Roadha Mihaaru
ޒައިދުގެ ބަޔާނުގައިވާ ކަންކަން ދަނީ ބަލަމުން: ޕޮލިސް

ޒައިދުގެ ބަޔާނުގައި ހުރި ކަންކަން ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިން އަންނަނީ ބަލަމުން: ޕޮލިސް

23 ފެބުރުއަރީ 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ދޭން ފުލުހުން އެދެމުންދާ ކަމަށް ބުނެ، މިހާރު ބަންދުގައި ހުރި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ނެރުނު ބަޔާނުގައިވާ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ބަޔާނެއް ދޭން ފުލުހުން އެދެމުންދާ ކަމަށް ބުނެ، މިހާރު ބަންދުގައި ހުރި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ނެރުނު ބަޔާނުގައިވާ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައީސް މައުމޫނަށް ތާއީދުކުރައްވާ ޒައިދު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ގޭބަންދުގައި އޭނާ ބެހެއްޓުމަށް ފަހު އިއްޔެ ވަނީ އަލުން ޖަލު ބަންދަށް ބަދަލުކޮށްފަ އެވެ. އެކަމާ ގުޅިގެން ޒައިދު ނެރުއްވި ބަޔާނުގައި ވަނީ އޭނާ ހައްޔަރުކުރުކޮށްގެން އުޅެނީ މައުމޫނާ ދެކޮޅަށް ބަޔާނެއް ހޯދަން ކަމަށެވެ.

މައުމޫނަށް ތާއީދުކުރެއްވުން ހުއްޓާލައި، ސަރުކާރަށް ތާއީދުކުރެއްވުމަށް ތަހުގީގުގައި ފުލުހުންގެ އިސް އޮފިސަރަކު ޒައިދުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި އެ އޮފިސަރުގެ ނަން ވެސް ޖަހާފައިވެ އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޒައިދުގެ ބަޔާނުގައި ހުރި ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސް އިން ބަލަމުން އަންނަ ކަމަށެވެ. ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްސްއަކީ ވަކިވަކި ފުލުހުންގެ މައްސަލަތައް ބަލަން ފުލުހުންގެ ތެރޭގައި އޮންނަ ޑިޕާޓްމެންޓެކެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ރައީސް ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، ޕާޓީ ހިންގުން ރައީސް ޔާމީނަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެހެންވެ ޕާޓީ ހިންގުން އެމަނިކުފާނުގެ ކޮންޓްރޯލްގެެ ދަށަށް ގެނައުމަށް ޕާޓީގެ ތަކެތި ރައީސް ޔާމީން ފެކްޝަންގެ ބެލުމުގެ ދަށަށް ގެނައިއިރު ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރު ހިމެނޭ ހާޑް ޑިސްކެއް ގެއްލިފައިވާ ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ބުނެއެވެ.

ޒައިދުގެ ބަޔާނުގައިވާ ގޮތުން ފުލުހުން ބޭނުންވަނީ އެ ހާޑް ޑިސްކު އޮތީ މައުމޫންގެ ބެއްލެވުމުގެ ދަށުގައި ކަމަށާއި ސަރުކާރާ ދެކޮޅު ރޭވުންތަކެއް މައުމޫން ރާއްވަވާ ކަމަށް ބުނެ ބަޔާނެއް ދިނުމަށެވެ. އޭގެ ބޭނުމަކީ މައުމޫން ހައްޔަރުކުރުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.