Roadha Mihaaru

އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރު ކުރި: ބްރުނޯ

ކޯޗު ރުބެން އަމޯރިމްގެ ބަސްތަކުން ކުޅުންތެރިންނަށް އަސަރު ކުރި ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރުނޯ ފެނާންޑޭޒް ބުނެފި އެވެ.

އެންމެ ދަށް ޓީމޭ އަމޯރިމް ބުނުމުން އަސަރުކުރި: ބްރުނޯ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

26 ޖެނުއަރީ 2025

ކޯޗު ރުބެން އަމޯރިމްގެ ބަސްތަކުން ކުޅުންތެރިންނަށް އަސަރު ކުރި ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރުނޯ ފެނާންޑޭޒް ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މިދިޔަ ހަފުތާގައި ބްރައިޓަން ހޯވްއެލްބިއޮންއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އަމޯރިމް ބުނެފައި ވަނީ ޔުނައިޓެޑްގެ މިހާރުގެ ޓީމަކީ އެ ކްލަބްގެ ތާރީހުގައި ވެސް އޮތް އެންމެ ދަށް ޓީމަށް ވެދާނެ ކަމަށެވެ.

ޕޯޗުގަލްގެ ކޯޗުގެ އެ ބަސްތަކުން އަސަރު ކުރި ނަމަވެސް އެއްވެސް ކުޅުންތެރިޔަކު އެކަމާ ރުޅި ނާންނަ ކަމަށް ބްރުނޯ ބުންޏެވެ.

އޭނާ ބުނީ އަމޯރިމް ވެސް އެގޮތަށް ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ނަފުސުވެސް ހިމަނައިގެން ކަމަށެވެ. އަދި އެކަން ކުޅުންތެރިންނަށް ވެސް ސާފުކޮށް އެނގޭކަމަށް ޕޯޗުގަލްގެ ވައިސް ކެޕްޓަން ބުންޏެވެ.

ޓީމުން ދަށް ކުޅުމެއް ދައްކާނަމަ، ކޮންމެ ކޯޗަކު ވެސް ހަރުކަށިކޮށް ވާހަކަ ދައްކާނެ ކަމަށް ބްރުނޯ ބުންޏެވެ.

"އޮލޭ [ގުނާ ސޯލްޝެއާ] ހުރި އިރު އަހަރެން ވެސް މިތާ ހުރިން. އެއީ އަހަންނަށް ފެނުނު އެންމެ މަޑުމައިތިރި މީހާ. އެކަމަކު އޭނާ ވެސް ބައެއް ފަހަރު ހަރުކަށިކޮށް އެއްޗިހި ބުނޭ،" ބްރުނޯ ބުންޏެވެ.

ބްރުނޯ ބުނީ އަމިއްލަ ޓީމާ ބެހޭގޮތުން ކޯޗު އެހެން ބުނަން އެއްވެސް ކުޅުންތެރިޔަކު ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް އެއީ ޓީމު އެ ހާލަތުން ނެގުމަށް ބާރުއެޅުމުގެ ގޮތުން ބުނާ ވާހަކައެއް ކަމަށް ކުޅުންތެރިން ދެކޭ ކަމަށް ބްރުނޯ ބުންޏެވެ.

"ކޯޗުގެ މަގާމުގައި ހުންނައިރު ނަތީޖާތައް އަންނަ ގޮތުން ބައެއް ފަހަރު ޖެހޭނެ ކުޅުންތެރިންނަށް ނިސްބަތްވާގޮތަށް އެކަހަލަ ވާހަކަ ބުނަން ވެސް. އެއީ ކޮންމެހެން ޓީމު ދަށްކޮށްލުމުގެ ގޮތުން ބުނާ ވާހަކަތަކެއް ނޫން. ކޯޗު ވެސް ބޭނުންވާނެ މެޗުތަކުން މޮޅުވާން. މި ވަގުތު އަހަރެމެންނަށް ހައްގު އެ ކަހަލަ ބަސްތައް އަޑުއެހުން،" އޭނާގެ އަމިއްލަ ގައުމު، ޕޯޗުގަލް އަށް ނިސްބަތްވާ އަމޯރިމްގެ ދިފާއުގައި ބްރުނޯ ވާހަކަ ދެއްކި އެވެ.

"އޭނާ ވަނީ އޭނާގެ އަމިއްލަ ނަފުސު ވެސް އެ ވާހަކައިގައި ހިމަނާފަ. އެހެން ވީމަ އެއްވެސް މީހަކު އޭނާގެ އެ ވާހަކަތަކުގެ ސަބަބުން ރުޅިއެއް ނާދޭ އަދި ހިތްހަމަނުޖެހޭކަން ވެސް ހާމައެއް ނުކުރޭ."

ލީގުގައި މިރޭ ޔުނައިޓެޑުން ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ.