Roadha Mihaaru
ވެލިގާ އިން ބްލަންކްގެ ނަމުގައި އާ ޝޯރޫމް ހުޅުވައިފި

ވެލިގާ ހާޑްވެއާ އިން "ބްލަންކް"ގެ ނަމުގައި އާ ޝޯރޫމް ހުޅުވައިފި

05 އެޕްރީލް 2018

ވެލިގާ ހާޑްވެއާ އިން "ބްލަންކް"ގެ ނަމުގައި ސެނިޓަަރީ އާއި ގޭތެރޭގެ އިންޓީރިއާ ޑިޒައިނަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބޭ ގޮތަށް، އާ ޝޯރޫމެއް ހުޅުވައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ވެލިގާ ހާޑްވެއާ އިން "ބްލަންކް"ގެ ނަމުގައި ސެނިޓަަރީ އާއި ގޭތެރޭގެ އިންޓީރިއާ ޑިޒައިނަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބޭ ގޮތަށް، އާ ޝޯރޫމެއް ހުޅުވައިފި އެވެ.

ބްލަންކް ޝޯރޫމް ހުޅުއްވައިދެއްވީ، މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރާއި ތައިލޭންޑް މަޝްހޫރު ކުންފުންޏެއް ކަމަށްވާ ވީއާރުއެޗްގެ ޖެނަރަލް މެނޭޖަރު ޕިސާނޯ އެވެ.

އެ ރަސްމިއްޔާތުގައި، ވެލިގާ ހާޑްވެއާގެ ޑިރެކްޓަރެއް ކަމަށްވާ ހަދީޖާ މުހައްމަދު ވިދާޅުވީ، ބްލަންކުން ވިއްކާނީ އެންމެ ފަހުގެ ސެނިޓަރީ ސާމާނު ކަމަށެވެ. އެގޮތުން އެ އެއްޗެއްސަކީ ފެނުގެ ހަރަދު ކުޑަ އަދި ކުދި ޖާގަތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ޑިޒައިން ކުރެވިފައިވާ ޕްރޮޑަކްޓްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބްލަންކް ޝޯރޫމަކީ މިގޮތަށް ވަކި ދާއިރާއަކަށް ޚާއްސަކޮށްގެން ހުޅުވޭ ފުރަތަމަ ފިހާރަ، ވެލިގާ ހާޑްވެއާގެ ފަރާތުން. މިކަން ކުރުމަށް އަޅުގަނޑުމެން ހިޔާލުކުރީ މި ދާއިރާގައި މަސައްކަތް ކުރާ ކަސްޓަމަރުންގެ ތަޖުރިބާ އާ ބޭނުންތަކަށް ވިސްނައިގެން،" ޖަނަވަރީ މަގު، މަޖީދީ މަގު ކަންމައްޗާ ދިމާލުގައި ހުޅުވި ފިހާރަ އާ ގުޅޭގޮތުން ހަދީޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާ ޝޯރޫމާ އެކު އެ ކުންފުނީގެ އަމާޒަކީ ފާހާނަ އާއި ގޭތެރެ ޑިޒައިން ކުރުމަށް މިހާރު ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ބްލަންކުން ފާހާނާ އަށް ބޭނުންވާ ހުރިހާ ސާމާނަކާއި، ލައިޓިންގެ އިތުރުން ގޭތެރޭގެ އިންޓީރިއާ ޑިޒައިނަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށް ހަދީޖާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލީ ދިވެހިންނަށް އާންމުކޮށް މިދިމާވާ މައްސަލަތަކަށް ހައްލު ލިބޭނެފަދަ ޕްރޮޑަކްޓްތަކެއް ހޯދުމަށް. މިގޮތުން ފެނުގެ ހަރަދު ކުޑަ، ކުދި ޖާގަތަކުގައި ބޭނުންކުރެވޭ ފަހުގެ އުފެއްދުންތައް ހޯދުމަށް އަޅުގަނޑުމެން ވަރަށް އިސްކަން ދިނިން،" ހަދީޖާ ވިދާޅުވި އެވެ.

ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރާއި ވީއާރުއެޗްގެ ޖެނަރަލް މެނޭޖަރު ޕިސާނޯ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރާއި ވީއާރުއެޗްގެ ޖެނަރަލް މެނޭޖަރު ޕިސާނޯ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ވީއާރުއެޗްގެ ޖެނަރަލް މެނޭޖަރު ޕިސާނޯ ވިދާޅުވީ، ވެލިގާ ހާޑްވެއާ އަކީ އެ ކުންފުންޏާ ވަރަށް އެއްގޮތް ކުންފުންޏެއް ކަމަށެވެ. އެގޮތުން ދެ ކުންފުނީގެ އަމާޒަކީ ވެސް ވީހާ ވެސް ކޮލެޓީ ޕްރޮޑަކްޓްތައް، ހެޔޮ އަގެއްގައި ވިއްކުން ކަމަށް ވެސް ޕިސާނޯ ވިދާޅުވި އެވެ.

"މި ޚާއްސަ ރަސްމިއްޔާތަށް އަޅުގަނޑުމެންނަށް ދައުވަތު ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. މިކަން ކާމިޔަބުވާނެކަން އަޅުގަނޑުމެންނަށް ޔަގީން،" ފާހާނަ އަށް ބޭނުންވާ ސާމާނު، ފުޅާ ދާއިރާއެއްގައި އުފައްދާ ކުންފުނީގެ ފަރާތުން ޕިސާނޯ ވިދަޅުވި އެވެ.

ގޭބިސީތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ރިސޯޓުތަކަށް ބޭނުންވާ ސާމާނު!

ކަސްޓަމަރުން ފިހާރަ އަށް ވަނުމުން ފަސޭހަ ކަމާ އެކު ބޭނުންވާ ޕްރޮޑަކްޓް ފެންނާނެ ގޮތަށް، ދެ ބުރި އަށް ޑިޒައިން ކޮށްފައިވާ ފިހާރަ އިން ގޭބިސީތަކާއި، ގެސްޓްހައުސްތައް އަދި ސަފާރީތަކުގެ އިތުރުން ރިސޯޓްތަކަށް ބޭނުންވާ ސާމާނު ލިބެން ހުންނާނެ އެވެ.

ބްލަންކް ޝޯރޫމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ބްލަންކް ޝޯރޫމް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ވެލިގާގެ މާކެޓިން މެނޭޖަރު އިރުފާއު އަބްދުﷲ ވިދާޅުވީ، ބްލަންކްގައި މައިގަނޑު ގޮތެއްގައި ހުންނާނީ ވީއައިއެޗްގެ އުފެއްދުންތައް ކަމަށެވެ. އަދި އެ ތަކެއްޗަކީ އެންމެ ކުދި ފާހާނަތަކުން ފެށިގެން ބޮޑެތި ތަންތަނަށް ވެސް ބޭނުން ކުރެވޭނެ ޕްރޮޑަކްޓްތައް ކަމަށް ވެސް އިރުފާއު ވިދާޅުވި އެވެ.

އިރުފާއު ވިދާޅުވީ ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ވީއައިއެޗްގެ ޕްރޮޑަަކްޓްތައް ރާއްޖެ އަށް ގެނައުމުގެ ހުއްދަ ރަސްމީކޮށް ވެލިގާ ހާޑްވެއާ އަށް ދީފައިވާ ކަމަށެވެ. އަދި ބްލަންކުން އެ ޕްރޮޑަކްޓްތައް ގަންނަ މީހުންނަށް، ތައިލޭންޑާ އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރާއި ވީއާރުއެޗްގެ ޖެނަރަލް މެނޭޖަރު ޕިސާނޯ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރާއި ވީއާރުއެޗްގެ ޖެނަރަލް މެނޭޖަރު ޕިސާނޯ.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ފުޅާ ދާއިރާއެއްގައި ހާޑްވެއާ ވިޔަފާރި ކުރަމުން އަންނަ ކުންފުނިން ބުނީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ބަލާނީ، ވަކި ކަންކަމަށް ޚާއްސަ ކޮށްފައިވާ "ސްޕެޝަލައިޒްޑް ކޮންސެޕްޓް ސްޓޯ"ތައް ހުޅުވަން ކަމަށެވެ. އެގޮތުން ބްލަންކް އަކީ ސެނިޓަރީ އަދި އިންޓީރިއާ ޑިޒައިން ޕްރޮޑަކްޓްތަކަށް ހާއްސަ ތަނެކެވެ.