Roadha Mihaaru
އަލީގެ ޕާސްޕޯޓް ހިފެެހެއްޓުމުގެ އަމުރެއް ނެރެނުދިން

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެެހެއްޓުމުގެ އަމުރެއް ނެރެނުދިން، މައްސަލަ ހައި ކޯޓަށް ގެންދަނީ

04 ޖުލައި 2021

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި ހަތް ދައުވާއެއް ކޮށްފައިވާ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ގޮތެއް ނުނިންމައި އޮންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ހެނދުނު ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި އާންމު ކުރެއްވި އޯޑިއޯ ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ގާޒީ ހަސަން ސައީދު އެ އަމުރު ނެރެ ނުދެއްވީ، ޕާސްޕޯޓް ހިފެހެއްޓުމުގެ މަގުސަދެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.

އެކަމަކު އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަލީ ވަހީދަކީ ކޯޓުތަކަށް ފިއްލަވައިގެން އުޅުއްވާ މީހެއް ކަމަށް ވާތީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަަބަބު އެބަ އޮތް ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މައްސަލަ ހައި ކޯޓުގައި އެޕީލް ކުރާނަން. އަޅުގަނޑުމެން މި ދަންނަވަނީ މީނަ އަކީ ފިލައިގެން އުޅޭ މީހެކޭ. ހައި ކޯޓަށް ވެސް ނުފެނިފައި ހުރި މީހެކޭ. ކްރިމިނަލް ކޯޓަށް ވެސް ނުފެނިފައި ހުރި މީހެކޭ. އަދި ސުޕްރީމް ކޯޓަށް ވެސް ނުފެނިގެން އުޅުނު މީހެއް ކަމަށް އަޅުގަނޑުމެންނަށް ލިޔެކިޔުމުން ފެންނަން އޮތް މީހެކޭ،" ޝަމީމް ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް ހަތަރު މަހަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިން ފަހުން އެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ އަށް އަނބުރާ ވަޑައިގެންފައެއް ނުވެ އެވެ. އޭނާ އުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.

އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ނިންމި މައްސަލަ، ދައުލަތުން މަތީ ކޯޓުތަކުގައި އިސްތިއުނާފުކުރި ނަމަވެސް، އޭނާ އުޅޭ ތަނެއް ނޭނގިގެން މައްސަލަ ނުބޭއްވުނެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް، އޭނާ ކޯޓަށް ހާޒިރުވެއްޖެ ނަމަ އަދިވެސް އެ މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ.

އަލީ ވަހީދު، އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން އޭނާ އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ އެ ގޮތް ހަމަޖައްސައިދީފަ އެވެ. އަދި އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި އެ މައްސަލައިގެ އަޑުއެހުމެއް އޮންލައިންކޮށް ބާއްވައިފައި ވެސް ވެ އެވެ.

އެގޮތަށް އަޑުއެހުން ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.