Roadha Mihaaru
މަޖިލީހުގެ ނިންމުމަކާ މެދު ޖަދަލު ނުކުރެވޭނެ ހާލަތު

މަޖިލީހުގެ ނިންމުމާ ގުޅޭ ގޮތުން ކޯޓުގައި ކުރެވޭ ބަހުސްގެ ހުދޫދު

06 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެ މަޖިލީހަށް ގޮތެއް ނުނިންމިގެން އުޅޭއިރު އެކަމުގައި މަޖިލީހުން ނިންމާފައިވާ އިދާރީ ނިންމުމަކާ ގުޅޭ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓާ ހަމައިގަ އެވެ. މިއަދު މައްސަލައިގެ ޝަރީއަތް ފަށާއިރު، ކުރިމަތީގައި ސުވާލުތަކެއް އެބައޮތެވެ. މަޖިލީހުގައި ހިންގަމުންދާ ކަމަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ޖަދަލުކުރެވިދާނެކަމާއި އެކަން ކުރެވޭނެ ހުދޫދާ މެދު އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެ މަޖިލީހަށް ގޮތެއް ނުނިންމިގެން އުޅޭއިރު އެކަމުގައި މަޖިލީހުން ނިންމާފައިވާ އިދާރީ ނިންމުމަކާ ގުޅޭ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓާ ހަމައިގަ އެވެ. މިއަދު މައްސަލައިގެ ޝަރީއަތް ފަށާއިރު، ކުރިމަތީގައި ސުވާލުތަކެއް އެބައޮތެވެ. މަޖިލީހުގައި ހިންގަމުންދާ ކަމަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ޖަދަލުކުރެވިދާނެކަމާއި އެކަން ކުރެވޭނެ ހުދޫދާ މެދު އެވެ.

ސެޕަރޭޝަން އޮފް ޕަވާ ނުވަތަ ތިން ބާރު ވަކިވެފައިވާ ނިޒާމްގެ އެންމެ އަސާސީ އެއް ކަމަކީ، އެއް ބާރުން އަނެއް ބާރުގެ މަސައްކަތަށް ނުވަތަ ނިންމުންތަކަށް ގޮތް ނުކިޔައި މުސްތަގިއްލުކަމާ އެކު ހިންގުމެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅޭ ގޮތުން މިކަމުގެ ވަރުގަދަ އުސޫލެކެވެ. ގާނޫނުއަސާސީގެ 88 މާއްދާގެ (ށ)ގައި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކުގެ ނިހާއީ ކަން ވަޒަންކޮށްދެ އެވެ.

އެ މާއްދާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއޭ އެވެ.

މިފަދަ ކަމަކާ ގުޅޭ މައްސަލައެއް އެންމެ ފަހުން ސުޕްރީމް ކޯޓުގައި ހިނގީ ޑރ. މުހައްމަދު ޖަމީލު އަހުމަދު ނައިބު ރައީސް ކަމުން ވަކިކުރަން މަޖިލީހުން ނިންމި ނިންމުމާ ގުޅޭ ގޮތުން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގަ އެވެ. އެ މައްސަލާގައި މިހާރުގެ ބަންޑާރަ ނައިބުގެ ސްޓޭންޑަކީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަނޭޅޭނެ ކަމެވެ. ދައުލަތުން ފާހަގަކުރާ ގޮތުގައި ސުޕްރީމް ކޯޓަށް މަޖިލީހުގެ ނިންމުމަކާ ގުޅޭ ގުޅޭ ގޮތުން މައްސަލައެއް ހުށަހެޅޭނީ ދެ ހާލަތެއްގަ އެވެ. އެއީ؛ ރައީސް އަޒުލްކުރަން ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން އުފެދޭ ހިޔާލު ތަފާތުވުމެއްގަ އެވެ.

އެ ނޫން ހާލަތެއްގައި މަޖިލީހުގެ ނިންމުމަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ބެލިދާނެ ކަމަކަށް މިހާރުގެ ބަންޑާރަ ނައިބުގެ ފަރާތުން އެ މައްސަލާގައި ހާމަކުރި ސްޓޭންޑަށް ބަލާއިރު، ނުދެކެ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ބުނާ ގޮތުގައި މިއީ މިހާރު ބަހުސެއް އޮތް ކަމެއް ނޫނެވެ. އެއީ އެއްވެސް އިސްތިސްނާއެއް ނެތި އޮތް މާއްދާއެއް ނޫން ކަމަށް އެ ކޯޓުގެ ނިންމުންތަކުގައި ފާހަގަކޮށްފައިވެ އެވެ.

މުހައްމަދު ވަހީދު އިބްރާހިމް، ދައުލަތާ ދެކޮޅަށް 2013 ވަނަ އަހަރު ހުށަހެޅި ދުސްތޫރީ މައްސަލާގެ ހުކުމްގައި ބުނެފައިވާ ގޮތުގައި ސެޕަރޭޝަން އޮފް ޕަވާގެ އުސޫލުގެ ދަށުން އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޮރުވައިގެން ނުވާނެ ކަމާއި ބާރުތަކުން ކުރާ ކަންތައްތަކާއި ނިންމުންތައް ހުންނަން ވާނީ ދުސްތޫރީ އިމުގެ ތެރޭގަ އެވެ. ދައުލަތުގެ ބާރަކުން ދުސްތޫރާ ހިލާފުވެ، ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބަލައި ދުސްތޫރީ ގޮތުން ސައްހަކަން ނުވަތަ ނޫން ކަނޑައެޅުމާއި ގާނޫނުގެ ހުކުމަކީ ކޮބައިކަން ކަނޑައެޅުމަކީ ޖުޑިޝަރީގެ އިހްތިސޯސްއެއް ކަމަށް އެ ހުކުމްގައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ކަމެއް ހިނގި ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ތުހުމަތު ކުރެވޭނަމަ، އެކަމެއްގެ ސައްހަކަން ކަނޑައެޅުމަށްޓަކައި ކޯޓަށް ހުށަހެޅިދާނެ. ގާނޫނުއަސާސީން ދައުލަތުގެ އެއްވެސް ބާރެއް ނުވަތަ އެއްވެސް މުއައްސަސާއެއް، އިދާރާއެއްވިޔަސް ގާނޫނުއަސާސީއަށް އަމަލުކުރުމާއި ތަބާވުމުގައި އިސްތިސްނާ ކުރެވިފައެއް ނުވޭ،" ޑރ. ޖަމީލުގެ މައްސަލާގެ ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.

ޑރ. ޖަމީލު މީގެކުރިން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: މިހާރު

ޑރ. ޖަމީލު މީގެކުރިން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: މިހާރު

އެ ހުކުމްގައި ބުނި ގޮތުގައި 88 ވަނަ މާއްދާގެ (ށ) އަށް އޮތް އިސްތިސްނާ އަކީ ގާނޫނުއަސާސީއާ ހިލާފަށް ހިނގާ ކަންކަމެވެ. އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅި އެކަމާ ގުޅޭ ގޮތުން ކޯޓަށް ގޮތް ކަނޑައެޅިދާނެ އެވެ.

އެހެންކަމުން، މަޖިލީހުގެ އެއްވެސް ނިންމުމަކާ ގުޅޭ މައްސަލައެއް ހުށަނޭޅެނެ ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ގެންގުޅުނު ސްޓޭންޑް މިހާރު ބަދަލުކޮށްފައި އޮތުމަކީ ގާތްކަމެކެވެ. މަޖިލީހުގައި މިހާރު ހިންގަމުންދާ ކަންކަމާ ގުޅޭ ގޮތުން ދުސްތޫރީ މައްސަލަ ހުށަހަޅާފައިވަނީ ވެސް ސަރުކާރު ނިސްބަތްވާ، އެމްޑީޕީންނެވެ. މި މައްސަލާގައި މަޖިލިސް ތަމްސީލް ކުރާނީ ވެސް ބަންޑާރަ ނައިބެވެ.

މިހާރު އުފެދިފައި އޮތް ސުވާލަކީ މަޖިލީހުން ކުރާ ކަމެއް ގާނޫނުއަސާސީއާ ހިލާފުވުމާއި މަޖިލީހުން ކުރާ ކަމެއްގެ ސަބަބުން ނުކުމެދާނެ ކަމަށް ބެލެވޭ ނަތީޖާއެއް ގާނޫނުއަސާސީއާ ހިލާފުވުން ފަރަގުކުރާނެ ހަނި ރޮނގާ މެދުގަ އެވެ. މި ހަނި ރޮނގަކީ ކޮބައި ކަމާއި އެ ދަރަގުކުރާނެ ގޮތް ޑރ. ޖަމީލުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

"ހަމައެކަނި ހިޔާލު ތަފާތުވުމެއްގެ މައްޗަށް ބިނާވެގެން ހުށަހެޅޭ މައްސަލައެއް ކޯޓުތަކުން ބަަލއިގަނެގެން ނުވާނެ. ނުވަތަ އެ މައްސަަލައަކީ އެއީ ކޯޓުތަކަށް ހައްލެއް ނުދެވޭނެ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ މައްސަަލައަކަށް ވެގެން ނުވާނެ،"

އެ މައްސަލާގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކަނޑައަޅުއްވާފައިވާ ވަރުގަދަ ޓެސްޓަކީ މިހާރު މިއޮތް ދުސްތޫރީ މައްސަލާގައި ގޮތް ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭނެ ބޮޑު ޓެސްޓެވެ.

އެ ހުކުމްގައި ޖަވާބުދީފައިވާ މުހިންމު ދެ ސުވާލަކީ 88 ވަނަ މާއްދާގެ (ށ)ގެ ދަށުން މަޖިލީހަށް އޮތް ބަރުލަމާނީ އިމްތިޔާޒުގެ ހުދޫދަކީ ކޮބައިކަމާއި މަޖިލީހުން ނިންމާ ނިންމުމަކީ އެއްވެސް ކޯޓެއްގައި ޖަދަލު ނުކުރެވޭނެ އަދި ފުރިހަމަ އިމްތިޔާޒު ލިބޭނެ ހާލަތަކީ ކޮބައިކަމާ މެދު އެވެ.

ހުކުމްގައިވާ ގޮތުން މަޖިލީހުން ނިންމާ ނިންމުންތައް މަޖިލީހުގެ މެންބަރެއް ނޫން ފަރާތަކަށް ރައްދުވާ ހާލަތުގައި އެފަދަ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް ހުށަހެޅޭނީ، ގާނޫނުއަސާސީއާ ހިލާފަށް އެފަދަ ނިންމުމެއް ނިންމާފައިވާނަމަ އެވެ. ރައްޔިތުންގެ މަޖިލީހުން ފަރުދަކަށް ރައްދުވާ ގޮތަށް ނިންމާ ނިންމުންތައް ގާނޫނުއަސާސީއާ ހިލާފުވާ މައިގަނޑު ދެ ގޮތެއްވެ އެވެ. އެއީ، ހުކުމްގައިވާ ގޮތުން ގާނޫނުއަސާސީގައި ބުނާ އިޖުރާއަތަކާ ހިލާފުވުން އަދި މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގެއް ގެއްލިގެންދިއުމެވެ.

އެހެންކަމުން ހުށަހަޅާ މައްސަަލައަކީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފުވެގެން ހުށަހަޅާ މައްސަލައެއްތޯ ބަލަންޖެހެ އެވެ. އެއީ 88 ވަނަ މާއްދާގެ (ށ)ގެ ބޭނުމަކީ ހުކުމްގައިވާ ގޮތުން، މަޖިލީހުގެ ބާރާއި އިހްތިޔާރުގައިވާ ކަންކަމަށް އެހެން އެއްވެސް ފަރާތަކުން ޖަދަލުކޮށް، އެކަމެއް ބަދަލުކުރަން ފުރުސަތު ނުދިނުން ކަމަށްވާތީ އެވެ.

މަޖިލީހާ ދެކޮޅަށް ހުށަހެޅޭ މައްސަލައެއްގައި ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލާއިރު ރިއާޔަތް ކުރަން ޖެހޭނީ ފަނޑިޔާރު އަޒްމިރަލްދާ ލިއުއްވާފައިވާ ގޮތުގައި، މަޖިލީހުގެ އަމަލެއް ސީދާ ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ގުޅުވާލަދޭ ކަމަކަށެވެ. ނުވަތަ މަޖިލީހުގައި ހިނގާ ކަމެއްގެ ސަބަބުން އެކި ނަތީޖާ ނުކުތުމުގެ އިހްތިމާލު އޮތް ހާލަތެއްގައި، ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ނަތީޖާއެއް ނުކުންނާނެކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުމުގެ މައްޗަށެވެ.

"ހަމައެކަނި ހިޔާލު ތަފާތުވުމެއްގެ މައްޗަށް ބިނާވެގެން ހުށަހެޅޭ މައްސަލައެއް ކޯޓުތަކުން ބަަލައިގަނެގެން ނުވާނެ. ނުވަތަ އެ މައްސަަލައަކީ އެއީ ކޯޓުތަކަށް ހައްލެއް ނުދެވޭނެ ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ މައްސަަލައަކަށް ވެގެން ނުވާނެ،" ހުކުމްގައިވެ އެވެ.

ފަނޑިޔާރު އަޒްމިރަލްދާ: މަޖިލީހުގެ ނިންމުންތަކާ ގުޅޭ މައްސަލަތައް ބެލުމުގައި ކަނޑައަޅާފައިވަނީ ހަނި ހުދޫދެއް

ފަނޑިޔާރު އަޒްމިރަލްދާ: މަޖިލީހުގެ ނިންމުންތަކާ ގުޅޭ މައްސަލަތައް ބެލުމުގައި ކަނޑައަޅާފައިވަނީ ހަނި ހުދޫދެއް

ބައެއް ބޭފުޅުން ސުވާލު އުފައްދަވާ ކަމަކީ، އެމްޑީޕީން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ މި ހާލަތަށް ފެތޭ މައްސަލައެއްކަމާ މެދު އެވެ. އެ ބޭފުޅުން ދެކޭ ގޮތުގައި އަމީންއާންމު ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ގަވައިދުގެ ދަށުން ކަމަށްވާއިރު، އެއީ ސީދާ ގާނޫނުއަސާސީއާ ހިލާފުވުން ކަމަށް ނުބުނެވޭނެ އެވެ. އަދި، މިވަގުތަށް އޮތީ ހަމައެކަނި ހިޔާލު ތަފާތުވުމެއް ކަމަށް ވެސް ބައެއް ބޭފުޅުން ދެކެ އެވެ.

މަޖިލިސް ގަވައިދުގެ އެ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމެއް މިހާތަނަށް ކަނޑައަޅާފައެއް ނެތެވެ. ގަވައިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނަނީ މަޖިލީހުގެ ރައީސްގެ މަގާމުންްްް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ ނައިބު ރައީސް ކަމެވެ. އެ މާއްދާ އެހެން އޮތުމުން، ނައިބު ރައީސް ނޫން އެހެން ބޭފުޅަކު ރިޔާސަތު ބެހެލެއްޓުމަށް ފުރުސަތު ނެތް ކަމަށް އަމީންއާންމު ގަބޫލުކުރައްވަ އެވެ.

ނަމަވެސް އެމްޑީޕީން ދެކޭ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީއާ ސީދާ ހިލާފެވެ. ގާނޫނުއަސާސީއާ ހިލާފު ކަމަށް އެ ޕާޓީން ދެކެނީ އަމީންއާންމުގެ އެ ނިންމުމާ އެކު މަޖިލިސް ހުއްޓުމަކަށް ގޮސްފައިވާތީ އެވެ. ދައުލަތުގެ ބާރެއް ހުއްޓޭ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށް އެ ޕާޓީން ދެކެ އެވެ.

އެމްޑީޕީން ބުނާ ގޮތުގައި މަޖިލީހުގެ ގަވައިދުގެ އެ މާއްދާ އިން ވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. މާއްދާގައި ބުނަނީ މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެ ކަމަށް އެކަންޏެވެ.

އެހެންކަމުން ސުވާލު އޮތީ ގާނޫނުއަސާސީގެ މި މާއްދާ އާއި މަޖިލިސް ގަވައިދުގެ މާއްދާއާ ގުޅޭ ގޮތުންނެވެ.

އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެއީ މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި މަޖިލީހުގެ މަސައްކަތަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށެވެ.

މަޖިލިސް މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ އަމީންއާންމު ނިންމެވި ނިންމުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އޭނާ ފާހަގަކުރެއްވީ ގާނޫނުއަސާސީގެ 144 ވަނަ މާއްދާ އެވެ. އެ މާއްދާގައިވާ ގޮތުން، ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ގާނޫނުއަސާސީއާ ހިލާފުވާނަމަ އެ ހިލާފުވާ މިންވަރު އެއީ ބާތިލް އެއްޗެއް ނުވަތަ ބާތިލް ކަމެއް ކަމުގައި ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް އޮވެ އެވެ.

މި މާއްދާއަށް ރިއާޔަތްކޮށް މީގެކުރިން ވެސް ސުޕްރީމް ކޯޓުން ގިނަ މައްސަލަތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް އެއްވެސް ތަނަކުން ނުބެލޭ ކަމަށްވާނަމަ، ގާނޫނުއަސާސީއާ ހިލާފަށް ނިންމާ ނިންމުންތަކާ މެދު ވެސް އެއްޗެއް ނުބެނެވޭނެ. އެކަމަކު އެއީ ތިން ބާރު ހިނގާ ނިޒާމެއްގައި އުސޫލެއް ނޫން. މަޖިލީހުން ވެސް ގާނޫނުއަސާސީއާ ހިލާފުވެއްޖެނަމަ ޖުޑިޝަރީއަށް އެކަން ކަނޑައެޅޭނެ،" ބަންޑާރަ ނައިބުގެ އޮފީހުގައި އުޅުއްވިއިރު، މަޖިލީހާ ދެކޮޅަށް ދައުވާތަކެއް ވެއްދުމުގައި އިސްކޮށް އުޅުއްވި އުޝާމް ވިދާޅުވި އެވެ.