Roadha Mihaaru
ކަންނެލި ގަނެ، އެކްސްޕޯޓުކުރުމުގެ އެވޯޑު ބިގް ފިޝްއަށް

އެންމެ ގިނަ ކަންނެލި ގަނެ، އެކްސްޕޯޓު ކުރުމުގެ ގައުމީ އެވޯޑު އަނެއްކާ ވެސް ބިގް ފިޝް އަށް

11 ޑިސެމްބަރ 2023

އެންމެ ގިނަ ކަންނެލި ގަތުމާއި އެކްސްޕޯޓުކުރުމުގެ ގައުމީ އެވޯޑު ބިގް ފިޝް އަށް ރޭ ލިބިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެންމެ ގިނަ ކަންނެލި ގަތުމާއި އެކްސްޕޯޓުކުރުމުގެ ގައުމީ އެވޯޑު ބިގް ފިޝް އަށް ރޭ ލިބިއްޖެ އެވެ.

އެ އެވޯޑު އެ ކުންފުންޏާ ހަވާލުކުރީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބޭއްވި ހާއްސަ ހަފުލާގަ އެވެ. މިއީ ބިގް ފިޝް އަށް އެ އެވޯޑު ލިބުނު ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް އެ ކުންފުންޏަށް އެ އެވޯޑް ލިބުނެވެ.

ބިގް ފިޝްގެ ސީއީއޯ ޝާފިން އަހުމަދު މިއަދު ވިދާޅުވީ، އެފަދަ އެވޯޑެއް ޖެހިޖެހިގެން ދެ އަހަރު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.

"މި އެވޯޑަކީ އަޅުގަނޑުމެންގެ ޓީމުން ކޮށްފައިވާ ބުރަ މަސައްކަތުގެ ސަބަބުން ލިބިފައިވާ ކާމިޔާބީއެއް. މި އެވޯޑަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ރަނގަޅު، ސަސްޓެއިނަބަލް ސީފުޑް ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއް،" ޝާފިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިގް ފިޝްގެ އާ ފެސިލިޓީ ހުޅުވުމުން މިހާރަށް ވުރެ ބޮޑަށް އެ ކުންފުނީގެ މަސައްކަތްތައް ފުޅާވާނެ އެވެ.

"އަޅުގަނޑުމެންގެ އާ ފެސިލިޓީއާ އެކު ރާއްޖޭގެ ސީފުޑް އިންޑަސްޓްރީގައި އަޅުގަނޑުމެންގެ ދައުރު ބޮޑުވެގެން ދާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް. މި އާ ފެސިލިޓީގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ފައިދާކޮށް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ،" ޝާފިން ވިދާޅުވި އެވެ.

ބިގް ފިޝްގެ ވިޔަފާރި ފުޅާކުރުމަށް އެ ކުންފުނިން ކ. ހިންމަފުށީގައި ހަދާފައިވާ އާ ފެކްޓަރީގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ. އެ ފެކްޓަރީގެ ސަބަބުން އެ ކުންފުނީގެ ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވާނެ ކަމަށާއި މިހާރަށް ވުރެ ގިނަ ކަންނެލީގެ ޕްރޮޑަކްޓުތައް އުފެއްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި އަލްޓްރާ ލޯ ޓެމްޕަރޭޗަރުގެ ކަނޑުކުރި މަހާއި މަހުގެ ސްމޯކްޑް ޕްރޮޑަކްޓުތަކާއި ކަޓްސުއޯ ނޯ ޓާޓާކީ ވެސް ހިމެނެ އެވެ. އެއީ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އަދި ރަޝިއާ ފަދަ ބޮޑު މާކެޓެއް އޮތް ގައުމުތަކުގައި ރީޓެއިލްކޮށް ވިއްކާނެ އުފެއްދުންތަކެއް ކަމަށް ބިފް ފިޝް އިން ބުންޏެވެ.

ބިގް ފިޝްއަކީ ސަސްޓެއިނަބަލް ގޮތުގައި މަސްވެރިކަން ކުރާ ކުންފުންޏެކެވެ. އެ ކުންފުންޏަށް ފްރެންޑް އޮފް ދަ ސީ، ދަ މެރިން ސްޓުވާޑްޝިޕް ކައުންސިލް އާއި ބީއާރްސީ އާއި އައިއެސްއޯ އަދި ސްމެޓާގެ ސެޓިފައިޑް ކުންފުންޏެކެވެ. އެއީ މުޖުތަމައަށް ފައިދާކުރަނިވި ސީއެސްއާރު ޕްރޮގްރާމުތަކާއި މަސްވެރިން ބަރުވެރިކުރުވުމުގެ އެކި ޕްރޮގުރާމުތައް ހިންގާ ކުންފުންޏެއް ވެސް މެ އެވެ.