Roadha Mihaaru
"ޝަމްއާއަށް ހުރިހާ ލުޔެއް ދޭން މަސައްކަތްކުރިން"

ޝަމްއާ އަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކުރިން: ޓްރައިބިއުނަލް

04 ފެބުރުއަރީ 2023

ވިހެއުމުން ދޭ ދެ މަސް ދުވަހުގެ ޗުއްޓީގެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައި ވާނެ އެ އިދާރާ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިހެއުމުން ދޭ ދެ މަސް ދުވަހުގެ ޗުއްޓީގެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައި ވާނެ އެ އިދާރާ އިން މިއަދު ބުނެފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެހެން ބުނީ، ވިހެއުމަށް ފަހު ދޭ ދެ މަސް ދުވަހުގެ ޗުއްޓީ އެ އިދާރާ އިން އިތުރު ކޮށްނުދިން ކަމަށް ވިދާޅުވެ، ޝަމްއާގެ ކަންބޮޑުވުން އިއްޔެ މީޑިއާ އަށް ތިލަ ކުރެއްވުމުން ނެރުނު ނޫސްބަޔާނެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ އަދާކުރުމުގައި ދިމާވާ މައްސަލަތަކުގައި ހައްގު ހޯދައިދޭން ތިބި އެ ޓްރައިބިއުނަލުން އެ ހައްގު ނުލިބުމަކީ ކަންބޮޑުވުމެކެވެ.

ވާހަކަ ދައްކައިގެން ހައްލެއް ނުލިބުމުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ދެ މަހުގެ ފިރިހެން ދަރިފުޅާ އެކު އޮފީހަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

އެހެންވެ، އެ މައްސަލައިގައި ޓްރައިބިއުނަލަށް ވަނީ އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ޓްރައިބިއުނަލުން ނެރުނު ބަޔާނުގައި ބުނީ، ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ޝަމްއާ އަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެއީ މެމްބަރެއްގެ ހައިސިއްޔަތުން ޝަމްއާ އަށް އެނގިވަޑައިގަންނަވާނެ ކަންކަން ކަމަށް ވިޔަސް، ކަން ހިނގާފައިވާ ގޮތް އޮޅޭ ގޮތަށް އަދި ޓްރައިބިއުނަލްގެ ނަން ބަދުނާމުވާނެ ގޮތަށް ސޯޝަލް މީޑިއާ އާއި މީޑިއާ އަށް މައުލޫމާތު ދެއްވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.

ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މާޗު 2019 އިން ފެށިގެން އަންނަނީ މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވެއް ދެމުންނެވެ. ޓްރައިބިއުނަލަކީ މިނިވަން އިދާރާއަކަށް ވާތީ އެ ތަނުން އަމަލުކުރާނެ ގޮތެއް ވަނީ މެމްބަރުންގެ އިއްތިފާގުން ނިންމައިފަ އެވެ. އެ ކަން ނިންމީ ވެސް ޝަމްއާގެ ވޯޓާއެކު ކަމަށް ޓްރައިބިއުނަލްގެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި ބުނީ ވަޒީފާގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ކުރިން، ޓްރައިބިއުނަލްގެ މެމްބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑެއް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް، އޮގަސްޓް 25، 2021 ގައި ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ އުސޫލު ފާސްކުރިއިރު ޝަމްއާ ހިމެނޭހެން ހުރިހާ މެމްބަރުން ތާއިދު ކުރެއްވި ކަމަށް ބަޔާނުގައި ބުންޏެވެ.

ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް ވިދާޅުވިޔަސް، އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ 10 ދުވަސް ހައްގުވެ، އެއިން އެއްވެސް ޗުއްޓީއަކަށް ޝަމްއާ އެދިވަޑައިގެންފައި ނުވާ ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.

ޓްރައިބިއުނަލްގެ ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ އަންހެނުންނެވެ.

ޓްރައިބިއުނަލުން ބުނިގޮތުގައި، ހުރިހާ އަންހެން މެމްބަރުން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވެއް ނެގުމުން އިދާރާގެ މަސައްކަތަށް ބުރޫއަރައި އާއްމުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާގޮތެއްގައި އަސަރުކުރާ ކަމަށް މެމްބަރުންނަށް ގަބޫލުކުރެއްވެ އެވެ. އެހެންވެ، އެ އުސޫލު ފާސްކުރިއިރު މަސައްކަތަށް ބުރޫނާރާނެހެން ޗުއްޓީތައް ނެގުމަށް ހުރިހާ މެމްބަރުން އެއްބަސްވެފައިވާ ކަން ފާހަގަކުރި އެވެ.

"... އުސޫލުގެ 20 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެމްބަރުންނަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ހައްގުވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 60 ދުވަހުގެ ޗުއްޓީއެއްކަން އެނގެން އޮންނައިރު، އިސްވެ ބަޔާންކުރެވުނު އުސޫލުގައި މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމް ސޮއިކޮށްފައި އޮތުމުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންނަށް ލިބިދެވޭނީ ނުވަތަ ހައްގު ވާނީ 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއްކަން ހުދު އެ ފަރާތުން ވެސް އެއްބަސްވާކަން އެނގިގެންދެ އެވެ،" ޓްރައިބިއުނަލުން ކަނޑައަޅާފައިވާ އުސޫލާ ގުޅޭ ގޮތުން ބަޔާނުގައި ބުންޏެވެ.

ވިހެއުމުން މެމްބަރުންނަށް 60 ދުވަހުގެ ޗުއްޓީއެއް ދިނަސް، ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ހަ މަސް ދުވަސް ދެ އެވެ.

ޝަމްހާ ވިދާޅުވި ގޮތުގައި ދަރިފުޅުގެ ހާލު މި ވަގުތު ހުރި ގޮތުން އެންމެ ދެ މަހުގެ ޗުއްޓީއަކުން އޭނާ އަށް ނުވާނެތީ އެދިވަޑައިގަތީ ޗުއްޓީ އިތުރު ކޮށްދިނުމަށެވެ. އެކަމަކު، މަސައްކަތް ކުރާތާ ނުވަ އަހަރުވެފައިވާ ޓްރައިބިއުނަލުން އޭނާ އަށް އެ ފުރުސަތު ދޭން ދެކޮޅު ހެދީ ކަމަށް ވިދާޅުވި އެވެ.

ޝަމްއާގެ އެ ވާހަކަ އަށް ރައްދު ދީ، ބަޔާނުގައި ބުނި ގޮތުގައި މެޓާނިޓީ ލީވް އިތުރުކޮށްދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް، އެ މުއްދަތު އިތުރުކުރުމުގެ ބާރެއް ޓްރައިބިއުނަލްގެ ރައީސަށް ލިބިވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް، ދިމާވާ ކަންތައްތަކާ ގުޅިގެން އުސޫލުގެ ތެރެއިން ހާޒިރީއާ ގުޅިގެން ދެވެން ހުރި ލުއިތައް ދެވޭނެކަން ޝަމްއާ އަށް އަންގާފައިވާނެ ކަމަށާއި މީގެ ކުރިން ވެސް ދިމާވި އެކި ހާލަތްތަކާ ގުޅިގެން ހާޒިރީއާ ގުޅޭ ކަންކަމުގައި ލުއި ދީފައިވާނެ ކަމަށް ބުންޏެވެ.

އެގޮތުން، ވަޒީފާއާ ބެހޭ ގާނޫނުގެ 45 ވަނަ މާއްދާގައި ބުނާގޮތުން، ދަރިފުޅަށް އެއް އަހަރު ވަންދެން ކޮންމެ ދުވަހަކު ވެސް ދަރިފުޅު ކައިރިއަށް ދިއުމަށް 30 މިނެޓުގެ ވަގުތުކޮޅެއް ދުވާލަކު ދެ ފަހަރަށް ލިބޭނެ އެވެ. ޝަމްއާ އަށް ގާނޫނަށް ހައްގުވާ އެކި ހުސް ވަގުތުގެ ބޭނުން ހިފުމުން އޭނާ ދުވާލު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ ތިން ގަޑިއިރާއި 30 މިނެޓަށް ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.

ޝަމްއާ ވިދާޅުވީ، މީގެ ކުރިން އެ އޮފީހުގެ އެހެން ބައެއް މެމްބަރުން ދަރިން ގޮވައިގެން އޮފީހަށް ވަޑައިގަންނަވާ ކަމަށާއި އެކަމަކު ކުރިން އެކަން މަނާ ނުކުރާ ކަމަށެވެ. އެ ތަނުގެ އެހެން މުވައްޒަފުންނަށް ވަޒީފާގެ ލުއިތައް ހަމަޖައްސައިދީފައި ހުއްޓަސް، އޭނާ އަށް އެ ފުރުސަތު ނެތް ކަމަށް ބުނެ މީޑިއާގައި ޝަކުވާ ކުރެއްވި އެވެ.

ނަމަވެސް އެ ކަމަށް ރައްދު ދެމުން ޓްރައިބިއުނަލުން ބުނިގޮތުގައި، ދައުލަތުގެ އިދާރާތަކުން ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަން ދޭންވާނީ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ބުނާއިރު، ތުއްތުކުދިން ގެންގުޅުމަށް އެއްވެސް ވަރަކަށް އެކަށީގެންވާ މާހައުލެއް ޓްރައިބިއުނަލްގައި މި ވަގުތު ނެތެވެ. އެހެންވެ، އެއްވެސް މެމްބަރަކު އަދި މުވައްޒަފަކު ވެސް ރަސްމީ ގަޑީގައި އޮފީހުގައި ބައިތިއްބާ ގޮތަށް ތުއްތުކުދިން އޮފީހަށް ނުގެންދިއުމަށް އިރުޝާދު ދީފައިވާނެ ކަމަށް ބުންޏެވެ.

ޝަމްއާއަށް ގޭގައި މަސައްކަތްކުރުމަށް ހުއްދަ ނުދިނީ ވަޒީފާއާ ބެހޭ ގާނޫނުގައި ޓްރައިބިއުނަލްގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ ވަކި ހާއްސަ ހާލަތްތަކެއް އޮންނައިރު، އެ ހާލަތްތަކުގައި މައްސަލަ ބައްލަވާ މެމްބަރު ބަލިވުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީގައި ހުރުން ނުވަތަ ގޭގައި ހުރެގެން މައްސަލަތަކުގެ އަޑުއެހުންތަކުގައި ބައިވެރިވުމަށް ގާނޫނު ތަން ނުދޭތީ ކަން ވެސް ފާހަގަކުރި އެވެ.

ދަރިފުޅު ގޮވައިގެން އޮފީހަށް ހާޒިރުވީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް ވިދާޅުވިޔަސް، އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ 10 ދުވަސް ހައްގުވެ، އެއިން އެއްވެސް ޗުއްޓީއަކަށް ޝަމްއާ އެދިވަޑައިގެންފައިނުވާ ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.