Roadha Mihaaru
ހޯދަން އުޅެނީ މައުމޫން ހައްޔަރުކުރާނެ ބަޔާނެއް: ޒައިދު

އަޅުގަނޑު ބަންދުކޮށްގެން އުޅެނީ މައުމޫން ހައްޔަރުކުރެވޭ ފަދަ ބަޔާނެއް ހޯދަން: ޒައިދުލްއަމީން

22 ފެބުރުއަރީ 2017

އޭނާ ބަންދުކޮށްގެން އުޅެނީ އަސްލެއް ނެތް ތުހުމަތެއްގައި ކަމަށާއި ބޭނުމަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އޭނާ ބަންދުކޮށްގެން އުޅެނީ އަސްލެއް ނެތް ތުހުމަތެއްގައި ކަމަށާއި ބޭނުމަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރަކު ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި މީގެ މަހެއްހާ ދުވަސް ކުރިން ހައްޔަރުކޮށްފައިވާ ޒައިދުގެ ބަންދުގެ މުއްދަތު މިއަދު ފަސް ވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ. އޭނާ ގޭބަންދުގައި ބެހެއްޓުމަށް ފަހު މިއަދު އަލުން ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕީޕީއެމް ދެ ފަޅިވުމުން، މައުމޫނާ އެކު ހުންނެވި ޒައިދު އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ހައްޔަރުކުރީ އިތުރު ބަޔަކާ އެކު ވީޑިއޯއެއް މެދުވެރިކޮށް އެކި މީހުން ބްލެކްމެއިލްކުރަން ރާވައި، އެ ވީޑިއޯ މީޑިއާތަކަށް ދީގެން ސިޔާސީ މަންފާއެއް ހޯދަން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށެވެ. އެކަމަކު އެ ތުހުމަތުގައި ހައްޔަރުކޮށް، ސުވާލުކުރަނީ ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލައިގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައަކީ ރައީސް މައުމޫން ހައްޔަރު ކުރެވޭ ފަދަ ބަޔާނެއް އަޅުގަނޑުގެ ކިބައިން ހޯދުމަށް ފުލުހުން އުފައްދައިގެން އުޅޭ އަސްލެއް ނެތް މައްސަލައެއް ކަމަށް އަޅުގަނޑު ދެކެމެވެ،" ޒައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޔަކު ބްލެއިކްމެއިލް ކުރި ކަމުގެ ތުހުމަތަށް ހެއްކާއި ގަރީނާ ހޯދަން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސްކޮށް، ފޯނާއި ލެޕްޓޮޕް ވެސް ފުލުހުން ވަނީ އަތުލައިފަ އެވެ. އެއިން އެއްވެސް އެއްޗަކުން ވެސް ތުހުމަތުކޮށްގެން އުޅޭ މައްސަލާގައި އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޒައިދު ވިދާޅުވީ އޭނާ ހައްޔަރުކޮށްގެން އުޅެނީ ކާކު ބްލެއިކްމެއިލް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމެއް މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިއެއް ކަމަށް މާނަކުރަނީ، ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުން ހިމެނޭ ގޮތަށް ކަމަށް ތަހުގީގުގައި ފުލުހުން ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ނުފެނުމުން، ޒައިދު ވިދާޅުވި ގޮތުގައި، މިހާރު ސުވާލު ކުރަނީ ޕީޕީއެމްގެ އޮފީހުން ގެއްލުނު ހާޑް ޑިސްކާ ގުޅޭ ގޮތުންނެވެ.

"އެ ހާޑް ޑިސްކާއި އެ ބުނާ ވީޑިއޯ ވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުގައި ކަމަށް ބުނުމަށާއި ރައީސް މައުމޫން މިހާރު ގެންދަވަނީ ސަރުކާރާ ދެކޮޅަށް ސިއްރު ރޭވުންތަކެއް ރާއްވަވަމުން ކަމުގައި ބުނެ ބަޔާނެއް ދިނުމަށް ތަހުގީގުގައި ފުލުހުން ގެންދަނީ ތަކުރާރުކޮށް އެދެމުންނެވެ،" ޒައިދު ވިދާޅުވި އެވެ.

"އަދި އެކަމާ މެދު ގޮތެއް ނިންމުމަށާއި، ގޮތެއް ނިމެންދެން ގޭ ބަންދަށް ބަދަލުކުރިއިރު ތިން މަސް ދުވަހަށް އަޅުގަނޑުގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައިވާ ކަމަށް އަޅުގަނޑަށް ވަނީ އަންގައިފަ އެވެ،" ބަޔާނުގައިވެ އެވެ.

ޒައިދު ވިދާޅުވި ގޮތުގައި ދޫނިދު އާއި ގޭބަންދުގައި ހުރިއިރު ވެސް ވަކީލަކާ ނުލައި އޭނާ ވަނީ އެތައް ފަހަރަކު ފުލުހުންގެ މައި މަރުކަޒަށް ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުންތަކުގައި ދެކެވުނު އެއްވެސް ވާހަކައެއް ވަކީލާ ހިއްސާނުކުރަން ފުލުހުން އެދިފައިވާއިރު، އެ ބައްދަލުވުންތަކުގައި އޭނާއާ ވާހަކަ ދެއްކެވީ ފުލުހުންގެ އިސް އޮފިސަރެއް ކަމަށް ބަޔާނުގައިވެ އެވެ.

އެ ބައްދަލުވުންތަކުގައި، ދެކެވުނު ވާހަކަތަކުގެ ތެރެއިން، މައުމޫންގެ އެއްވެސް ބާރެއް ނެތް ކަމަށާއި އެމަނިކުފާނަށް ތާއީދުކުރުން ހުއްޓާލައި ސަރުކާރާ ގުޅެން އެ އޮފިސަރު ހުށަހެޅި ކަމަށް ވެސް ޒައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމަން، މުއްދަތުގެ މަޖިލީހުގައި ގާޒީ ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ. އެކަމަކު މުއްދަތު އިތުރުކުރަން އެދެނީ އިތުރަށް ކުރަން ޖެހޭ ސުވާލުތަކެއް ހުރުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުމޫނާ ދެކޮޅަށް ބަޔާނެއް ހޯދަން އުފައްދައިގެން އުޅޭ މައްސަލާގައި މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ އެއްވެސް ބޭފުޅަކާ ދެކޮޅަށް ވެސް ދޮގު ބަޔާނެއް ނުދޭނެ ވާހަކަ ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ގޭބަންދުން ޖަލަށް މިއަދު ބަދަލުކޮށްފައި މިވަނީ އެގޮތަށް ބަޔާން ދިނުމަށް އަޅުގަނޑު އިއުތިރާޒްކުރާ ވާހަކަ ފުލުހުންނަށް ދެންނެވުމުންނެވެ. އަދި އަޅުގަނޑު ނުކުރާ ކަމެއްގެ ތުހުމަތުގައި އަޅުގަނޑު ފުލުސް އޮފީހަށް ހާޒިރުކޮށް ބަންދުކޮށް ދެން ވެސް އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކާ ބެހޭ ގޮތުން ސުވާލުކޮށް އެކަމުގައި އަޅުގަނޑުގެ ބަޔާނެއް ހޯދުމަށް މަސައްކަތް ކުރަމުންދާތީ ކަންބޮޑުވަމެވެ،" ޒައިދު ވިދާޅުވި އެވެ.