ބުދަ ދުވަހާ ގުޅޭ
20 ނޮވެމްބަރ 2022
ބުދަ ދުވަހާ ގުޅޭ
ނަޒްދާއަށް އެނގުނީ ނިކަން ބާރަށް ނަޒްދާ ލޮނުގަނޑުގައި ޖެހުނުކަމެވެ. އެ އަޑު އިރުކޮޅެއްވަންދެން ނަޒްދާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ދެން ލޯމައްޗަށް އަނދިރިގަނޑެއް ވެރިވުމަށް ފަހު ނަޒްދާ އަޑިއަށްދާ ތަން ނަޒްދާއަށް ފެންނަށް ފެށިއެވެ. ހަރަކާތެއް ނެތް ހަށިގަނޑެއް ގޮތުގައެވެ. ހީވަނީ ދުރުގައި ހުރެގެން ނަޒްދާ އެ މަންޒަރު ބަލާހެންނެވެ. އަޑި ނޭނގޭ ފުން ކަނޑުގައި ނަޒްދާގެ ހައިސިއްޔަތު ވެލިފުކަކަށް ވުރެ ވެސް ކުޑައެވެ. އަމިއްލަ ބާރެއް ނެތި، އެތައް އިރެއްވަންދެން ނަޒްދާ އަޑިއަށްދިޔައެވެ. ކަންފަތް ހުރީ ބައްވެފައެވެ. ބޮލަށް ބަރުވެގެން ގޮސް ބޯ ފަޅައިގެންހިނގައިދާނެ ކަހަލައެވެ. މާޒީގެ ކުދިކުދި ހަނދާންތައް، ވިދުވަރުތަކެއް ފަދައިން ނަޒްދާގެ ލޯކުރިމަތީގައި ފިޔަޖަހައިލިއެވެ. ނަޒްދާ މާބަނޑުވިކަން އެނގުނު ދުވަހާއި، އަޒާން ލިބުނު ދުވަހެވެ. އަޒާން ފުރަތަމަ ހުތް އެއްޗެއްގެ ރަހަބެލި ދުވަހާއި، އަޒާން އެންމެ ފުރަތަމަ މަންމަ ކިއި ދުވަހާއި، އަޒާނަށް އެއް އަހަރު ފުރުނު ދުވަހެވެ. ނަޒްދާއަށް ފެނުނު މާޒީގެ ހުރިހާ ތަސްވީރެއް ވެސް ގުޅިފައިވަނީ އަޒާނާއެވެ. ދެން ފެނުނީ، އެކުސިޑެންޓުވެފައި އޮތް އަޒާންއެވެ. އަޒާންގެ ލޯ މަޑުމަޑުން މެރުނު ތަނެވެ. ކުއްލިއަކަށް ނަޒްދާގެ ލޯ ހުޅުވުނެވެ. ނަޒްދާއަށް ފެނުނީ ލަކުޑި ފަންގިފިލައެކެވެ. ބޮލަށް ވެރިވި ބަރުކަމުގެ އިހުސާސް ހުއްޓެވެ. ކަންފަތުގައި ހުރި ތޫލިއަޑު ކެނޑެމުންކެނޑެމުން ގޮސް ކެނޑުނެވެ. ވައަތްފަރާތުން އަޑެއްއިވުނުހެން ހީވެގެން ބަލައިލި އިރު، ނުދަންނަ ފިރިހެނަކު ގޮނޑިއެއްގައި އިށީނދެލައިގެން ފޯނާކުޅެން އިނެވެ. އޭނަ އިނީ އަލިނޫކުލައިގެ ކުރު ފަޓުލޫނުބުރިއަކާއި، އަތްކުރު، ހުދުކުލައިގެ ޓީޝާޓެއް ލައިގެންނެވެ. އިރުކޮޅަކު އޭނައަށް ބަލަން އޮތުމުން އެއީ ކާކުކަން ނަޒްދާއަށް އެނގުނެވެ. ނޭނގުނީ ނަޒްދާ އެ ތަނުގައި އޮންނަންޖެހުނު ސަބަބެވެ. ޔަގީނުން ވެސް އެއީ ނަޒްދާގެ ގެއެއް ނޫނެވެ. ނަޒްދާގެ އަތްފޯރާފަށުގައި ކާއެއްޗެއްސާއި ޖޫސް ހުއްޓެވެ.
"މީ ކޮން ތަނެއް؟" ބަލިއަޑަކުން ނަޒްދާ އެހިއެވެ. އޭނަ ސިހިފައި، ތެދުވެގެން ނަޒްދާ ގާތަށް އައެވެ. "ހަލޯ!" ހިނިތުންވެލާފައި އޭނަ ބުންޏެވެ. "މިހާރު ކިހިނެއް؟ މޫދަށްއެރޭ ހިތްވިޔަސް އެހާ މަތިން ފުންމާލާކަށް ނުވާނެއްނު. ތިރިޔަށް ފޭބި ނަމަ. މީގަ ހުންނާނެ ޑައިވިންއަށްދާ ހުރިހާ ގިއަރއެއް ވެސް. ނަސީބެއް އަހަންނަށް ފެނުނުކަން." އޭނަ އެ ކިޔާ އެއްޗެއް ނަޒްދާއަކަށް ނުވިސްނުނެވެ. ބީރަށްޓެހި ބެލުމަކުން ބަލަހައްޓައިގެން ނަޒްދާ އޮތެވެ. ތެދުވަން އުޅުނެވެ. "އަދި މަޑުކޮށްލާ! ހެދުން އެބަ އިސްތިރިކުރޭ!" ނަޒްދާގެ ކޮނޑުގައި އަތްޖައްސައިލަމުން އޭނަ ބުންޏެވެ. ނަޒްދާ ވިސްނައިލިއިރު ނަޒްދާ އޮތީ ހެދުން ނުލައެވެ. ކަރާ ހަމައަށް އޮތީ ރަޖާގަނޑެކެވެ. "ކާކު އަހަރެންގެ ހެދުން ބަދަލުކުރީ؟" ނަޒްދާ ކުޑަކޮށް ހިތްހަމަނުޖެހިފައި އެހިއެވެ. އެ ވަގުތު ދޮރު ހުޅުވާލައިފައި، ނަޒްދާގެ ހެދުން ހިފައިގެން ބިދޭސީ އަންހެންކުއްޖަކު ވަނެވެ. އޭނަ ހުރީ ޔުނީފޯމެއްލައިގެންނެވެ. "މީނަ!" އަންހެންކުއްޖާއަށް އިޝާރާތްކޮށްލާފައި އޭނަ ބުންޏެވެ. "އަހަންނެއް ނޫން." ހެދުންލެއްވުމަށް އެ ކުއްޖާއަށް އިޝާރާތްކޮށްފައި "އޭނަ" ނުކުތެވެ. އެ ކުއްޖާގެ އެހީގައި ނަޒްދާ ހެދުންލިއެވެ. އެނދުގައި އިށީނދެލިއެވެ. ފޯނު ކޮބައިތޯ ބަލައިލެވުނެވެ. ނަޒްދާ ފުނާއަޅުވައިދިނީ ވެސް އެ ކުއްޖާއެވެ. އެ ކުއްޖާގެ ހުރި ފާޑުވެރިކަމަށް ބަލައިފައި ނަޒްދާ ނިންމީ އެއީ ނަރުހެއްކަމަށެވެ. "މީ ކޮން ތަނެއް؟" އިނގެރޭސިން ނަޒްދާ ސުވާލުކުރިއެވެ. "ސަރ ގެ ފޭވަރިޓް ސަފާރީ!" އިނގެރޭސިން އެ ކުއްޖާ ޖަވާބުދިނެވެ. ނަޒްދާގެ ހަނދާންތައް މަޑުމަޑުން އަންނަން ފެށިއެވެ. ވީ ގޮތް ވިސްނެން ފެށިއެވެ. ގިސްލެވެން ފެށިއެވެ. އަޒާނާ ނުލައި ދިރިހުންނާނެ ގޮތެއް ނަޒްދާއަކަށް ނުވިސްނެއެވެ. އެހީތެރިވާން ހުރި ކުއްޖާ އަވަހަށް ގޮސް ދޮރުހުޅުވިއެވެ. "އޭނަ" ވަނީ އަންހެން ޑަކުޓަރާ އެއްކޮށެވެ. އެއީ ވެސް ބިދޭސީ ޑަކުޓަރެކެވެ. ޑަކުޓަރު ބަލަންވާ ކަންކަން ބެލުމަށް ފަހު، މައްސަލައެއް ނެތްކަމުގެ ޔަގީންކަންދިނެވެ. "ލޯންޗު އޮންނާނެ. ގުޅާނަން ފަހުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!" އިނގެރޭސިބަހުން އޭނަ ބުންޏެވެ. "މަރުހަބާ! އެއްވެސް ކަމެއް ދިމާވެއްޖެއްޔާ ގުޅާލާ! ވަރިހަމަ ކޮންމެ ވަގުތަކު ގުޅިޔަސް،" ޑަކުޓަރު ވެސް ޖަވާބުދިނީ އިނގެރޭސިބަހުންނެވެ. "އަހަރެން ބުނި ވާހަކަ ހަނދާން އެބަ ހުރި؟ އޭނަ އެކަނިވިޔަ ނުދޭތި! ގުޑްނައިޓް!"
އެހީތެރިވާން އައި ބިދޭސީ އަންހެންކުއްޖާއާއި ޑަކުޓަރު ވެސް އެ ތަނުން ނުކުތެވެ. "އޭނަ" އައިސް އެނދުގައި އިށީނެވެ.
"ކީއްކުރަން އަހަރެން ސަލާމަތްކުރީ؟" މަޑުމަޑުން ނަޒްދާ ބުންޏެވެ. "މަރުވާން ދޫކޮށްލި ނަމަ."
"އަހަންނަކަށް ނޭނގެ ނަޒްދާ ފުންމާލީ ކީއްވެގެންކަމެއް،" ވަރަށް އޯގާތެރި ރާގެއްގައި އޭނަ ބުންޏެވެ. "އެނގޭ ކަމެއް ބުނެފާނަން. އަހަންނަށް ނަޒްދާ ސަލާމަތްނުކުރެވުނު ނަމަ، އަހަރެން ވެސް މައްޗަކަށް ނޭރީމުސް. އޭގެ މާނަ އެނގޭތަ؟ އަހަރެން ނަޒްދާ ސަލާމަތްކުރީ އަހަންނަށްޓަކާ! މިހެން ބުނުން އެހާ ރަނގަޅެއް ނުވާނެކަން ނޭނގެ. އަހަންނަށޭ މިހާރު ތި ނޭވާލައިދެނީ. ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވެގެން ތި އުޅެނީ. ދުނިޔޭގަ ދިމާވާ ހުރިހާ ކަމެއް އަހަންނަކަށް ހައްލެއް ނުކުރެވޭނެ. ބަދަލެއް ވެސް ނުކުރެވޭނެ. އެކަމަކު ދިމާވެގެން ތި އުޅޭ ކަންތައް ޝެއާކޮށްލައިފިއްޔާ ކޮންމެވެސް ކަމެއް ކޮށްދެވޭނެ."
ނަޒްދާ އިރުކޮޅެއްވަންދެން ބަލަހައްޓައިގެން އިނެވެ. ޖެހިގެން އިން މީހާއަށް ނަޒްދާ އިތުބާރުކުރަންވީ ކިހައި ވަރަކަށް ކަމެއް ނަޒްދާއަކަށް ނޭނގެއެވެ.
"އަޒާން މަރުވީ!" ނަޒްދާއަށް ބުނެވުނެވެ.
"ވަޓް؟!" އޭނަ ފުންމައިގެން ތެދުވިއެވެ. "މަރުވީއޭ؟ ކިހިނެއްވީ؟"
ހީވި ކަހަލައެވެ. އަޒާނަކީ އޭނަގެ ދަރިއެކެވެ. ވީ ގޮތް ނަޒްދާ ކިޔައިދިނެވެ. އޭނައަކަށް ގަބޫލެއް ނުކުރެވުނެވެ.
"އަހަންނަށްދީ ފަނަރަ މިނެޓު،" ފޯނު ނަގަމުން އޭނަ ބުންޏެވެ. "އެއަށް ވުރެ ވެސް އަވަސްވާނީ. މުޖޫ އެ ބުނީ އޭނަ ވެސް މި ދަނީ ހޮސްޕިޓަލަށޭ. އެހެންވީމަ އެ ކަމެއް ހިނގި ތަނުގަ ހުރެފަތާ އެ ގުޅީ. މުޖޫއަށް ކިހިނެއް އެނގެނީ އަޒާން މަރުވިކަމެއް؟ ޑޮކްޓަރެއްނު އެ ކަން ނިންމާނީ. މިހާ ތަނަށް އަހަންނަށް އެނގިފައޮތް ގޮތުން މުޖޫއަކީ ޑޮކްޓަރެއް ނޫން. ތި ތާ އިށީނދެގެން އިންނާތި! ނުތެދުވާތި! ﷲ އިރާދަކުރެއްވިއްޔާ އަޒާނަށް އެއްވެސް ކަމެއް ނުވާނެ."
ފޯނު ހިފައިގެން އޭނަ ނުކުތެވެ. އޭނަގެ ފަހު ޖުމުލައިން ނަޒްދާއަށް އުންމީދެއް ލިބުނެވެ. އެކަމަކު ހިތަށްއެރިއެވެ. އަޒާން މަރުނުވަނީސް މަރުވިއޭ ބުނެގެން މުޖުތަބާއަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަޒްދާ ބަލައިލި އިރު ކާއެއްޗެހި ކައިރީގައި އުލާއި، ވަޅި ހުއްޓެވެ. ވަހުތާނެއްހެން އެނބުރެމުންދިޔަ ނަޒްދާގެ ހިޔާލު ހުއްޓެނީ ވަޅިޔަށެވެ. ނަޒްދާ ތެދުވިއެވެ. ވަޅި ކައިރިއަށް ހުއްޓުނެވެ. ވަޅި ނެގި ތަނާ ކުއްލިއަކަށް ދޮރު ހުޅުވައިލި އަޑުއިވުމުން ނަޒްދާ އަތުން ވަޅި ދޫވިއެވެ.
"އަޒާނަކަށް އެއްވެސް ކަމެއް ނުވޭ!" ކަންފަތުގައި ފޯނުޖަހައިގެން ހުރެފައި އޭނަ ބުންޏެވެ.
އެހެން ބުނެފައި އޭނަ ދޮރުލެއްޕިއެވެ. ނަޒްދާއަކަށް ގަބޫލެއްނުކުރެވުނެވެ. ހިތަށްއެރިއެވެ. އެއީ ނަޒްދާ ހިތްހަމަޖައްސަން އޭނަ ބުނި އެއްޗެކެވެ. އެހެނަސް އެއީ ތެދަކަށް ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަޒާނަށް ޓަކައި ނަޒްދާ ދިރިހުންނަން ޖެހޭނެއެވެ. ނަޒްދާ އަލުން ގޮސް އެނދުގައި އިށީނދެލިއެވެ. ފޯނު ކޮބައިތޯ، އަނެއްކާ ވެސް ބަލައިލެވުނެވެ. ފެންނާކަށް ނެތެވެ. އެނދުގައި އޮށޯތުމަށް ފަހު ނަޒްދާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ހިތަށްއެރިއެވެ. އަޒާން ސަލާމަތުން ދުނިޔޭގައި ހުރެއްޖެއްޔާ، މުހިންމު ނިންމުމެއް މިރޭ ނިންމާނަމެވެ.
ސާޅީހަކަށް މިނެޓު ފަހުން އޭނަ ވަނެވެ. ވަން އިރު އޭނަގެ މޫޑު ހުރީ، ކުރިން ހުރި ގޮތަކަށް ނޫނެވެ. ވަރަށް ބޮޑަށް މިލާފައެވެ. ނަޒްދާގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. އަޑުއަހަން ބޭނުން ނުވި ޚަބަރު އޭނަ ދިން ކަހަލައެވެ.
"މަ އޭރު ވެސް ބުނީމެއްނު އަޒާން މަރުވެއްޖޭ!" ތަންކޮޅެއް ބާރަށް ނަޒްދާއަށް ބުނެވުނެވެ.
"ނޫންނޫން!" އޭނަ އައިސް އެނދުގައި އިށީންނަމުން ބުންޏެވެ. "ނަޒްދާގެ ދަރިފުޅު ގަދަވެ ސަލާމަތުން ހުރީ. އެއްވެސް ކަމެއް ނުވޭ! އެކަމަކު.."
"އެކަމަކު؟" ނަޒްދާ ބުންޏެވެ.
އޭނަ އުޅުނީ ނުބުނާށެވެ. ނަޒްދާ ކުރެއްނުކުރިއެވެ. ނަޒްދާ ގޮވައިގެން އޭނަ އެރީ ސަފާރީގެ އެންމެ މައްޗަށެވެ. އޭރު ވެސް ހަނދު ނޯއްސެއެވެ. އުޑުމަތި ވަރަށް ސާފެވެ. ސޯފާގައި ނަޒްދާ ބައިންދާފައި އޭނަ ވެސް އިށީނެވެ. ފޯނުން ކޮންމެވެސް އެއްޗެއް ހޯދައިފައި ނަޒްދާއަށް ފޯނު ދިއްކޮށްލިއެވެ.
"މުޖޫގެ ރައްޓެއްސެއް ލައްވާ ދެންމެ މުޖޫއަށް ގުޅީ،" އޭނަ ބުންޏެވެ. "ވީޑިޔޯކޯލު ރެކޯޑުކޮށްފަ ތި އޮތީ. މުޖޫއަކަށް ވެސް އެއްވެސް ކަމެއް ނުވޭ. އޭނަ ވާހަކަދައްކާ އިރު، ފަހަތުން ފެންނަ އެނދުގަ އަޒާން އޮންނާނެ ނިދާފަ. އެކަމަކު، އަހަންނަށް ރަނގަޅީ މި ކޯލު އަޑުނޭހިއްޔާ! އަޑު ކަނޑާލާފަ، ހަމަ އެކަނި ވީޑިޔޯ ދައްކަންތަ؟"
ނަޒްދާ ފޯނު ޖަހައިގަތެވެ. ވީޑިޔޯއަށް ފިއްތައިލިއެވެ. އެ ކޯލު ފެންނަން ފެށިއެވެ. ދެ މީހުން ދެއްކީ އަމިއްލަ ވާހަކައެވެ. ފުޓުބޯޅައިގެ ވާހަކައާއި ސިޔާސީ ވާހަކައެވެ. ތެދެކެވެ. އަޒާން ވަރަށް ހަމަޖެހިލައިގެން ނިދާފައި އޮތް ތަން ފެނުނެވެ. އަޒާން އެކަންޏެއް ނޫނެވެ. ނީޒާ ވެސް އޮތީ ނިދައިފައެވެ. އަށެއްކަ މިނެޓުގެ އެ ކޯލުގައި މުޖުތަބާ ވަރަށް މުހިންމު ވާހަކައެއް އެހިއެވެ.
"އެކްސިޑެންޓެއްގަ ދިވެހި ކުއްޖެއް މަރުވި ވާހަކަ އެބަ ކިޔާތަ؟" ލާނެތް ހިންޏެއް އައިސްފައި މުޖުތަބާ އަހައެވެ.
އެ ފަދަ ވާހަކައެއް ނާހާކަމުގައި އަނެކަކު ބުނެފައި، އިތުރު ތަފުސީލަށް އެދެއެވެ.
"އަންހެނުން ހާސްކޮށްލަންވެގެން މަ ބުނީ އޭނަގެ ދަރި މަރުވެއްޖޭ!" ހީނގެންފައި މުޖުތަބާ ބުނެއެވެ. "އެކަމަކު މި އޮތީ އޭނަ."
އަޒާނަށް ފޯނު އަނބުރައިލާ އިރު އަޒާން އޮތީ ގަދަޔަށް ނިދާފައެވެ. މުޖުތަބާގެ އެކުވެރިޔާ އެ ކަމާ ހިތްހަމައެއް ނުޖެހެއެވެ.
"ތި ކަހަލަ ކަންތައް ކުރަން ހެޔޮނުވާނެއްނު!" އެކުވެރިޔާ ބުނެއެވެ. "ނަޒްދާއަށް ހާޓްއެޓޭކެއް ވެސް ޖެހިދާނެ."
"އެޔޭ ބޭނުމަކީ." މުޖުތަބާ ބުނެއެވެ.
އެ ހިސާބުން ނަޒްދާ އެ ވީޑިޔޯ ނިއްވައިލިއެވެ. ފެންކަޅިވީ ވެސް ރޮވުނީ ވެސް ގާތުގައި އިން މީހާއަށެވެ.
"ނަސީބެއް އެ ކަން ކާމިޔާބުނުވިކަން." އޭނަ މަޑުމަޑުން ބުނެލިއެވެ.
"އުހުނ!" އިސްޖަހާލައިގެން އިން ނަޒްދާ ބުންޏެވެ. "އެ ނަޒްދާ މިރޭ މަރުވެއްޖެ!"
ނުނިމޭ