Roadha Mihaaru
އީރާންގެ ބެލެސްޓިކް މިސައިލްގެ ވާހަކައެއް ނުދެއްކޭނެ

އީރާންގެ ބެލެސްޓިކް މިސައިލްގެ ވާހަކައެއް ނުދެއްކޭނެ

22 ޖޫން 2021

އީރާންގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް، އީރާންގެ އިންތިހާބީ ރައީސް އިބްރާހީމް ރައީސީ އިއްޔެ ވިދާޅުވެއްޖެ އެވެ.

އީރާންގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް، އީރާންގެ އިންތިހާބީ ރައީސް އިބްރާހީމް ރައީސީ އިއްޔެ ވިދާޅުވެއްޖެ އެވެ.

އީރާންގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރިއާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސީ ވިދާޅުވީ، އެގައުމުގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫއާ ބެހޭ މުއާހަދާ މުރާޖައާ ކުރުމަށް ވިއެނާގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަށް އޭނާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެހެން ނަމަވެސް، މި މަޝްވަރާތަކުން ނަތީޖާއަކާ ހަމައަށް އަންނަ އިރު، އީރާންގެ ގައުމީ މަސްލަހަތު ރައްކާތެރިކުރެވޭނެ ކަމުގެ ޔަގީންކަން ލިބެންޖެހޭނެ ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގައި އީރާންގެ ހާރިޖީ ސިޔާސަތު ބިނާކުރާނީ ހަމައެކަނި ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މައްޗަކަށް ނޫނެވެ.

"ހަމައެކަނި މަޝްވަރާތަކެއް ކުރުމުގެ ބޭނުމުގައި މަޝްވަރާތަކެއް ކުރާކަން އަހަރެމެން ފުރުސަތެއް ނުދޭނަން. މަޝްވަރާތައް ފަސް ކުރުމުގެ ބޭނުމެއް ވެސް ނެތް. އޭގެ ބަދަލުގައި މަޝްވަރާގެ ކޮންމެ ބައްދަލުވުމަކީ ވެސް ނަތީޖާއެއް ހާސިލްކުރެވޭ ބައްދަލުވުމަކަށް ވާންޖެހޭނެ. އަހަރެމެންނަށް މުހިންމީ ނަތީޖާ ހާސިލްކުރެވޭ މަޝްވަރާތަކެއް، އަދި އެ ނަތީޖާއަކީ އީރާންގެ މަސްލަހަތު ރައްކާތެރިކުރެވޭނެ ނަތީޖާއަކަށް ވެސް ވާން ޖެހޭނެ،" ރައީސީ ވިދާޅުވި އެވެ.

ރައީސީގެ ވާހަކައިގައި، އެމެރިކާ އިން ވީހާ އަވަހަކަށް، ނިއުކްލިއާ މުއާހަދާގައި އަލުން ބައިވެރިވެ، އީރާނުގެ އިގްތިސާދު އިނދަ ޖައްސައިލި، ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވައިލުމަށް އެމެރިކާ ސަރުކާރަށް ގޮވައިލެއްވި އެވެ.

ރައީސީ ވިދާޅުވީ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ކިތަންމެ ވަރަކަށް ވެސް މަޝްވަރާ ކުރެވިދާނެ ކަމަށެވެ. ނަމަވެސް، އެ ގައުމުގެ ބެލެސްޓިކް މިސައިލް މަޝްރޫއާއި އެގައުމުގެ ސަރަހައްދީ ސިޔާސަތާ ބެހޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރަހައްދީ ސިޔާސަތުގެ ގޮތުގައި ރައީސީ ފާހަގަކުރެއްވީ، މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އަމިއްލަ ޖަމާއަތްތަކަށް އީރާނުން ކުރަމުން އަންނަ ތާއީދަށެވެ. އޭގެ ތެރޭގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، ލުބްނާންގެ ހިޒްބުﷲ ޖަމާއަތާއި، ޔަމަންގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ހިމެނެ އެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން، ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އީރާނާ އެކު ގާއިމުކޮށްފައިވާ މުއާހަދާ އިން، މީގެ ތިން އަހަރު ކުރިން އެމެރިކާ ވަކިވުމާ ގުޅިގެން، އެ މުއާހަދާ އޮތީ ގާތްގަނޑަކަށްހެން ބޭނުން ކެނޑިފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އެ މުއާހަދާ އިން އެމެރިކާ ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި އެވެ.

އެމެރިކާގެ މި އަމަލުތަކާ ގުޅިގެން، އީރާނުން އަނެއްކާ ވެސް އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު، ކުރިއަށް ގެންދަން ފެށި އެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު، އެމެރިކާގެ ރައީސްގެ މަގާމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމަށް ފަހު، އެ މުއާހަދާގައި އަލުން ބައިވެރިވާން ނިންމުމާ ގުޅިގެން، އެ މުއާހަދާ މުރާޖައާ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނަމަވެސް އެމެރިކާ އާއި އީރާނުން ވެސް ބުނާ ގޮތުގައި، އެ މުއާހަދާ އަށް އަމަލުކުރެވޭނީ، އަނެއް ގައުމުން އިސްވެ މުއާހަދާ ތަންފީޒު ކުރަން ފެށުމުންނެވެ. އެމެރިކާ ބޭނުންވަނީ، އެންމެ ފުރަތަމަ އެއްބަސްވެފައިވާ މުއާހަދާއާ އެއްގޮތަށް އީރާނުން އަމަލުކުރުމަށެވެ. އީރާނުން ބޭނުންވަނީ، އެމެރިކާ އަމިއްލަ އަށް މުއާހަދާ އިން ވަކިވުމަށް ފަހު، އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށެވެ.