Roadha Mihaaru

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުގެ ފުރުސަތު އަލުން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޯދަން ޖޭއެސްސީން ދެވަނަ ފަހަރަށް މިރޭ ހުޅުވާލައިފި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އަލުން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޯދަން ޖޭއެސްސީން ދެވަނަ ފަހަރަށް މިރޭ ހުޅުވާލައިފި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޭފުޅަކު ހޯދަން އެ ކޮމިޝަނުން މީގެ ދެ ދުވަސް ކުރި އިއުލާނުގެ މުއްދަތު މިއަދު ހަމަވިއިރު އެ ކަމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.

އެހެންވެ، ޖޭއެސްސީން މިރޭ ކުރި އިއުލާނެއްގައި ބުނީ، ކުރީގެ އިއުލާނުގެ ސުންގަޑި ހަމަވިއިރު، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ އަލުން ފުރުސަތު ހުޅުވައިލީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދަން ކުރި ދެ ވަނަ އިއުލާނުގެ ސުންގަޑިއަކީ ޖޭއެސްސީން ބުނިގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އެވެ.

އެކަމަކު އެ ކޮމިޝަނުން ބުނީ، ފުރަތަމަ އިއުލާނުގެ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވާ އެޕްލިކޭޝަން ނުވަތަ ނިހާޔަތުގެ ނަން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ މަަސައްކަތުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި އުމުރުން 30 އަހަރު ވެފައި މީހަކު ކަމަށް ވުމެވެ. މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމަށް ނުވުމާއި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައި ވެ އެވެ.

ޖޭއެސްސީގެ ކުރީގެ އިއުލާނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީކަމާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ކުރިން ފުރުއްވައިފަ އެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި އެވެ.

ނިހާޔަތު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޕީޖީގެ މަގާމަށާއި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވައިފަ އެވެ.