Roadha Mihaaru
އަސްރާ ބޭނުން ނުވިޔަސް ގެވެށިއަނިޔާގެ މައްސަލަ ބަލާނެ

އަސްރާ މިހާރު އެދެނީ ގެވެށިއަނިޔާގެ މައްސަލަ ނުބަލަން؛ އެކަމަކު ފުލުހުން ބަލާނެ

24 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް ވިދާޅުވެ، ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ޕޮލިހަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން އޭނާ އެދިވަޑައިގަތަސް މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް ވިދާޅުވެ، ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ޕޮލިހަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން އޭނާ އެދިވަޑައިގަތަސް މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މައްސަލަ ނުބަލަން އަސްރާ އެދިވަޑައިގަތީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށް އަސްރާ މިއަދު އެދިވަޑައިގެންފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވެގެން ހުށަހެޅިޔަސް ޖިނާއީ މައްސަލަތައް ތަހުގީގުކުރާއިރު މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ފެށިގެން އަޔަސް އީސަ ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ. އަދި އީސަގެ ދޮށީ ދަރިފުޅު ވެސް ބައްޕަގެ ދިފާއުގައި ވާހަކަ ދައްކާފައިވެ އެވެ.

ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމާ އެކު ފުލުހުން ވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވެސް އެދިފަ އެވެ. އަދި ޕީޖީން އަމުރު ހޯދުމަށް ކޯޓަށް ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ގާނޫނީ އެކި ސަބަބުތައް ހުރުމުން އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، މި މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން ބަޔާން ނުނެގި ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޕީޖީން ބަޔާންކޮށްފައިވާ ވިޔަސް އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ. ޕީޖީން ބުނެފައިވަނީ އީސަ ދޫވެފައި ހުރެއްޖެ ނަމަ، މި މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުންނަށް އޭނާގެ ފަރާތުން ނުފޫޒު ފޯރުވައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.

ހައްޔަރުކުރުމުގެ އަމުރާ މެދު ކޯޓުން ނިންމި ގޮތުގައި ބުނެފައިވާ ގޮތުގައި އީސަ ހައްޔަރުކުރަން އެދިފައި ވަނީ، އަސްރާގެ ގައިގައި ގަދަކަމުން އަތްލައި، ތަޅައި މާރާމާރީ ހިންގައި އަދި އެ މީހުންގެ ދަރިފުޅު ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް މަގުމައްޗަށް ދިއްކޮށް ކުއްޖާ މަގުމައްޗަށް ވައްޓައި މަރާލާނެ ކަމަށް ބުނެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެހެން އަމަލު ކޮށްފައިވާތީ ޕޮލިހަށް މައްސަލަ ހުށަހަޅާފައި ވާތީ އެވެ.

އީސައާ ދެކޮޅަށް ފެންމަތިވި އެ މައްސަލައާ ގުޅިގެން އޭނާގެ އިސްތިއުފާ އަށް ވެސް ގިނަ ބަޔަކު އައީ ގޮވާލަމުންނެވެ. އަދި މަޖިލީހުގެ ޖެންޑާ ކޮމިޓީން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

މިއަދު އެ މައްސަލައާ ގުޅިގެން ކަމާ ބެހޭ އިދާރާތައް ހާޒިރުކޮށް ކޮމިޓިގެ ސިއްރު ބައްދަލުވުމެއް ވެސް ކުރިއަށް ގެންދިޔަ އެވެ.