Roadha Mihaaru
އީވާ ނެތި ނަޝީދުގެ ގަރާރު ހިންގޭނެ ކަމަށް ހުކުމްކޮށްފި

އީވާ ނެތަސް ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފި

09 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.

ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ހުކުމް އިއްވަވަނީ

ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ހުކުމް އިއްވަވަނީ

މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް، އެއީ ހުކުމްގައި ބުނި ގޮތުގައި ރަނގަޅު މާނަކުރުމެއް ނޫނެވެ.

ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ހުވާ ކުރުމުގެ ޖަލްސާއަށް ހުރަހެއް ނެތް

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންނަށް ވެސް މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމުގެ އިތުރުން އެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވަނީ އެދިފަ އެވެ.

ނަމަވެސް، ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމްގައި ބުނީ، ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކުރަންޖެހޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސްގެ ގަރާރެއް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވިޔަސް، މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއް ކުރަންޖެހޭނެ ކަމަށް ހުކުމްގައި ވެ އެވެ.

މިގޮތުން، ގާނޫނުއަސާސީގެ ދަށުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާ އާއި އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމަކީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށާއި، އެ ކަންކަން އެއްވެސް ހާލަތެއްގައި ނުކޮށް ތިބުމުގެ އިހުތިޔާރެއް މަޖިލީހަށް ނޯންނާނެ ކަމަށް ހުކުމްގައި ބުންޏެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.