަ ފަރާތުން ވަނީ އެނގިފައިވާ ކަމަށާއި އެކަމަކު ކޮއްކޮއަކީ ތުއްތު ކުއްޖެއް ކަމުން ދެ ފަރާތުގެ "އަންޑަސްޓޭންޑިން" އެއްގެ ދަށުން އެއް ގެއެއްގައި އުޅެން ނިންމީ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޖިދާދު ބުނި ގޮތުގައި އޭނާގެ ބައްޕަ އައީ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ.

"މި ކުޑަ އާއިލާގެ ހުރިހާ ކަމެއް ބައްޕަ އައީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ހުރިހާ ކަމެއް ވެސް ބައްޕަ ވަރަށް ރަނގަޅަށް ހަމަޖައްސަމުން ދިޔައެވެ،" އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޖިދާދު ބުނީ، އެ ބުނާ ރެއެއްގައި [ހގެވެށި އަނިޔާ ކުރި ކަމަށް ބުނާ ރޭ] ކަން ހިނގި ގޮތް ވަރަށް ގާތުން އޭނާ ދުށް ކަމަށެވެ. އެކަމަކު އެއީ ތަހުގީގުކުރަމުންދާ މައްސަލައެއް ކަމުން، އެރޭގެ ވާހަކަތައް ތަފްސީލުކޮށް ދެއްކުމަކީ ރަނގަޅު ކަމެއްކަމަށް ނުފެންނަ ކަމަށް އޭނާ ލިޔެފައިވެ އެވެ.

އެހެނަސް ބައްޕަގެ ބޮލުގައި އަޅުވާފައި ވަނީ ވަރަށް ވެސް ހުތުރު އަދި ދޮގު ތުހުމަތެއްކަން ޔަގީންކޮށް ބުނެދެމެވެ - ޖިދާދު

ޖިދާދު ބުނީ އޭނާގެ އުމުރުން މިވީހާ ދުވަހެއްގައި ބައްޕަ ބާރަށް އެއްޗެކޭ ވެސް ބުނެފައި ވަނީ މަދު ފަހަރެއްގައި ކަމަށާއި ދުވަހަކު ވެސް ނުރުހިފައި އައިސް ބާރަށް އަޅުގަނޑުގެ އަތުގައި ވެސް ހިފާފައި ނުވާ ކަމަށެވެ. އެހެންކަމުން، ކޮއްކޮ އަށް އަނިޔާއެއް ދޭން ބައްޕަ އުޅެފާނެ ކަމަށް ދިރި ހުރިހާ ހިނދަކު ގަބޫލު ވެސް ނުކުރެވޭނެ ކަމަށް ޖިދާދު ބުންޏެވެ.

އޭނާ ބުނީ، ބައްޕަ، އޭނާގެ މަންމައާ ކައިވެނިކޮށްގެން އުޅުނު 14 އަހަރުގެ ތެރޭގައި ދުވަހަކު ވެސް މަންމައަށް އަނިޔާއެއް ދިންތަން ފެނިފައި ނުވާ ކަމަށާއި އަދި އެފަދަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް މަންމަ ވެސް ޔަގީންކޮށްދޭ ކަމަށެވެ.

އޭނާގެ ޕޯސްޓުގައި އިތުރަށް ލިޔެފައިވަނީ މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމުން ފުލުހުން ބައްޕަ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ތިން ފަހަރެއްގެ މަތިން ޕީޖީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ކޯޓުން ވަނީ ހައްޔަރުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައި ކަމަށާއި އެއީ ހެކި ނައްތާލަން މަސައްކަތްކުރާ ކަމަށް ނުފެނުމާއި އަނިޔާގެ ވެށިން ވެސް ހެއްކެއް ނުލިބުމުން ކަމަށް ޖިދާދު ބުނެފައިވެ އެވެ. އަދި މައްސަލަ އަށް ނުފޫޒު ފޯރުވަން ވެސް ބައްޕަ މަަސައްކަތް ނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

"ދެން އޮތް ސުވާލަކީ، ބައްޕަ ބާރުގެ ބޭނުންކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކުރީތޯ އެވެ؟ ވޭތުވެދިޔަ 72 ގަޑިއިރު ތެރޭގައި ފާހަގަ ކުރެވުނު ކަމަކީ ސިޔާސީ މަދު ބޭފުޅަކު ފިޔަވައި އެންމެން ވެސް ބައްޕައާ ދެކޮޅަށް ހުރިކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ކަމެވެ. އެހެންކަމުން ނުފޫޒު ފޯރުވާ ކަމަށް ދެކުން ވެސް އެއީ ކުށްހީ އެކެވެ،"

އޭނާގެ ބައްޕައާ ގުޅިގެން ދެކެވުނު ވާހަކަތައް ދޮގުކުރަމުން ޖިދާދު ބުނީ، އެ ރޭ ބައްޕަގެ އޮފީހުގައި ވިޔަފާރި ކަމެއްގައި އޭނާ އާއި އިތުރު އަށް މީހަކު އުޅުމަށް ފަަހު ގެއަށް ދިޔައީ ރޭގަނޑު 12 ގެ ފަހުން ކަމަށެވެ. އެހެންކަމުން، "ބައްޕަ ހުރީ މަސްތުގެ ހާލުގައި ނޫންކަން އެ އެންމެން ވެސް ހެކިވާނެ" ކަމަށް އޭނާ ބުނެފައި ވެ އެވެ.

"އަތް ބިންދާލި ކަމަށް ބުނާ ބުނުން - ޖެހިގެން އައި ދުވަހު ސޯޝަލް މީޑިއާގައި އަސޫ ދައްތަ ބަޔާން ދިނުމަށްފަހު ޕޮލިސް ސްޓޭޝަން އިން ނިކުތް އިރު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ،" ޖިދާދު ބުންޏެވެ. ދެ އަހަރުގެ ލޫތު ބެލްކަނިން ވައްޓާލަން އުޅޭތަން ފެނިފައިވާ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކާ މެދު ޖިދާދު ބުނެފައި ވަނީ، އެކަމާ ބެހޭ ގޮތުން ހުރި ބަޔާންތައް އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ބަދަލު ކޮށްފައިވާ ކަމަށެވެ. "ފުރަތަމަ ބުނީ ލޫތު އެއްލާލަން އުޅުނީއޭ، ދެން ބުނީ ލޫތު ގޮވާގެން ފުންމާލަން އުޅުނީއޭ. ދެން ބުނީ ލޫތު ބެލްކަނިން ބޭރަށް ނެރެގެން ވައްޓާލާނެ ކަމުގެ ބިރު ދެއްކީއޭ. މިވަރަށް މިވާހަކަ ބަދަލުވަމުން އައި އައުމަކީ ސުވާލު އުފެދޭ ކަމެއް،" އޭނާ ބުންޏެވެ.

އީސަގެ ފަރާތުން ކުރިން ވެސް އަނިޔާ ލިބޭ ކަމަށް ދެކުވުނު ވާހަކަތަކަށް ވެސް ޖިދާދު ރައްދު ދިނެވެ. އޭނާ ވަނީ ބައްޕަ އަކީ އެހާ އަނިޔާވެރި ބައްޕައެއް ނަމަ ކައިވެނި ރޫޅުމަށްފަހު ވެސް ބައްޕައާ އެކު އެއްގޭގައި ދިރި އުޅޭނެތޯ ސުވާލު އުފައްދައިފަ އެވެ.

ސޯޝަލް މީޑިއާގައި އެކަމުގައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނައިރު ޖިދާދު ބުނީ އެގޮތަށް ފެތުރޭ ގިނަ މައުލޫމާތުތައް ދީފައި ވަނީ ވެސް އަސޫ ނޫން ކަމަށެވެ. އަދި މިކަމުގައި މިހާތަނަށް އީސަ އެއްޗެއް ވިދާޅުވެފައި ނުވަނީ އެންމެ ހަގު ދަރިފުޅުގެ ހައްގުގައި، ކުއްޖާ އާއި ކުއްޖާގެ މަންމަގެ އަނބުރު ކަތިލަން ބޭނުން ނުވާތީ ކަމަށް ބުނެފައިވެ އެވެ.

"ނަމަވެސް ކަމުގެ ދެކޮޅު ނުބަލާ، އަދި މައްސަލަ ރައްދުވާފަރާތުގެ ބަހެއް ވެސް އަޑު ނާހާ މީހެއްގެ އަބުރު ކަތިލާން ތި ކުރެވެނީ ވަރަށް ބޮޑު ކުށެއް ކަމުގައި ދެކެމެވެ. އަދި ހަމަ މީހަކު ބުނެލާ ކޮންމެ ބަހަކީ ތެދެއް ކަމުގައި ވަނީ ނަމަ، ރާއްޖޭގައި ކުށްވެރިއެއް ނޫނީ ނޫޅޭނެއެވެ،" އޭނާ ބުންޏެވެ.

"ލޫތުއަކީ އަޅުގަނޑާ އެއް ލެއެވެ. ލޫތުއަށް ދެރައެއް ނުވަތަ އަނިޔާއެއް ލިބޭކަށް ލޫތުގެ ދޮންބެއެއް ނޭދޭނަމެވެ. ލިބުނަކަ ނުވެސް ދޭނަމެވެ. ލޫތުއަށް ލިބޭ ކޮންމެ ގެއްލުމަކީ އަޅުގަނޑަށް ވެސް ލިބޭނެ ގެއްލުމެކެވެ. ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑަށް ވެސް ލިބޭނެ އުފަލެކެވެ،"

އެ ޕޯސްޓް ނިންމާލަމުން ޖިދާދު އެދިފައި ވަނީ ހާދިސާ ހަމަ ލޮލުން ނުފެންނަ މީހަކު ނަމަ، ނުދަންނަ މީހަކު ލިޔެލާ ކޮންމެ ޕޯސްޓެއް ޖަޒުބާތުގައި ޖެހި އެ ވާހަކަ ނުދެއްކުމަށެވެ. އެގޮތުން ފާއިތުވި 72 ގަޑިއިރު އޭނާ އަށް ހަމަ ނިދި ލިބިފައި ނުވާ ކަމަށާއި ފަހަރަކު މީހަކަށް ހާދިސާ ހިނގާދިޔަ ގޮތުގެ ތަފްސީލު ކިޔައިދެވޭނެ ހިތްވަރު ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.

"ގެއްލިދިޔަ އިއްޒަތެއް އަނބުރާ ނުލިބޭނެ، މި ޕޯސްޓުގެ ވެސް ބޭނުމަކީ ބަޔަކު ބަދުނާމު ކުރުން ނޫން ކަމުގައި ބުނެދެމެވެ. ހައްގު ހޯދަން މަސައްކަތް ކުރުމަށް އާދޭސް ދަންނަވަމެވެ،"

އީސަގެ ގެވެށި އަނިޔާ އޭނާގެ އަނބިކަނބަލުންނަށާއި ދަރިފުޅަށް ކުރިމަތިވެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. އެ މައްސަލަ އަނބިކަނބަލުންް ހުށަހެޅުއްވިއިރު މި މައްސަލާގައި ބަޔާން ނެގުމަށް އަސްރާ ވަނީ ޕޮލިހަށް ވެސް ހާޒިރުކޮށްފަ އެވެ.

އީސަ ހައްޔަރުކުރުމުގެ އަމުރު ނެރެދީފައި ނުވަަނީ އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ބުނެ އެވެ.