Roadha Mihaaru
ސޯލްއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހި ފެންބޮޑުވެއްޖެ

ސޯލްއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހި ފެންބޮޑުވެ ބަޔަކު މަރުވެއްޖެ

09 އޯގަސްޓް 2022

ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އަށް ރެކޯޑް މިންވަރަކަށް އިއްޔެ ވާރޭ ވެހި މުޅި ސަހަރުގައި ފެން ބޮޑުވެ، މަދުވެގެން އަށް މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އަށް ރެކޯޑް މިންވަރަކަށް އިއްޔެ ވާރޭ ވެހި މުޅި ސަހަރުގައި ފެން ބޮޑުވެ، މަދުވެގެން އަށް މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.

ދެކުނު ކޮރެއާ ސަރުކާރުން ބުނި ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ސޯލްގެ ހުރިހާ މަގުތަކެއްގައި ވަނީ ފެން ބޮޑުވެފަ އެވެ. އަދި މެޓްރޯ (ކަރަންޓު ރޭލު) ސްޓޭޝަންތަކުގައި ވެސް ފެން ބޮޑުވެ، އާންމު ދަތުރުފަތުރުތަކަށް ވަނީ ހުރަސް އެޅިފަ އެވެ.

ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ސޯލްގެ ގިނަ ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި އެހެން ހިސާބުތަކަށް ދަތުރުކުރުމަށް މަޖުބޫރުވެފަ އެވެ.

ދެކުނު ކޮރެއާގެ ދާޚިލީ ވުޒާރާ އިން ބުނި ގޮތުގައި މަރުވި އަށް މީހުންގެ ތެރެއިން ތިން މީހަކު މަރުވީ އެމީހުން ދިރިއުޅުނު އިމާރާތުގެ ބޭސްމަންޓްގައި އުޅުނު ވަގުތެއްގައި، އެ ތަނުގެ ތެރެއަށް ފެން އެޅި މުޅި ތަނުގައި ފެންބޮޑުވެގެން ދިޔައިރު ވެސް، ނުކުމެވޭނެ ގޮތެއް ނެތި އެތަނުގައި ތާށިވުމުންނެވެ. އަނެއް ފަސް މީހުން މަރުވީ ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއަށް ގެނބިގެންނެވެ.

މީގެ އިތުރުން ނުވަ މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އިތުރު ހަ މީހަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. ރޭ މެންދަމު ވާރޭ ވެހެން ފެށި ގޮތަށް، ވާރޭ ހުއްޓައިލުމާ ހަމައަށް، ސޯލް އަށް 422 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، ރޭ ސޯލް އަށް ކުރި ވިއްސާރައިގައި އެވްރެޖް ގޮތެއްގައި ގަޑިއަކު 141.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. މިއީ ވާރޭ ވެހޭ މިންވަރު އެ ގައުމުގައި ރެކޯޑްކޮށް ބަލަހައްޓަން ފެށި ފަހުން، މިހާތަނަށް އެންމެ ބޯކޮށް ވާރޭ ވެހުނު ދުވަހެވެ.

ސޯލްގެ މަގުތަކުގައި ރޭ ބޮޑުވި ފެންގަނޑު، މިއަދު ހެނދުނު ހިނދިފައިވާ އިރު، އެއްގަމު އުޅަނދުތައް ހުރީ، ފެންގަނޑުގެ ތެރޭގައި އޮޔާ ދިއުމުގެ ސަބަބުން، މަގުގެ އެކި ތަންތަނަށް ވިއްސިވިހާލިވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް ނުހިނދޭތީ، އެ ސަރަހައްދުތަކުގައި ހުރި ބިންގަރާސް ރޭލު މަގުތައް ވަނީ ބަންދުކޮށް ދަތުރުތައް ވެސް މެދުކަނޑާލައިފަ އެވެ.

ދެކުނު ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި ރޭ ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ، ހާން ކޯރުގެ ދެކުނުގައި އޮންނަ ސަރަހައްދުތަކަށެވެ. އެއީ ކޯރުގެ އުތުރު ފަރާތަށް ވުރެ ތިރިކޮށް އޮންނަ ސަރަހައްދުތަކަކަށް ވާތީ، ކޯރު ފުރިގެން ބަންޑުންވި ފެންތައް ވެސް، އެ ސަރަހައްދަށް ޖަމާވުމުގެ ސަބަބުން، ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވި އެވެ.

ހާން ކޯރުގެ ދެކުނުން އޮންނަ، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ގަންގްނަމް އަވަށުގައި ގިނަ މަގުތަކެއްގައި ފެންބޮޑުވި އެވެ. އަދި ތިރިކޮށް ހުރި ގެތަކަށް ވެސް ފެން ވަދެ، މީހުންނަށް ނުއުޅެވޭ ވަރުވި އެވެ. އަދި އުސް އިމާރާތްތަކުގެ އެންމެ ތިރީގައި ހުރި ހޮޓާތަކާއި ފިހާރަތައް ފަދަ ތަންތަނުގައި ފެން ބޮޑުވެ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނެވެ.

އެ އަވަށުން އެކަނި ވެސް 800 އަށް ވުރެ ގިނަ މީހުން، އެމީހުންގެ ގެދޮރުން ނެރެ، ސްކޫލްތަކާއި ޕާކްތައް ފަދަ ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. އެ އަވަށުގެ 740 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާ އިރު، އެ ސަރަހައްދުގެ ސްކޫލްތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި މިއަދު ވެސް ސޯލް އަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ. މިއަދު ވެސް ސޯލްގެ ބައެއް ސަރަހައްދުތަކަށް ގަޑިއަކު 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ.

ދެކުނު ކޮރެއާގެ އިރުން އޮންނަ ޖަޕާނަށް ވެސް ރޭ ވަރަށް ބޮޑަށް ވިއްސާރަ ކުރި ކަމަށް އެ ގައުމުން ބުނެ އެވެ. ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް ރޭ ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ފެން ބޮޑުވި ކަމުގެ ރިޕޯޓް ލިބިފައިވަނީ، އެ ގައުމުގެ އުތުރުގައި އޮންނަ ހޮކައިޑޫ ޖަޒީރާ އިންނެވެ.