Roadha Mihaaru
އޮފިސަރުން ވަކިކުރުމުގައި ނުފޫޒެއް ނުފޯރުވަން: އިމްރާން

އޮފިސަރުން ވަކިކުރުމުގެ އެއްވެސް ކަމަކާ ނުބެހެން: އިމްރާން

04 އޮކްޓޯބަރ 2021

ފުލުހުންގެ އިސް ރޭންކްތަކުގައި ތިއްބެވި ހަތް އޮފިސަރަކު ވަކިކުރުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުން ދިފާއުވެވަޑައިގެން ޕޮލިސް ބޯޑުގެ އެ ނިންމުމުގައި އެއްވެސް ހިސާބެއްގައި އޭނާގެ އެއްވެސް ދައުރެއް ނެތް ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފުލުހުންގެ އިސް ރޭންކްތަކުގައި ތިއްބެވި ހަތް އޮފިސަރަކު ވަކިކުރުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުން ދިފާއުވެވަޑައިގެން ޕޮލިސް ބޯޑުގެ އެ ނިންމުމުގައި އެއްވެސް ހިސާބެއްގައި އޭނާގެ އެއްވެސް ދައުރެއް ނެތް ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އޮފިސަރުން ވަކިކުރަން ނިންމި ނިންމުގައި އޭނާ ދައުރެއް އަދާކުރަން ގާނޫނީ ގޮތުން ފުރުސަތެއް ވެސް ނެތް ކަމަށެވެ. އޮފިސަރުން ވަކިކުރަން ބޯޑުން ނިންމި ނިންމުމުގެ މައުލޫމާތު ވެސް އޭނާއަށް ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމަސައްކަތް ހިނގަމުން ދިޔަ އިރު އެ މަސަައްކަތުގައި އަޅުގަނޑުގެ އެއްވެސް ދައުރެއް ހިމެނިފައި ނެތް ކަމަށް ދަންނަވަން. އަދި އެ މަސަައްކަތް ނިންމެވުމަށް ފަހުގައި އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑާ ހިއްސާކުރައްވާފައި ނުވާ ކަަމުގައި ވެސް ދަންނަވަން،" އިމްރާން ވިދާޅުވި އެވެ.

މެމްބަރު ޝިޔާމް ކުރެއްވި ސުވާލުގައި އެއްސެވީ ހަތް އޮފިސަރުން ވަކިިކުރަން ނިންމީ އިންސާފުވެރިކަމާ އެކުގައިތޯ އާއި އެކަމުގައި ޕޮލިސް ބޯޑަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރާފައި އޮންނާނެ ތޯ އެވެ.

އިމްރާން ވިދާޅުވީ އޮފިސަރުން ވަކިކުރުމާއި މެދު ގޮތެއް ނިންމަން ބޯޑުން ކުރި މަަސައްކަތް މުއްދަތަށް ނިންމަން ބާރު އެޅުން ފިޔަަވައި އެހެން އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ.

"އެކަމުގައި ވަކިގޮތަކަށް ކަން ކުރުމަށް ނުވަަތަ ނުކުރުމަށް އަޅުގަނޑު ދަންނަވާފައެއް ނުވާނެ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުން އެބޭފުޅުން މިކަމުގައި އެެއްވެސް ސިޔާސީ ނުފޫޒެއް އަޅުގަނޑުގެ ފަރާތުން އައިސްފައެއް ނުވާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ޖަވާބާ ގުޅިގެން ޝިޔާމް ކުރެއްވި ސުވާލުގައި އެއްސެވީ ވަކިކުރަން ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރުން އިސްތިއުފާ ދެއްްވުމަށް މުހުލަތެއް ދެއްވައި އިންޒާރެއް ދެއްވާފައި ވާނެތޯ އެވެ. އިމްރާން ވިދާޅުވީ އެފަދަ އިންޒާރެއް ދީފައި ނުވާނެ ކަމަށެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރައްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުކުރައްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.

އޮފިސަރުން ވަކިކުރުމާ ގުޅޭ ގޮތުން ޕޮލިސް ބޯޑުން ނެރުނު ބަޔާނެއްގައި ގާނޫނާ ހަވާލާދީ ބުނެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށެވެ. އެތަނުގައި ތިބީ ނަޒާހަތްތެރި އޮފިސަރުންތޯ ކަށަވަރުކޮށްފައިވާ ކަމުގެ ޔަގީންކަން ބޯޑުން ދެ އެވެ.

ފުލުހުންގެ އާ ގާނޫނު އޮތީ އާއްމުންގެ އިތުބާރު ލިބޭ ގޮތަށް ފުލުހުންގެ މުއައްސަސާ ހަރަކާތްތެރިވާނެ ގޮތްތަކެއްގެ މައްޗަށެވެ. ފާރަވެރިވެ ޖަވާބުދާރީ ކުރުވާނެ ނިޒާމު ވެސް ހަރުދަނާކުރެވިފައިވާ އިރު އެ މަގަށް މުއައްސަސާ ބައްޓަން ކުރައްވަމުން ގެންދަވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.