Roadha Mihaaru
އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލު ނުކުރަން: ފުއާދު

އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލެއް ނުކުރަން: ފުއާދު

06 މާޗް 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް މިއަދު، ސްރީ ލަންކާގައި، ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް މިއަދު، ސްރީ ލަންކާގައި، ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން މިދިޔަ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި، ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި، އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ވާހަކަ ދައްކަވަމުން، ފުއާދު ވިދާޅުވީ މިނިވަން، އިންސާފުވެރި އިންތިހާބަކުން ހޮވިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނާ މެދު އަމަލު ކުރަމުން ދާ ގޮތުން ވެސް، ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި ޕީޕީއެމްގެ ކުރީގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ފަހުން އެ ބޭފުޅުން މަޖިލީހަށް ވަދެވަޑައިގަތުމުގެ ފުރުސަތު އެ ތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިން ނުދެ އެވެ.

އީސީގެ އާ ރައީސް ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި-- މިހާރު ފޮޓޯ

އީސީގެ އާ ރައީސް ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި-- މިހާރު ފޮޓޯ

މިދިއަ ރިޔާސީ އިންތިހާބު ބޭއްވިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ފުއާދު ވިދާޅުވީ މިނިވަން އިންތިހާބަކުން ހޮވިވަޑައިގެންފައިވާ މެމްބަރުންތަކެއްގެ ވާޖިބު އަދާކުރުމުގެ ފުރުސަތު ނުދޭއިރު ރިޔާސީ އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ހޯދިދާނެ ކަމާ މެދު އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.

"މިހިރީ ހޮވިފައި ތިބި މީހުންނާ މެދު އަމަލުކުރަމުން އަންނަ ގޮތް. އެފަދަ ބައެއްގެ ހައްގުތައް ނުދޭ ބަޔަކު ކުރިއަށް އޮތް އިންތިހާބެއްގައި [މިނިވަން އިންތިހާބަކަށް] އެއްވެސް ފުރުސަތެއް ނުދޭނެކަމީ ޔަގީންކަމެއް،" މިހާރު ލަންކާގައި ދިރިއުޅުއްވަމުން އަންނަ ފުއާދު ވިދާޅުވި އެވެ.

ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އޮތީ މިދިއަ އަހަރަކު ކަނޑައަޅާފަ އެވެ. އެކަމަކު ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ކުރީގެ ނިންމުން ބާތިލްކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި މި އަހަރުގެ ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދަން ޖެހޭނީ އެ މެމްބަރުންނާ އެކުގައި ކަމަށް އެ އަމުރުގައިވެ އެވެ. ނަމަވެސް އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުން، އެ ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ، މެމްބަރުންނާ ބެހޭ ބަޔަށް އަމަލްކުރުން ފަސްކުރަން އާ އަމުރެއް ނެރެފަ އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލުނުކުރައްވާ އެންމެ ބޮޑު ސަބަބަކީ ރައީސް އަބްދުﷲ ޔާމީން އަންގަވާ ގޮތަށް ފަހަކަށް އައިސް އެ ކޮމިޝަނުން ނިންމުންތައް ނިންމާތީ އެވެ. އަދި އެއީ ހަމައިން ނައްޓާފައިވާ، "ގޮނޑިކޮއްކޮ ކޮމިޝަނެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ޕީޕީއެމް އުފެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ނަމަވެސް އެއީ އެމަނިކުފާނުގެ ހިއްސާއެއް އޮތް ތަނެއް ނޫން ކަމަށް ބުނެ، އެ ޕާޓީ "އަތުން ޖަހައިގަނެގެން" ގެންދިޔައިރު ވެސް އީސީ އޮތީ ހިމޭނުން، ބަހެއް ނުބުނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް މިއަަދު އަލަށް އައްޔަންކުރި އަހުމަދު ޝަރީފު ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ކަންކަން ކުރާނީ ގާނޫނާއި ގަވާއިދުތަކުގެ ދަށުންނެވެ. އަދި ވަކި ފަރާތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.