Roadha Mihaaru
ސިފައިންގެ ޒުވާނާގެ ކުއްލި މަރާ އެކު ހުއްޓުން!

ސިފައިންގެ ޒުވާނާގެ ކުއްލި މަރާ އެކު ހުއްޓުން!

25 ސެޕްޓެމްބަރ 2021

އިންޑިއާގެ ޕޫނާގައި އެންމެ ފަހުގެ އަސްކަރީ ތަމްރީނު ހަދަނިކޮށް އުމުރުން 22 އަހަރުގެ ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ ކުއްލި މަރާ އެކު، އޭނާގެ އާއިލާ އާއި އެކުވެރިންނަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. އޭނާގެ ބައެއް އެކުވެރިން ބުނާ ގޮތުން، އެންމެ ފަހުން ވެސް އޭނާގެ ފަރާތުން އެއްވެސް ކަހަލަ ތަފާތު ކަމެއް ނުފެނެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގެ ޕޫނާގައި އެންމެ ފަހުގެ އަސްކަރީ ތަމްރީނު ހަދަނިކޮށް އުމުރުން 22 އަހަރުގެ ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ ކުއްލި މަރާ އެކު، އޭނާގެ އާއިލާ އާއި އެކުވެރިންނަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. އޭނާގެ ބައެއް އެކުވެރިން ބުނާ ގޮތުން، އެންމެ ފަހުން ވެސް އޭނާގެ ފަރާތުން އެއްވެސް ކަހަލަ ތަފާތު ކަމެއް ނުފެނެ އެވެ.

އއ. ހިމަންދޫ، ރޯޒް މީޑް ސުލްތާނަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އޭނާ މަރުވީ މިއަދު މެންދުރު، ތަމްރީނުގެ ތެރޭގައި ދުވަމުން ދަނިކޮށެވެ. ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ގުޅިގެން އޭނާގެ ހަށިގަަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

މި ހަބަރާ އެކު، ކުއްލި ހުއްޓުމެއް ނާންނަ އޭނާގެ ރަހުމަތްތެރިއަކު ނެތެވެ. މީގެ ތިން އަހަރު ވަރު ކުރިން އެމްއެންޑީއެފާ ގުޅުން ސުލްތާންގެ މަރާ ގުޅިގެން އޭނާގެ އެކުވެރިން، އޭނާގެ ހަނދާން އާކުރަމުން އަންނައިރު އެންމެން ވެސް ސިފަކުރާ ގޮތުގައި އޭނާއަކީ އެންމެނާ ވެސް ގުޅޭ ރަނގަޅު އަހުލާގެއް ލިބިފައިވާ ޒުވާނެކެވެ. އަނެއް ބަޔަކު އޭނާ ސިފަކުރަނީ ވަރަށް ގައުމު ދެކެ ލޯބިވާ ޒުވާނެއްގެ ގޮތުގަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ސުލްތާނަކީ ހިތްވަރުގަދަ ޒުވާނެކެވެ. އެކަހަލަ ޒުވާނަކު މަރުވުމަކީ ގައުމަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ސުލްތާނުގެ ފޭސްބުކަށް ބަލާލިޔަސް، ފެންނަނީ ހަމަ އެފަދަ މަންޒަރެކެވެ. އޭނާ މަރުވިއިރު އެންމެ ފަހުގެ ފޭސްބުކް ފޮޓޯއަކަށް މައިންބަފައިންގެ ފޮޓޯއެއް އިންއިރު އޭގެ ކުރިން ލާފައި ވަނީ ސިފައިންގެ ޔުނީފޯމުގައި ގައުމަށްޓަކައި ފުރާނަ ދޭން ވެސް ތައްޔާރަށް ހުރި ކަމަށް، ޅެންބައިތަކުން ކެޕްޝަންގައި ޖަހާފައި ހުރި ފޮޓޯއެކެވެ.

ސުލްތާނުގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއެއް--

ސުލްތާނުގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއެއް--

ސުލްތާނާ އެކު އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން އަންނަ ޒުވާނަކު، "މިހާރު" އަށް ބުނި ގޮތުގައި އޭނާއަކީ ވަރަށް ހިތްހެޔޮ އަދި އަބަދުވެސް ދިމާވާއިރު ހިނިތުންވުމެއްގައި ހުންނަ ޒުވާނެކެވެ. އަދި މަސައްކަތަށް ވަރަށް ފަރުވާތެރި މޮޅު ޒުވާނެއް ކަމަށް އޭނާ ބުންޏެވެ.

"ނަމާދަށް ކުއްޖަކު ނުގޮސް އޮތްތަން ފެނުނަސް ހޭލައްވައިފައި، ނަމާދުކޮށްގެން އައިސް އޮންނަން ބުނާނެ. މާދަމާ ވެސް މަރުވެދާނެއޭ ބުނާނީ. އެއީ އެންމެ ހަނދާންވާ ތަންކޮޅު،" އެމްއެންޑީއެފްގައި އުޅޭ ސުލްތާނުގެ ގާތް އެކުވެރިއެއް ބުންޏެވެ.

އިންޑިއާގައި ސިފައިންގެ ތަމްރީނުތަކެއްގައި އުޅެނިކޮށް މަރުވި ޒުވާނާ.--

އިންޑިއާގައި ސިފައިންގެ ތަމްރީނުތަކެއްގައި އުޅެނިކޮށް މަރުވި ޒުވާނާ.--

ޔުނިޓްގައި އުޅުމަށް ފަހު އޮފިސާ ކެޑޭޓް ކޯސް ފުރިހަމަކުރުމުގައި އުޅެނިކޮށް އޭނާ މަރުވިއިރު، އޭނާގެ އެކުވެރިން ބުނާ ގޮތުގައި ސުލްތާނަކީ ބަޑި އަނބުރަން ވަރަށް މޮޅު ޒުވާނެކެވެ. ސޯޝަލް މީޑިއާގައި އޭނާ ބަޑި އަނބުރާ ވީޑިއޯއެއް ވެސް ދައުރު އެބަވެ އެވެ.

"ވަރަށް ބަސް އަހާ ކުއްޖެއް އެއީ. ވަރަށް ގައުމީ ވާނެ. ކުރާ ކޮންމެ ކަމެއް ވެސް ވަރަށް ކެރިގެން ކުރާ ކުއްޖެއް އެއީ." ސުލްތާންއާ އެކު މަސައްކަތްކުރާ މީހަކު އޭނާ ސިފަކޮށްދިނެވެ.